އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ދަރިވަރުންނަށް ބޭރު ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
05 ޖެނުއަރީ 2021
އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ދަރިވަރުންނަށް ބޭރު ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންގެ އަތުން ބޮޑެތި ފީތައް ނެގުމާއި، ކޯހުގެ މުއްދަތު ދަންމައި، އުދުހުމުގެ ތަމްރީންތަކަށް ފުރުސަތު ނުލިބި ބޮޑު ހަރަދެއް ހިނގާ މައްސަލަ އެ ސްކޫލުގެ ދަރިވަރުން ވަނީ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައެއް މެންބަރުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަނީ ކިޔަވާ ކުދިންނަށް އެހެން ފްލައިން ސްކޫލަކުން ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
އެކަން ކުރުމަށް ދަރިވަރުން މިހާތަނަށް ކޯސް ފުރިހަމަކޮށްފައިވާ މިންވަރާއި ބާކީ އޮތް މުއްދަތު ސާފުވާން ޖެހޭ ކަމަށާއި ނަމަވެސް އެ މައުލޫމާތު އައްޑޫ ފްލައިން ސްކޫލުގެ ފަރާތުން ހޯދަން ދަތިތަކެއް އެބަހުރި ކަމަށް ހަސަން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އެ ސްކޫލް ދަރިވަރުންގެ ޔޫނިއަންއާ ގުޅިގެން އެ މައުލޫމާތުތައް މިނިސްޓްރީއަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ރާއްޖެއިން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ މަޝްވަރާ އެބަ ކުރަން ދިވެހި ދަރިވަރުންނަށް ކޯހުގެ ބާކީ އޮތް ބަޔަށް ފުރުސަތު ދެވިދާނެތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދީފައިވާ ލޯނަށް ލުއިއެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ކޯސް ނިމުނުތާ ހަ މަސް ފަހުން ލޯނު ދައްކާ ގޮތަށް މުއްދަތު ފަސްކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ބޭރު ގައުމެއްގެ އެހެން ސްކޫލަކުން ފުރުސަތު ހޯދައިދިނުމުގެ މަސައްކަތައް ހަ މަސް ދުވަސް ނަގާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ވެސް އައްޑޫ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލު ކުރުމަކީ އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭނެ ހުވަފެނަކީ ސަރުކާރުގެ ފްލައިން ސްކޫލެއް އޮވެ ފަސޭހަ ގޮތެއްގައި އެ [ކޯސް] ހެދޭނެ ގޮތެއްވުން،" ނަހުލާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓެއް އޮވެ އެވެ. އެކަމަކު، މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އެއްޗެހިތައް ހުރީ މެއިންޓެނަންސްގަ އެވެ.
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
އައްޑޫ ފްލައިން ސްކޫލަށް ސަރުކާރުން ފިޔަވަޅު އަަޅައިފި
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް
ޕައިލެޓް ކޯސް ލިބުނު ބައެއް މީހުން ކޯސް ބަދަލުކުރަނީ
ޕައިލެޓުން ގިނަވުން ގައުމީ މައްސަލައަކަށް ވެދާނެ
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި
"އެވިޑުން ލައިސަންސް ނެގުމުގެ މަސައްކަތް ކުރިއަށްދޭ"
ޕައިލެޓު ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭ އިން