Roadha Mihaaru
ޕައިލެޓުން ގިނަވުން ގައުމީ މައްސަލައަކަށް ވެދާނެ

ގިނަ އަދަދަކަށް ޕައިލެޓުން ތަމްރީނުކޮށް، ވަޒީފާ ނުލިބުން ގައުމީ މައްސަލައަކަށް ވެދާނެ: އަމީން

03 ޖެނުއަރީ 2024

ރާއްޖެއަށް ނުކަތާ ވަރަށް ޕައިލެޓުން ތަމްރީނުކޮށް، ވަޒީފާ ނުލިބުމަކީ ގައުމީ މައްސަލައަކަށް ވެދާނެ ކަމެއް ކަމުގެ އިންޒާރު، ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް ނުކަތާ ވަރަށް ޕައިލެޓުން ތަމްރީނުކޮށް، ވަޒީފާ ނުލިބުމަކީ ގައުމީ މައްސަލައަކަށް ވެދާނެ ކަމެއް ކަމުގެ އިންޒާރު، ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި އެ މިނިސްޓްރީން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ޕައިލެޓުން ތަމްރީނުކުރަން 400 ފުރުސަތު ހުޅުވާލިޔަސް، ލޯނު ސްކީމަށް ހުޅުވާލަން ވާނީ އެ ގައުމަކަށް ބޭނުންވާ ނުވަތަ ކިޔަވައިގެން އަންނަ މީހުންނަށް ފުރުސަތުތަކެއް ވެސް އޮންނާނެ ގޮތަކަށް ބައްޓަން ކޮށްގެން ކަމަށެވެ.

މިދިޔަ އަހަރުގެ މަތީ ތައުލީމަށް ޝަރުތު ހަމަވި 1،225 ދަރިވަރުންގެ ތެރެއިން، ޕައިލެޓްކަން ކިޔަވަން އެކަނި ވެސް 479 ދަރިވަރުންނަށް ވަނީ ލޯނު ދީފަ އެވެ. ނަމަވެސް، އެއީ، އެ ދާއިރާގައި މަސައްކަތްކުރާ މީހުން ގަބޫލުކުރާ ގޮތުގައި އޭރުގެ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެކެވެ.

މިނިސްޓަރު އަމީން ވެސް ވިދާޅުވީ އެހާ ގިނަ ޕައިލެޓުންނަށް ފުރުސަތު ދިނުމަކީ ކުރިއަށް އޮތް 1-2 އަހަރުގެ ތެރޭގައި ގައުމީ ބޮޑު މައްސަލައަކަށް ވާނެ ކަމެއް ކަމަށެވެ. ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ސިވިލް އޭވިއޭޝަންގެ ޒިންމާ އަދާކުރި ނަމަ އެ ހިސާބަކަށް ނުދާނެ ކަމަށް ވެސް، މޯލްޑިވިއަންގެ ޕައިލެޓުންގެ އިސްވެރިއަކަށް މީގެ ކުރިން ހުންނެވި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްފަހަރާ އެހާ ގިނަ ދަރިވަރުންނަށް ލޯނު ދޭން ނިންމިއިރު ވެސް އެކި ގައުމުތަކުގައި ގާތްގަނޑަކަށް 200 ދިވެހި ދަރިވަރުން ޕައިލެޓްކަން ކިޔަވަމުން ދިޔަ ކަމަށެވެ. ކިޔަވައިގެން ގާތްގަނޑަކަށް 65-70 ޕައިލެޓުން ވަޒީފާ ނުލިބި ތިބިކަން ފާހަގަކުރެއްވި އެވެ.

ބޭސިކް ޕައިލެޓް ޓްރެއިނިން ނުވަތަ ކެޑޭޓް ޕައިލެޓުން ލައިގެން އެކަނި އެއްވެސް އެއާލައިނެއް ނުހިންގޭނެ ކަމަށާއި ރާއްޖޭގެ އެއާލައިންތަކުގެ ތެރެއިން ކެޑޭޓް ޕައިލެޓުން ތަމްރީނުކުރަނީ ގައުމީ އެއާލައިން އަދި ޓީއެމްއޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، އެ ދެ ކުންފުނި އެވްރެޖު ކޮށްލުމުން ވެސް ވަޒީފާ ދޭ އަދަދު 30 އިން މައްޗަށް ނާރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސިނާއަތުގެ ކުރިއެރުން ހުރީ، މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، 6-7 ޕަސެންޓުގަ އެވެ.

