Roadha Mihaaru
އައްޑޫ ފްލައިން ސްކޫލަށް ސަރުކާރުން ފިޔަވަޅު އަަޅައިފި

ދަރިވަރުންނަށް އިހުމާލުވާތީ ފްލައިން ސްކޫލަށް ފިޔަވަޅު އަޅައިފި

22 އޮކްޓޯބަރ 2020

ބޮޑު އަގު ނަގައިގެން ޕައިލެޓުން ތަމްރީންކުރާ އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންނާ މެދު އިހުމާލުވާތީ ސަރުކާރުން އެތަނަށް ފިޔަވަޅު އަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޮޑު އަގު ނަގައިގެން ޕައިލެޓުން ތަމްރީންކުރާ އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންނާ މެދު އިހުމާލުވާތީ ސަރުކާރުން އެތަނަށް ފިޔަވަޅު އަޅައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިހާރު ތިބި ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުވަނީސް، އިތުރު ދަރިވަރުން ނުނެގުމަށާއި އެހެން ގިނަ ކަންތައްތަކެއް ކުރަން، ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އަށް އަންގާފައިވާ ކަމަށެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެެއް ވެއްޖެ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް މިދިޔަ އަހަރު ވެސް ހުށަހެޅި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަަސަންއާ ބައްދަލުކުރައްވައި އެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމުން މިމަހު ކުރީ ކޮޅު މިނިސްޓަރު ވިދާޅުވެފައި ވަނީ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން މައްސަކަތްކުރަމުން އަންނަ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އަހަރު އެކަޑަމީ އޮޑިޓްކުރުމަށް ފަހު ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންތައްތައް ކަމަށެވެ. އެކަންތައްތައް ރަނގަޅުކުރަން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ވެސް ފްލައިން ސްކޫލުން މަަސައްކަތްކޮށްފައި ނުވާ ކަަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"... ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެކަޑަމީ އޮޑިޓްކުރުމަށް ފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހު ވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް ވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލުން ފެށިގެން މި އަހަރުގެ އޮކްޓޯބަރާ ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާ އެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމަމެވެ،" ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ބަަޔާނުގައިވެ އެވެ.

ފްލައިން ސްކޫލުން ކުރަން ހަޔަ އެޑިއުކޭޝަން މިިނިސްޓްރީން އަންގާފއިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ކުއްޖެއްގެ ތަމްރީނު ފުރިހަމަކުރާނެ ގޮތުގެ ޕްލޭނެއް ހަދައި އެ މިިނިސްޓްރީ އަށް ހުށަހަޅައި އެ ޕްލޭން ތަންފީޒުކުރުން ހިމެނެ އެވެ. އަދި އެގޮތުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުކުރެވެނީސް ފްލައިން ސްކޫލަށް އިތުރު ދަރިވަރުން ނުވެއްދުމަށް ވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. ދަރިވަރުންނަށް ތަމްރީނާއި ތަޖުރިބާ ދިނުމަށް ހިންގާ އޮޕަރޭޝަން ހަފުތާއަކު ތިން ދުވަހު ހިންގުމުގެ ބަދަލުގައި ފަސް ދުވަހަށް ބަދަލުކުރުން ވެސް ފްލައިން ސްކޫލަށް އެންގި ކަންތައްތަކުގެ ތެރޭގައި ހިމެނެ އެވެ.

ދަރިވަރުންނަށް ވެސް ލުއިތަކެއް

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނުން ހަރަދުކޮށްގެން ކިޔަވާ ދަރިވަރުން ރާއްޖޭން ބޭރުގެ އެކަޑަމީތަކަށް ބަދަލުވުމުގެ ހުއްދަ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވެސްް އޮތީ ދީފަ އެވެ. އޭގެ އިތުރުން މިފަހަރު ދިން ލުޔަކީ ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ދުވަސް ފަސްކޮށްްދިނުމެވެ.

އެގޮތުން، ކިޔެވުން ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުން ނޫނީ ލޯނު ދައްކަން ފަށަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދަރިވަރުން ފްލައިން ސްކޫލަށް ދައްކަން ޖެހޭ ފީ، ޑޮލަރުން ބަލައިގަންމުން ދާތީ އެކަން އެގޮތަށް ކުރުން ހުއްޓައިލަން ވެސް ފްލައިން ސްކޫލަށް މިނިސްޓްރީން އެންގި އެވެ.

"...މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްކަމުން، އެއްވެސް ދަރިވަރެއްގެ ހައްގެއް ގެއްލުމަކީ މި މިނިސްޓްރީއަށް ގަބޫލުކުރެވޭނެކަމެއް ނޫނެވެ. ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް އަމަލުކުރުމާ އެކު، ޒިންމާދާރުކަމާ އެކު މި ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އެ އެކަޑަމީއަށް އަންގާފައިވާނެކަން ވެސް މައުލޫމާތަށްޓަކައި ދަންނަވެމެވެ،" ބަޔާނުގައިވެ އެވެ.

އައްޑޫ ފްލައިން ސްކޫލުން އިހުމާލުވާ ކަމުގެ ބޮޑެތި ޝަކުވާތައް މިދިޔަ އަހަރު ވެސް ދަރިވަރުން އުފުލި އެވެ. އެ ސްކޫލް އޭއޭއޭ އިން އޭރު ވެސް މީޑިއާގައި ބުނީ ދަރިވަރުންގެ ޝަކުވާތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އެެ ސްކޫލު އައްޑޫން ނ. މާފަރަށް ބަދަލުކުރަން އުޅޭ ކަމަށް ވެސް އޭއޭއޭ އިން އޭރު ބުނެފައިވެ އެވެ.