Roadha Mihaaru
އެފްޑީސީގެ ފުރަތަމަ ޓަވަރުތަކަށް ކަރަންޓު/ފެން ދޫކުރަނީ

އެފްޑީސީގެ ފުރަތަމަ ޓަވަރުތަކުގައި ލިފްޓް ހަރުކޮށް، މި އަހަރު ކަރަންޓާއި ފެން ދޫކުރަނީ

29 އޮކްޓޯބަރ 2023

ހުޅުމާލެ 2ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކުރަމުން ޓަވަރުތަކުގައި މި އަހަރު ނިމުމުގެ ލިފްޓް ހަރުކޮށް، ކަރަންޓާއި ފެން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ 2ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކުރަމުން ޓަވަރުތަކުގައި މި އަހަރު ނިމުމުގެ ލިފްޓް ހަރުކޮށް، ކަރަންޓާއި ފެން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެފްޑީސީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އައްފާން "މިހާރު" އަށް ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާފައިވާ ފުރަތަމަ ހައެއްކަ ޓަވަރުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތް ކަމަށެވެ.

އެއަށްފަހު، އެންމެ އަވަހަށް ނިމޭ ޓަވަރުތަކަށް މި އަހަރު ނިމުމުގެ ކުރިން ފެނާއި ކަރަންޓު ފޯރުކޮށްދީ، އެ ހުރިހާ ތަނެއްގައި ލިފްޓް ހަރުކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޓަވަރަކަށް ބޭނުންވާ ލިފްޓް ގެނައުމުގެ މަގުމަތީގައި ވަނީ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހުންނާނެ. މަސައްކަތް ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައ އެ ހުރިހާ ލިފްޓެއް ހަރުކޮށް ނިމޭނެ." އައްފާން ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ 32 ޓަވަރެއްގައި 4،000 ފްލެޓު ހަދާށެވެ. ކޮންމެ ޓަވަރެއްގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ.

އެ ފްލެޓުތައް ނިމޭ ވަރަކުން ކަރަންޓާއި ފެން ފޯރުކޮށްދޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ވަނީ އެ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފަ އެވެ. ނަމަވެސް، މިނިސްޓްރީން ފޯނު ނުނަގާތީ އެ ތަންތަނުގައި މީހުން ދިރިއުޅެން ފަށާނެ ތާރީހެއް ސާފެއް ނުވެ އެވެ. އެކަމަކު، އެފްޑީސީން ބުނީ ފެނާއި ކަރަންޓާއި ލިފްޓް ހަރުކުރުމުން އެ ތަންތަން ހުންނާނީ މީހުން ދިރިއުޅެން ފުރިހަމަވެފައި ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ދެ ޕްރޮޖެކްޓެއް ގޮތަށް ކުރިއަށްގެންދާ ފްލެޓުތައް އެއްކޮށް ނިންމާލެވޭނީ 2025ގެ ކުރީކޮޅެވެ. އެ މަޝްރޫއު ކުރިއަށްގެންދަމުން އަންނަނީ އިންޑިއާގެ ޖޭއެމްސީ އަދި އެންބީސީސީންނެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް 16 ޓަވަރުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.