"އެއީ ގައުމީ ބޮޑު މައްސަލައަކަށް ވެދާނެ،" ކަންބޮޑުވުމާ އެކު އަމީން ވިދާޅުވި އެވެ.

މިހާތަނަށް އެހެން އެއްވެސް ގައުމަކުން، ދިވެހި ކެޑޭޓް ޕައިލެޓަކަށް ވަޒީފާ ލިބުނު ކަމެއް އެނގިފައިނުވާ ކަމަށާއި ކޮންމެ ގައުމެއްގައި ވެސް ޕައިލެޓްކަން ކިޔެވުމަށް ފަހު ވަޒީފާ ނުލިބި އެތައް ބަޔަކު ތިބޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންވެ، ވަޒީފާ ދޭއިރު ވެސް އިސްކަންދެނީ އެ ގައުމެއްގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ރާއްޖޭގައި ވެސް ދެން ޖެހޭނީ ހުރި ފުރުސަތުތައް ބޭނުންކޮށްގެން ވަޒީފާ ދޭން ކަމަށާއި އެކަމަކު، ތަޖުރިބާ ހޯދައި ކެޕްޓަނަކަށް ވުމުން ޕައިލެޓުންނަށް ބޭރު ގައުމުތަކުން ވަޒީފާ ލިބޭ ކަމަށް އަމީން ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެ މީހުން އައިސް އެ މީހުންނަށް ވަޒީފާ ނުލިބިއްޖެއްޔާ ކިހިނެއްތޯ ވާނީ؟ ވަރަށް ރަނގަޅު ޕްލޭނެއް އޮވެގެން ނޫނީ މި ފަދަ ކަންތައްތައް ކުރާކަށް ނުވާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ ބޭނުމަށްޓަކައި ވެސް ނޫނީ އެހެން ކަމަކަށްޓަކައި ވެސް އެއްވެސް ބަޔަކާ ދޭތެރޭގައި ޕްލޭނެއް ނެތި އެގޮތަށް ސްކޮލަޝިޕެއް [ލޯނު] ހުޅުވާލައިގެން ވާނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ގެއްލުން މުސްތަގުބަލުގައި ވަރަށް ބޮޑުވާނެ."

ޕައިލެޓުންގެ މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން މިނިސްޓްރީން މިހާރު އަންނަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ވާހަކަދައްކަމުންނެވެ.

އަމީން ވިދާޅުވީ އެ ލޯނު ސްކީމްގައި ކިޔަވަން ނުގޮސް ތިބި ދަރިވަރުން އަދި ބެލެނިވެރިންނަށް މި މައްސަލަ ކިޔައިދިނުމަށް، ކޯސް ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ވަޒީފާގެ ފުރުސަތު އޮތް ވަރާ ހިލާފަށް، ޕައިލެޓްކަން ކިޔަވަން އެހާ ގިނަ ބަޔަކަށް ޖާގަ ދިނީ ކީއްވެގެންތޯ، "މިހާރު" އިން ސުވާލުކުރުމުން، އޭރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރިކޯޑް އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ދިނުމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި އޭގެ ފައިދާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސިޔާސަތުގެ ފައިދާތައް މުސްތަގްބަލުގައި ލިބޭނެ. މީހުން ބިނާކުރުމަށް އެ ކުރާ މަސައްކަތުގެ ނަތީޖާ އެ ދުވަހުން ދުވަހަކަށް ނުފެންނާނެ. މި ސަރުކާރުން މީހުން ބިނާކުރުމަށް އެ ކުރާ މަސައްކަތުގެ ބޭނުމަކީ މާދަމާގެ މުސްތަގުބަލް އުޖާލާކުރުން،" އޭނާ ވިދާޅުވި އެވެ.