Roadha Mihaaru
3 މަސް ތެރޭ ގޯތިތައް ދޫކުރަންޖެހޭ އިސްލާހު ފާސްކޮށްފި

3 މަސް ތެރޭ ގޯތިތައް ހަވާލުކުރަން ލާޒިމްވާ އިސްލާހު ފާސްކޮށްފި

29 އެޕްރީލް 2024

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސް ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސް ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މިއީ ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރިތާ އެތައް ދުވަހެއްވީ ނަމަވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލު ނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހެކެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ އިސްލާހު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ޖެހޭނެ އެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރީ އޮގަސްޓު 13، 2023 ގަ އެވެ. އަދި މި ބިލު ހުށަހަޅާފައި ވަނީ އޭގެ ހަ މަސް ފަހުން މި އަހަރު ފެބްރުއަރީ ތެރޭގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރި އެވެ.

ހައުސިން މިނިސްޓްރީ އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ވަނީ ރަޖިސްޓްރީ ހަވާޅު ކޮށްފަ އެވެ.

ނަމަވެސް ހަވާލުނުކުރާ 303 މީހުން ތިބި ކަމަށާއި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާ އެ މިނިސްޓްރީން ބުންޏެވެ. އަދި ބިން ލިބުނު ފަހުން 12 މީހަކު މަރުވި ކަމަށް އެ އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ވަނީ ރަޖިސްޓްރީ އާ ހަވާލު ނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ދީފަ އެވެ.