Roadha Mihaaru
"މެމްބަރުންނަށް މަޖިލިސް ހުއްޓުވުމުގެ އިމްތިޔާޒް ލިބޭ"

މަޖިލީހަށް ހުރަސްއެޅުމަކީ މެމްބަރުންނަށް ލިބޭ އިމްތިޔާޒެއް: ޑިމޮކްރެޓްސް

07 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހަކީ މައިގަނޑު ގޮތެއްގައި ސިޔާސީ މަސައްކަތްތައް ކުރާ ތަނަކަށް ވާތީ ސިޔާސީ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅައި ހުއްޓުވުމަކީ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑިމޮކްރެޓްސް އިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހަކީ މައިގަނޑު ގޮތެއްގައި ސިޔާސީ މަސައްކަތްތައް ކުރާ ތަނަކަށް ވާތީ ސިޔާސީ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅައި ހުއްޓުވުމަކީ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑިމޮކްރެޓްސް އިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލްވެފައިވާ ޑިމޮކްރެޓްސްގެ ފަރާތުން ވަކީލް އަބްދުﷲ ޝާއިރު ކޯޓުގައި ވިދާޅުވީ މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ނެތް މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޝާއިރު ވިދާޅުވި ގޮތުގައި މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"...ގަވާއިދުގައި ސާފުކޮށް ބުނެފައެއް އޮތް އެއްޗެއް އިތުރު ގޮތަކަށް މާނަކުރުމަކީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވާއިދު ބަދަލުކުރުން ކަމަށް އަޅުގަނޑުމެން ދެކެނީ،" - ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު

މީގެއިތުރުން، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން މަޖިލީހުން ވެސް އެދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ، ޝާއިރު ވިދާޅުވި ގޮތުގައި، ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި އެއް ބާރުން އަނެއް ބާރުގެ އިހުތިސޯސް ތެރެއަށް ވަނުން ހުއްޓުވުމުގެ މަފްހޫމްގަ އެވެ.

"...ގަވާއިދުގައި ސާފުކޮށް ބުނެފައެއް އޮތް އެއްޗެއް އިތުރު ގޮތަކަށް މާނަކުރުމަކީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވާއިދު ބަދަލުކުރުން ކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އިންނަންވަންޖެހޭ ގޮތަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ޑިމޮކްރެޓްސްއިން ގަބޫލުކުރާ ކަމަށް ޝާއިރު ވިދާޅުވި އެވެ.

އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ފަދައިން، ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުދާތީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓި، ދުސްތޫރީ ހުސްކަމަކަށް ނުދާކަމަށް ޝާއިރު ވިދާޅުވި އެވެ. އަދި މަޖިލީހުގައި ހިނގަނީ ސިޔާސީ މަސައްކަތްތަކެއް ކަމަށްވާ އިރު، ސިޔާސީ އެކި ބޭނުންތަކަށް މަޖިލީހުގެ ޖަލްސާތަކަށް ނުވަތަ މަސައްކަތްތަކަށް ހުރަސްއެޅުމަކީ މެމްބަރުންނަށް ލިބޭ އިމްތިޔާޒެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

"...މަޖިލީހުގެ މެމްބަރުން ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅުއްވުމަކީ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒެއް ކަން އެނގޭ އިރު، އެ ފަދަ ޕޮލިޓިކަލް ޕްރޮސެސްއެއްގެ ތެރެއިން ކުރެވޭ ކަމަކުން މަޖިލިސް ހުއްޓި ދުސްތޫރީ ހުސްކަމެއް އައުމެއް ނޫން ކަން،" ޝާއިރު ވިދާޅުވި އެވެ.

ޕޮލިޓިކަލް ޑޮކްޓްރައިންގެ ދަށުން މައްސަލަ ނުބެލޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނާތީ އެކަމާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު ވަނީ ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.

އެ ސުވާލަށް ޑިމޮކްރެޓްސްގެ ފަރާތުން ޖަވާބު ދެއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައެއް ހުށަހެޅި ކަމަށެވެ.

ނަމަވެސް، ރިޔާސީ އިންތިހާބާ ގުޅިގެން އުފެދުނު ސިޔާސީ ސަބަބުތަކަށްޓަކައި އެ މައްސަލަ އަނބުރާ ނަންގަވައި، އަނެއްކާ ވެސް އެ ހާލަތު ބަދަލުވުމުން އަލުން އާ ގަރާރެއް ހުށަހެޅުއްވީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އިތުބާރު ނެތް ކަމުގެ ގަރާރަކީ ވެސް ސިޔާސީ މަގުސަދުތަކެއް އޮތް ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންގެ ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލާނެ ކަމަށް ބެލެވެ އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.