Roadha Mihaaru
ބެލެނިވެރިންގެ ޝަކުވާތަކަށް މިނިސްޓަރުގެ ޖަވާބު!

ބެލެނިވެރިންގެ ޒަމާންވީ ޝަކުވާތަކަށް މިނިސްޓަރު ދެއްވާ އުންމީދީ ޖަވާބު!

23 ނޮވެމްބަރ 2023

އިރުއިރުކޮޅާ ދަރިފުޅުގެ ސްކޫލް އެކްޓިވިޓީ ޔުނީފޯމް ބަދަލުވެގެން އެ ހޯދަން ކޮޅުކޮޅަށް ދުވަންޖެހެ އެވެ. އެހެން ނޫނީ ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ސަބަބުން ރޭގަނޑު އެތައް އިރެއްވަންދެން ދަރިފުޅު ސްކޫލުގައި އެތައް ވަގުތެއް ހޭދަކުރަންޖެހެ އެވެ. އޭގެ އަނެއް ކަމަކީ، ސްކޫލަށް ފީ ނުދެއްކިއަސް ދަރިވަރުންގެ ކިޔެވުމަށް ބެލެނިވެރިންގެ އަތުން ކޮންމެ މަހަކު ވެސް ބޮޑު ހަރަދެއް ހިނގުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިރުއިރުކޮޅާ ދަރިފުޅުގެ ސްކޫލް އެކްޓިވިޓީ ޔުނީފޯމް ބަދަލުވެގެން އެ ހޯދަން ކޮޅުކޮޅަށް ދުވަންޖެހެ އެވެ. އެހެން ނޫނީ ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ސަބަބުން ރޭގަނޑު އެތައް އިރެއްވަންދެން ދަރިފުޅު ސްކޫލުގައި އެތައް ވަގުތެއް ހޭދަކުރަންޖެހެ އެވެ. އޭގެ އަނެއް ކަމަކީ، ސްކޫލަށް ފީ ނުދެއްކިއަސް ދަރިވަރުންގެ ކިޔެވުމަށް ބެލެނިވެރިންގެ އަތުން ކޮންމެ މަހަކު ވެސް ބޮޑު ހަރަދެއް ހިނގުމެވެ.

މިއީ، ބަންދަކަށްފަހު ސްކޫލުތައް އަލުން ހުޅުވާއިރު އެތައް ބެލެނިވެރިންގެ އާއްމު އަދި ޒަމާންވީ ޝަކުވާތަކެވެ.

ނަމަވެސް، ބެލެނިވެރިއެއްގެ ހައިސިއްޔަތާއެކު، އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް މި ޝަކުވާތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އެއީ ރަނގަޅު ޝަކުވާތަކެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޑަކުދިން، ހާއްސަކޮށް 8-12 އަހަރާ ދެމެދުގެ ކުދިންނަށް ރޭގަނޑު 9 ގެ ފަހުން އިތުރު ހަރަކާތްތައް ހިންގުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އެ ވަގުތަކީ ދަރިވަރުން ނިދަން ޖެހޭ ވަގުތަށް ވިޔަސް އިތުރު ހަރަކާތްތައް ރާވާފައިވާ ގޮތުން އެ ކުދިން ލަސްވަންދެން ވެސް ހަރަކާތްތަކުގައި ބައިވެރިވާންޖެހެނީ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން މިހާރު ހަމައެކަނި މިނިސްޓްރީގައި ހުރި މީހެއްގެ ހައިސިއްޔަތަކުން ނޫން. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން ތުއްތު ކުދިންނަށް، ހާއްސަކޮށް 8-12 އަހަރާ ދޭތެރޭގެ ކުދިންނަށް 9 ގެ ފަހުން އެކްޓިވިޓީސްތައް ހިންގަންޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންތަކެއް، ސްކޫލުގެ ގޯތި ތެރޭގައި ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންތަކެއް، ސްކޫލުގެ ގޯތި ތެރޭގައި ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެ އުމުރު ފުރައިގެ ކުދިންނަކީ އެހާކަށްހާއިރު ނިދަން ތައްޔާރުވާންޖެހޭ ކުދިންތަކެއް. އެކަމަކު، އަޅުގަނޑުމެންގެ އެކި އެކްޓިވިޓީސްތައް ރާވާލާފައިވާ ގޮތުން ގާތްގަނޑަކަށް 10 ޖަހަންދެން ވެސް އަޅުގަނޑުމެންނަށް ފެނޭ އެކްސްޓްރާ ކަރިކިއުލާ އެކްޓިވިޓީސްތަކާއި ކޯ-ކަރިކިއުލާ އެކްޓިވިޓީސްތަކުގައި ކުދިން ވަރަށް ބޮޑަށް އެންގޭޖްވާތަން."

