Roadha Mihaaru
ރަތްކަނޑުގައި ހޫތީންގެ ޑްރޯންތައް ގިނަވެ ސަމާލުކަމަށް

ރަތްކަނޑުގައި ހޫތީންގެ ޑްރޯންތައް ގިނަވެ ސަމާލުކަމަށް

10 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ރަތް ކަނޑުގައި އުޅަނދުތަކަށް ހަމަލާދޭ ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ ޑްރޯންތައް މިއަދު ގިނަވެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ ޔަމަންގެ ހުދައިދާ ބަނދަރުގެ ހުޅަނގުން 50 ނޯޓިކަލް މޭލު ބޭރުން ބުދަ ދުވަހުގެ ފަތިހުން ފެށިގެން ޑްރޯންތައް ގިނައިން ފެންނަން ފެށުމުން އެކަން، ރަތްކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ބައިނަލްއަގުވާމީ އިއްތިހާދަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މީހަކު ނެތި އުދުހޭ އުޅަނދުތައް ފެނުމުގެ އެކި ހާދިސާތަކުގެ ރިޕޯޓް ވަނީ ލިބިފައި،" ޔޫކޭއެމްޓީއޯ އިން ނެރުނު ބުލެޓިންއެއްގައި ބުންޏެވެ. "ރަތްކަނޑުގެ އިއްތިހާދުން ގެންދަނީ މިކަމާ ގުޅިގެން ހަރަކާތްތެރިވަމުން. އަދި މިހާތަނަށް އެއްވެސް އަަނިޔާއެއް އަދި ގެއްލުމެއްގެ ރިޕޯޓެއް ލިބިފައެއް ނެތް."

މިދިޔަ އަހަރު އޮކްޓޫބަރު 7 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހޫތީން މިހާތަނަށް ވަނީ ޑްރޯން އާއި މިސައިލްގެ 100 އަށް ވުރެ ގިނަ ހަަމަލާ އިޒްރޭލާއި އުޅަނދުތަކަށް ދީފަ އެވެ. މި ހަަމަލާތައް ދެނީ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތަކަށް ކަމަށް ހޫތީން ބުންޏަސް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފައިވަނީ ދިން ހަމަލާތަކުގައި ހިމެނޭ އުޅަނދުތައް ނިސްބަތްވާ ގައުމުތަކުގެ އަދަދު 50 އަށް އަރާ ކަމަށެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ 12 ޕަސެންޓް ދަތުރުކުރާ މަގު ކަމަށްވާ ރަތްކަނޑުގައި ނުރައްކާ އިތުރުވުމުން އެމެރިކާ އިސްވެ އޮވެ އެކި ގައުމުތައް ބައިވެރިކޮށްގެން މިހާރު ގެންދަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ. -- އޭއެފްޕީ