Roadha Mihaaru
ނުފޫޒު ފޯރުވައިގެން ހުކުމްކުރުން ހުއްޓުވަން ޖެހޭ:ރިޔާޒް

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމް ކުރުވުން ހުއްޓުވަން ޖެހޭ: ރިޔާޒް

13 ފެބުރުއަރީ 2017

ރާއްޖޭގައި ކޮރަޕްޓް ފަނޑިޔާރުން ތިބެގެން އަދުލުވެރި ޝަރީއަތްތައް ނުހިނގާނެ ކަމަށާއި ފަނޑިޔާރުންނަށް ނޫފޫޒު ފޯރުވައިގެން ކުރާ ހުކުމްތައް ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ކޮރަޕްޓް ފަނޑިޔާރުން ތިބެގެން އަދުލުވެރި ޝަރީއަތްތައް ނުހިނގާނެ ކަމަށާއި ފަނޑިޔާރުންނަށް ނޫފޫޒު ފޯރުވައިގެން ކުރާ ހުކުމްތައް ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒުތައް ފޯރުވައިގެން "ސިޔާސީ ވެރިން" ބޭނުންވާ ހުކުމްތައް ކުރަމުންދާ ކަމީ ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައު ވެސް މިހާރު ދަންނަ ކަމެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޝަރީއަތްތައް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހިންގަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތް އިރު، ކޮރަޕްޓް ފަނޑިޔާރުން ތިއްބަވައިގެން ގައުމުގައި އަދުލުވެރި ޝަރީއަތްތައް ހިންގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ފަނޑިޔާރެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ޒާތުގެ މައްސަލަތައް ބެލޭނެ އިންތިޒާމު އޮންނަން އެބަޖެހޭ. ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން އުޅެގެން އެ މީހުންނަށް ކާމިޔާބުވި މައްސަލައެއް ކޮބައިތޯ؟" ރިޔާޒް ސުވާލު އުފެއްދެވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިންގަން ބޭނުންވާ ނަމަ، ފުރަތަމަ ފަނޑިޔާރުގެ ސާފު ކުރަން ޖެހެ އެވެ. ފުލުހުންނަށް ގާނޫނީ ގޮތުން ދޭން ޖެހޭ ބާރުތައް ދީ، ކޮރަޕްޓް ފަނޑިޔާރުން އާންމުންގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކު ހުވަޔާއި ގާނޫނާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު ފެނިގެން މިދަނީ "ޑީއެންއޭ ފެނި" ހުރިހާ މައުލޫމާތެއް ހުރި އިރު، ސިޔާސީ ބޭނުމަށް އެކިއެކި ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގާ ޖަލަށްލެވެމުން އަންނަ ތަނެވެ.

ރިޔާޒް އެ އިޝާރާތް ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރަން ނިންމި މައްސަލަ އަށެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވި ކަން ސާބިތުވެ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ. އެކަމަކު އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.

ނާޒިމަށް ކޯޓުތަކުން އިންސާފު ހޯދެން ހުރި ހުރިހާ މަރުހަލާއެއް ބަންދުވީ، އެ ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައި އޮއްވަ އެވެ. ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި މައްސަލަ ބަލާނެ ޖާގަ ނެތް ކަމަށެވެ.