އެ ހުރިހާ ހަރަކާތްތަކާ އެކު ލޯޑު ބޮޑު ވަނީ ދަރިވަރަށް އެކަންޏެއް ނޫނެވެ. ޓީޗަރުންނާއި ބެލެނިވެރިންނަށް އޭގެ އަސަރު ކުރެ އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ބެލެނިވެރިންނަކީ ވަޒީފާގައި އުޅެފައި، އެ ލިބޭ ހުސްވަގުތުގައި ދަރިންނާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވާނެ ބައެއް ކަމަށެވެ. އެކަމަކު، އޭގެ ބަދަލުގައި ސްޓޭޑިއަމްގައި އަނެއްކާ ވެސް ދަރިފުޅު ކުޅޭތީ ކޮޅަށް ހުންނަން ޖެހުމުން އުފުލަންޖެހޭނެ ތަކުލީފު ބޮޑުވާނެ ކަމަށާއި އެކަމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެޑްރެސް ކުރާނެ އިޝޫއެއް. އޭގެ ހައްލުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން." އޭނާ ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޝަފީއު ވަނީ މިިދިޔަ ހޯމަ ދުވަހު މާލޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި، ހުރިހާ ޕްރިންސިޕަލުން ވެސް، މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވި އެއް ކަމަކީ ޓީޗަރުންގެ ވޯކްލޯޑު ބޮޑުވުމުން، އެކަން ހައްލުކޮށްދިނުމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ ޔުނިވާސިޓީގައި ތައުލީމީ ދާއިރާ ދިރާސާކުރާ މީހުންނާއި ޕޮލިސީ ޓީމާއި ޓީޗަރުންނާއި ޕްރިންސިޕަލުންނާ މަޝްވަރާކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިހެން ހުރި މައްސަލަތަކަށް އަޅުގަނޑުމެން މާ ލަހެއް ނުކުރާނަން. ހަމަ ހަރުދަނާ އެވިޑެންސްތަކެއް އަޅުގަނޑުމެން ކަލެކްޓުކުރެވުނުހާ އަވަހަކަށް އަޅުގަނޑު އޭގެ ޑިސިޝަންތައް މޭކްކުރާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ބޭފުޅުންގެ ކޮންސާންސްތަކަކީ ހަމަ ވަރަށް ލެޖިޓިމޭޓް، ވަރަށް ވެލިޑް ކޮންސާންސްތަކެކޭ. އެ އެންމެ ބޭފުޅުން ވަޑައިގެން، އެ އެންމެ ބޭފުޅުން އެއްގޮތަކަށް އެއް ކަމެއް ފާހަގަކުރައްވާނީ އަޅުގަނޑު ގަބޫލުކުރަނީ ހަމަ އެއީ އިޝޫއަކަށް ވީމައޭ." މިނިސްޓަރު ވިދާޅުވި އެވެ.

ބެލެނިވެރިންގެ ފަރާތުން މިނިސްޓަރު ހުށަހެޅި އަނެއް ޝަކުވާއަކީ، ސްކޫލުތަކަށް ބެލެނިވެރިންގެ އަތުން ބޮޑު ހަރަދެއް ކުރަން ޖެހުމެވެ. އެ ތަކްލީފު އެންމެ ބޮޑަށް އުފުލަނީ ގިނަ ދަރިން ތިބި ބެލެނިވެރިންނެވެ. ޝަފީއު ވިދާޅުވި ގޮތުގައި ކްލާސްރޫމުގައި ކިޔަވައިދިނުމަށް މިގޮތަށް ބޮޑު ހަރަދެއް ހިނގާނަމަ އެއީ ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށެވެ.

