Roadha Mihaaru
ޒަމީރާއި ޑެޕިއުޓީ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ

އިންޑިއާ މައްސަލަ: ޒަމީރާއި ތިން ޑެޕިއުޓީ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

08 ޖެނުއަރީ 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސޯޝަލް މީޑިއާގައި މަލާމާތުގެ ބަސްތައް ރައްދު ކުރި ތިން ޑެޕިއުޓީ މިނިސްޓަރުންނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސޯޝަލް މީޑިއާގައި މަލާމާތުގެ ބަސްތައް ރައްދު ކުރި ތިން ޑެޕިއުޓީ މިނިސްޓަރުންނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އިންޑިއާގެ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓް ކުރައްވައި މޯދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި އެއް މައްސަލައަކީ އެ މައްސަލާގައި ޒަމީރު އާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމަށެވެ.

ރާއްޖެއިން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މާފަށް ނޭދެނީ ކީއްވެގެންތޯ އާއި އެ ޑެޕިއުޓީ މިނިސްޓަރުން ވަކި ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރަން މީކާއިލް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން އެ މައްސަލާގައި ރާއްޖޭގެ އިގްތިސާދަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުން ވެދާނެ ކަމަށް ވިދާޅުވެ އެކަމުގައި ޝާމިލްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ވެސް މަޖިލީހަށް ހާޒިރު ކުރަން މީކާއިލް ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސަރުކާރުން ބުނެފައި ވަނީ އެ މީހުން ސޯޝަލް މީޑިއާގައި ފާޅު ކުރީ އަމިއްލަ ހިޔާލު ކަމަށެވެ. އެއީ ސަރުކާރުން ދެކޭ ގޮތެއް ނޫން ކަމަށާއި ރާއްޖެ އާ ގާތް ގުޅުމެއް ބާއްވާ ލިޑަރުންނާ އިހްތިރާމް ކުޑަކޮށް ވާހަކަ ދައްކާ ނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އެ ތިންް ޑެޕިއުޓީ މިނިސްޓަރުން މިހާރު ތިބީ ސަސްޕެންޑް ކޮށްފަ އެވެ.