Roadha Mihaaru
ކުށްތަކާ ހެދި ކަނޑާލާ ފުލުހުންނަށް ވަޒީފާ ދިނުން ގޯސް

ބޮޑެތި ކުށްތަކާ ހެދި ކަނޑާލާ ފުލުހުންނަށް ވަޒީފާ ދިނުމަކީ ނުރައްކަލެއް: ޕޮލިސް

12 ޑިސެމްބަރ 2023

ބޮޑެތި ކުށްތަކުގައި އުޅޭ ފުލުހުން ވަޒީފާއިން ވަކިކުރުމުން އަނބުރާ ވަޒީފާއަށް ގެނައުމަކީ އެ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑެތި ކުށްތަކުގައި އުޅޭ ފުލުހުން ވަޒީފާއިން ވަކިކުރުމުން އަނބުރާ ވަޒީފާއަށް ގެނައުމަކީ އެ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑްރަގްގެ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އޮފިސަރު ހަސަން ޝުޖާއު ކަނޑާލަން ޑިސިޕްލިނަރީ ބޯޑުން ނިންމުމާ ގުޅިގެން، އޭނާގެ ފަރާތުން އިސްތިއުނާފު ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުމުން އެ ކޮމިޓީން ވަނީ އޭނާ ކަނޑާނުލައި މަގާމު ދަށްކުރަން ނިންމައިފަ އެވެ.

މި މައްސަލަ ފެންމަތިވިއިރު، ޝުޖާއު ހުރީ ސީނިއާ ސާޖެންޓަކަށެވެ. އޭނާ ޑީމޯޓުކުރީ ސާޖަންޓް ގްރޭޑު 3ގެ ލެވެލްއަށެވެ.

އެކަމާ ގުޅިގެން، ކަންބޮޑުވުން ފާޅުކޮށް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ ބޮޑެތި ކުށްތައް ކުރާ ފުލުހުން، ޕޮލިސްގެ އެތެރޭގެ އިދާރީ ނިޒާމުގެ ތެރެއިން ވަޒީފާއިން ވަކިކުރުމަށްފަހު، އަލުން އަނބުރާ އެ ހިދުމަތާ ގުޅުމަކީ ފުލުހުންގެ ނިޒާމަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

އެކަން އެގޮތަށް ނުވާނެ ގޮތަށް ނިޒާމު އަލުން މުރާޖައާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްކުރި ޝުޖާއު އާއި އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާ، 31، ހައްޔަރުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުންނެވެ.

އެ މައްސަލައާ ގުޅިގެން ޝުޖާއު ޑީމޯޓުކުރަން ނިންމިއިރު، އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި ކެނެބިސް މުއާމަލާތްކުރުމުގެ ދައުވާކޮށް، ޖެނުއަރީ 9، 2023 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.

އެ ކަމާ ގުޅިގެން އޭނާ ސަސްޕެންޑުކުރި އެވެ. އެކަމަކު، ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން، ޑީއީޑީގެ ވަޒީފާއަށް ނުކުންނަން ފަށާފައިވެ އެވެ. އެނގިފައިވާ ގޮތުގައި، ޝުޖާއު ޑީމޯޓުކުރިއަސް، އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓަކަށް އަދި ބަދަލެއް ނުގެނެ އެވެ.

ޝިފާން ވިދާޅުވި ގޮތުގައި އިސްތިއުނާފުގެ މަރުހަލާ ނިމުމުން ދެން ހެދޭނެ ގޮތެއް އެ ނިޒާމުގައި ނޯންނަ ކަމަށެވެ.

"ޕޮލިސްގެ ނިޒާމު ތަރުތީބުވެފައި އޮތް ގޮތަށް ބަދަލުތަކެއް އަންނަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ޑިސިޕްލިނަރީ ބޯޑުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ، އެކަން އިސްތިއުނާފުކުރަން ޖެހޭނީ އެޕީލް ކޮމިޓީ އެވެ.

އެޕީލް ކޮމިޓީއަކީ އާންމުންގެ ފަސް މެމްބަރުންގެ މައްޗަށް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެކެވެ. ޕޮލިސް ބޯޑުގެ ލަފާގެ މަތިން އެ ކޮމިޓީ އެކުލަވާލައްވަނީ ހޯމް މިނިސްޓަރެވެ.