"ސްކޫލުތަކުން އަމިއްލައަށް ރާވައިގެން ހިންގާ ހަރަކާތްތަކެއް ނަމަ އެކަން ބަލައި، ހަރަދުތައް ކުޑަކުރަން އިންސްޓްރަކްޝަން ދޭންޖެހޭ. އެކަމަކު، ހަރަދު ދަނީ ކިޔަވައިދިނުމަކާ ގުޅޭ ކަމެއް ނަމަ އެއީ މިނިސްޓްރީން ހައްލުކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުން ވެސް އަދި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ އެންމެން ވެސް ކަންބޮޑުވާ އެއް ކަމެއް އެބައޮތެވެ. އެއީ، ދަރިވަރުންގެ އަހުލާގު އެއް އަހަރުން އަނެއް އަހަރަށް ގޯސްވަމުން ދިއުމެވެ. ބޮޑު ކުށްތަކުގައި، ސްކޫލު އުމުރުގެ ކުދިން ބައިވެރިވަމުން ދާތީ އެކަމުގެ ކަންބޮޑުވުންތަކެވެ. ނަމަވެސް، ތައުލީމީ ނިޒާމު މިހާރު ބައްޓަން ކޮށްފައިވާ ގޮތުން، އެ ކުދިންނަށް ނަސޭހަތް ދިނުން ފިޔަވައި ކުދިން އިސްލާހުކުރަން ކުރެވޭނެ ކަމެއް ނެތެވެ.

ކްލާސްރޫމުގައި ކިތައްމެ ސަކަރާތެއް ޖެހިއަސް ކޮޅަށް ވެސް ނުނެގެ އެވެ. ނޫނީ ކްލާސްރޫމުން ބޭރެއް ނުކުރެވެ އެވެ.

މިނިސްޓަރު ވިދާޅުވީ ކުދިން ރަނގަޅުކުރެވޭނީ ހަމައެކަނި ފިޒިކަލް ޕަނިޝްމަންޓަކުން އެކަނި ނޫން ކަމަށެވެ. އެއާއެކީ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިން ވަނީ ދުނިޔެ އަށް ހުޅުވާލެވި، ކޮމްޕިއުޓަރާއި އައިޕެޑާ އެކު ޓެކްނޮލޮޖީ އަށް ހުޅުވާލެވިފައި. ގިނަ ކުދިން ފޯނު ވެސް ގެންގުޅޭ. ކުއްޖާ ރަށެއްގައި ހުރެއްޖެ ނަމަ އެ ކުއްޖާ ހުންނަނީ އެ ރަށުގައި އެކަނި ކަމަށް ގަބޫލުކޮށްގެން ނުވާނެ. އެ ކުއްޖާ ފިޒިކަލީ އެ ރަށުގައި ހުއްޓަސް އޭނާގެ ރެފަރެންސް ގްރޫޕް އެހެން ފަރާތަކާ އެކު ކަމަށް ވެސް ވެދާނެ."

އެ ސަބަބުތަކާ ހެދި ކްލާސްރޫމް މެނޭޖްމަންޓް އަދި ކުދިން ގެންގުޅޭ ގޮތް ވެސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ތެރެއިން ތަރައްގީކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިހުޒަމާނުގައި ކްލާސްރޫމް މެނޭޖްމަންޓު އެޕްރޯޗްގެ ސަބަބުން ކުއްޖާއަށް ސްކޫލު ތެރެއިން މަލާމާތްކުރުމުން ގެންނަންޖެހޭ ބިހޭވިއާ ބަދަލުތައް ގެނައުމުގައި ދަތިތައް ހުންނާނެ ކަމަށާއި އެ އުމުރުގެ ކުދިންނަށް ކިޔަވައިދިނުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިންޓަ ސްކޫލު މުބާރާތެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދަރިވަރު

އިންޓަ ސްކޫލު މުބާރާތެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދަރިވަރު

"ކޮންމެ ކުއްޖެއް ވެސް ތަފާތުވާނެ. މުޖުތަމައުގައި ނޭދެވޭ ކަންކަން ކުރާ މީހުން އެންމެ ބޭނުން ވާނީ ސްކޫލު ތެރެއިން ކުދިން ރެކްރޫޓުކުރަން. އެކަންކަމާ އެކު، ކުދިންގެ ހައްގުތަކާ ގުޅުންހުރި އިދާރާތަކާއި ޖުވެނަލް ޖަސްޓިސް ޔުނިޓާއެކު ތެދު ނިޔަތެއްގައި ކަމެއް ކޮށްފިނަމަ ފެންނަނީ ނަތީޖާ ފެންނާނެ ކަމަށް. ތަންކޮޅެއް ފޮޓޯ އިވެންޓު މަދުކޮށްލާފައި."

"ބޭނުންވަނީ މައުނަވީ، އޮށްޓަރު ހުރި ކަމެއް ދެއްތޯ؟ ކަމަކަށް ރިބަން ކަނޑާލާ ގޮތަށް މި ކަހަލަ ކަންތައް ކުރަން ފަށައިފިއްޔާ ނަތީޖާއެއް ނާންނާނެ."

