Roadha Mihaaru
މަޖިލިސް މައްސަލަ ކޯޓަށް ނުބެލޭނެ: ޑިމޮކްރެޓްސް

ޑިމޮކްރެޓުން ބުނީ މަޖިލީހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް

06 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމާ ގުޅޭގޮތުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިހުތިސާސެއް އެ ކޯޓަށް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޑިމޮކްރެޓްސް އިން މިއަދު ޝަރީއަތުގައި ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމާ ގުޅޭގޮތުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިހުތިސާސެއް އެ ކޯޓަށް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޑިމޮކްރެޓްސް އިން މިއަދު ޝަރީއަތުގައި ބުނެފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލްވެފައިވާ ޑިމޮކްރެޓްސްގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ އިޖުރާއީ ގޮތުން ބަލާއިރު މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ނެތް މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، އިއްޔެގެ ވަގުތެއްގައި މައްސަލައަށް ތަދައްހުލްވުމުގެ ފުރުސަތު ލިބުމުން، މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީންނާއި މަޖިލީހުގެ އިތުރުން ދެން މި މައްސަލައަށް ތަދައްހުލްވެފައިވާ ޕީޕީއެމް/ޕީއެންސީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ދިރާސާކުރުމުގެ ވަގުތު ނުލިބުނު ކަމަށް ޝާއިރު ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވަނީ ލިޔެކިޔުންތައް ދިރާސާކޮށް، ޑިމޮކްރެޓުން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ތަފްސީލީ ގޮތެއްގައި ހުށަހަޅަން އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެއާ އެކު، މި މައްސަލަ ބައްލަވައި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މާދަމާ ހެނދުނު 9:00 ގައި އެހެން އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރައްވައި މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި މަޖިލީހުގެ ފަރާތުން ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެ ނޫން ގޮތަކަށް އަމަލުކުރެވޭނީ ގަވައިދު އިސްލާހުކޮށްގެން ކަމަށެވެ.

ފިލްޒާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 82 މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިނދެގެން ނުވާނެ ކަމަށް ބަޔާންކޮށް، މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހައްލުކޮށްދީފައި އޮއްވައި، މަޖިލީހުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކުރީ މަޖިލީހުގެ ވަކި ނިޔަތެއް އޮވެގެން ކަމަށް ގަބޫލުކުރެއްވެ އެވެ.

ފިލްޒާ ވިދާޅުވީ، މަޖިލީހަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރިޔަސް، މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދަން ހުރަހެއް އޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެއީ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ނަޝީދު ވަކިކުރުމުގެ ގަރާރު އަދި މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅިފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވާއިދަށް އެމެންޑްމެންޓެއް [އިސްލާހެއް] ގެންނަން ޖެހޭނީ. އެ ލަފާ އަޅުގަނޑުމެން ދީފައި ވާނީ،" ފިލްޒާ ވިދާޅުވި އެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު އެދިވަޑައިގަތީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓޭ ގޮތަށް މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެހެން ވިދާޅުވުމުން، ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވަނީ ބަންޑާރަ ނައިބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އާޒިމާ ފުރަތަމަ ނެންގެވީ އިޖުރާއީ އިއުތިރާޒެކެވެ. އޭނާ ވިދާޅުވީ މަޖިލިސް ތަމްސީލްކުރާ ބަންޑާރަ ނައިބާއި މަޖިލީހުގެ ވިސްނުން ތަފާތުކޮށް އޮތުމުން ދައުލަތުގެ ސްޑޭންޑަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ. އެ އިއުތިރާޒު، ބެންޗުން ބަލައެއް ނުގަނެ އެވެ.

މައްސަލައަށް ތަދައްހުލްވި ފަރާތުގެ ހައިސިއްޔަތުން އާޒިމާ ވިދާޅުވީ ޖޫން މަހުން ފެށިގެން ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓިފައި ކަމަށާއި ރިއާސީ އިންތިހާބެއް ވެސް ނިމިގެން ދިޔައީ މަޖިލިސް ހުއްޓިފައި އޮވެގެން ކަމަށެވެ. އެއީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފަށް ނެރޭ މާނަކުރުންތަކެއްގެ ސަބަބުން ކަމަށް ބަންޑާރަ ނައިބު ވެސް ގަބޫލުކުރައްވާ ކަމަށާއި އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅައި އޮވެ، މިހާރު ކޯޓަށް ވަޑައިގެން އެ ވާހަކަ ދެއްކުމުން ކޯޓުން އެކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.