ރާއްޖޭގެ މާހައުލަކާ މި ޔުނީފޯމްތަކެއް ނުގުޅޭ

ސަރުކާރުން ހިންގާ ސްކޫލުތަކެވެ. އެކަމަކު، އެކި ސްކޫލުތަކުގައި އެކި އެކްޓިވިޓީ ޔުނީފޯމެވެ. އެ ސްކޫލަކުން ބޭނުންވެއްޖެނަމަ ޔުނީފޯމް ބަދަލުކުރަންވީ އެވެ.

މިނިސްޓަރު ވިދާޅުވީ ޕަބްލިކް ސްކޫލުތަކުގައި ޔުނީފޯމްގެ ކޮމްޕޯނަންޓުތައް އެއްގޮތްވާން ޖެހޭ ކަމަށެވެ. އޭގެ މިސާލެއް ނަންގަވަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ސްކޫލެއްގައި ވެސް ކުދިން ލާ ހަރުވާޅު އެއް ކުލަ ކޮށްފިނަމަ ބެލެނިވެރިންނަށް ފަސޭހަވާނެ ކަމަށެވެ. އެކަމަކު، ފަޓުލޫނުގައި ވެސް އެކި ކުލަކުލައިގެ ފަށް އަޅައި، ޑިޒައިނަށް ބަދަލުކޮށްލުމުން ވަރަށް އަގުބޮޑުވާނެ ކަމަށާއި އޭގެ ބަދަލުގައި، އެއްގޮތް ކުރެވޭ ކޮމްޕޯނަންޓުތައް އެއްގޮތް ކޮށްލުމުން ފަސޭހަވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މި ފަހުން ޔުނީފޯމުތަކަށް ގެނައި ބަދަލުތަކުގައި ޖެކެޓާއެކު ޓައި އެޅުން ހިމެނެ އެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވީ ރާއްޖެ ކަހަލަ ހޫނު ގައުމަކަށް އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖެ ފަދަ މާހައުލެއްގައި، ހާއްސަކޮށް އަޅުގަނޑުމެން ޓެމްޕަރޭޗާ މި އުޅެނީ 32 ޑިގްރީ ސެލްސިއަސްގައި. އަޅުގަނޑު މީގެ ދެ ދުވަސްކުރިން ބަލާލިއިރު ވެސް މި އުޅެނީ ރިއަލް ފީލް 39-40 ޑިގްރީ ސެލްސިއަލްގައި ހޫނު ގަދަވެގެން ބަލާއިރު. ކުދިން ކްލާސްރޫމް ތެރެއަކަށް ލީމަ އެތަނުގެ ޓެމްޕަރޭޗާ އެއަށްވުރެ ތަންކޮޅެއް މައްޗޭ ބުންޏަސް ރަނގަޅުވާނެ.

"ވަރަށް ގިނަ ސްކޫލުގައި މި ކުރެވޭ ކަމަކީ، އަޅުގަނޑަށް ހީވަނީ ޔުނީފޯމް ދެން ރީތިކޮށްލަން ކުރެވޭ ކަމެއްހެން، ޓައީ އަޅުވާ ލަނީ، ވަރަށް ހޫނު ކްލާސްރޫމްތަކުގައި. ފިނި ގައުމުތަކުގައި މި ހުންނަ ގޮތަށް މުޅި އެއްކޮށް ހީޓް ހިފަހައްޓާ ޔުނިފޯމެއް ގޮތަށް ބައްޓަންކުރެވެނީ. މިއީ، ހަމަ އަޅުގަނޑު ގަބޫލުކުރަނީ ބަދަލުކުރަންޖެހޭ ކަމެއްހެން." މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ ގައުމުތަކުގައި ޔުނިފޯމް އަޅަނީ މޫސުމާ ރިއާޔަތްކުރުމަށް ފަހު ކަމަށާއި ރާއްޖޭގައި ވެސް ޔުނިފޯމް ހުންނަން ޖެހޭނީ ހެލިފެލިވެ އުޅުމާއި މި ކަންކަމަށް ރިއާޔަތްކުރާ ގޮތަށް ކަމަށް ޝަފީއު ވިދާޅުވި އެވެ. އެކަމަކު، ޔުނީފޯމް ޑިޒައިން ކުރަނީ އެއިން އެއްވެސް ކަމަކަށް ނުބަލަ އެވެ.