Roadha Mihaaru
ރޯދައަށް ހައްދާތަކެތި ވިއްކަން ދަނޑުވެރިންނަށް އެހީވަނީ

ރޯދައަށް ހައްދާ ތަކެތީގެ އަގު ކޮންޓްރޯލެއް ނުކުރާނެ، އެހީވާނީ ބާޒާރަށް ތަކެތި ނެރެން: މިނިސްޓްރީ

30 ޖެނުއަރީ 2024

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ކުރިއަށް އޮތް ރޯދަމަހަށް އަގުބޮޑު ނުވާނެ ގޮތް ހަދާނީ އަގު ކޮންޓްރޯލްކޮށްގެން ނޫން ކަމަށާއި އެކަން ކުރާނީ ހައްދާ ތަކެތީގެ އަދަދު އިތުރުކޮށް، މާކެޓަށް ނެރުމަށް އެހީވެގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ކުރިއަށް އޮތް ރޯދަމަހަށް އަގުބޮޑު ނުވާނެ ގޮތް ހަދާނީ އަގު ކޮންޓްރޯލްކޮށްގެން ނޫން ކަމަށާއި އެކަން ކުރާނީ ހައްދާ ތަކެތީގެ އަދަދު އިތުރުކޮށް، މާކެޓަށް ނެރުމަށް އެހީވެގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ އަގުތައް ރޯދަމަހަށް ކޮންޓްރޯލްކުރަން މަސައްކަތް ފަށާފައިވާ ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަމާ ގިނަ ދަނޑުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ ވަކި ބާވަތެއްގެ ތަރުކާރީ ނުވަތަ މޭވާ ވިއްކަން ޖެހޭނީ ވަކި އަގަކަށޭ އެއް ނޫން. ހައްދާ ތަކެތީގެ އަގު އަޅުގަނޑުމެން ކޮންޓްރޯލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މިނިސްޓްރީން ކުރާ ކަމަކީ ރޯދައަށް ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް އެހީވުން ކަމަށް ހުސެއިން ވިދާޅުވި އެވެ.

"ރާއްޖޭގައި ރޯދަ މަހަށް ހައްދާ ތަކެއްޗަށްވުރެ ގިނައިން ބޭނުންކުރާ މިންވަރު މި އިތުރު ވަނީ. ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވެނީ. އެހެންވެ އަޅުގަނޑުމެން މި ކުރާ ކަމަކީ ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް އެހީވަނީ، އަގު ކޮންޓްރޯލްކުރާނީ އެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިއަކު ދަނޑުގައި ގަސްތަކަށް ބޭސް ޖަހަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދަނޑުވެރިއަކު ދަނޑުގައި ގަސްތަކަށް ބޭސް ޖަހަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް މެދުވެރިއަކަށްވާ މީހުން ބޮޑު ފައިދާއެއް ނަގާކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ މިނިސްޓްރީން ބަލަމުން އަންނަނީ ދަނޑުވެރިޔާއަށް މާކެޓުގައި އެ ތަކެތި ވިއްކޭނެ ފަސޭހަ ގޮތެއް އޮތްތޯ އާއި އެ ގޮތަކީ ކޮބައިތޯ ކަމަށެވެ.

"މިސާލަކަށް ބުނަންޏާ، ދަނޑު ހައްދާ މީހާ އެ ވިއްކަން، ދަތުރުފަތުރަށްދާ ހަރަދު. ދޯންޏެއްގެ ވިއްޔާ އެއަށް، ޕިކަޕެއްގައި އެ އުފުލުމަށްދާ ހަރަދު، މާކެޓަށް ނެރުމަށް ދަނޑުވެރިންނަށް ހުރި މައްސަލަތައް ހައްލުކޮށް ދަނޑުވެރިޔާއަށް ސީދާ މާކެޓަށް ނެރެގެން އެ ވިއްކޭނެ ގޮތެއް ހޯދުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެން ބަލަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

އެހެން ހެދުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުނުވެ، ދަނޑު ހައްދާ މީހާއަށް އެކަމުގެ ފައިދާވާނެ ކަމަށް އިސްމާއިލް ފާހަގަކުރެއްވި އެވެ.

އަދި ރޯދަ މަހަށް އާންމުކޮށް ދިވެހިން ބޭނުންވާ ތަކެތި ހޯދަންޖެހޭ ވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށްއޮތް ދެތިން ހަފްތާ ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ދަނޑުވެރިކަމުގެ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ގުޅިގެންނެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލޭ މަހެކެވެ. ރޯދަ މަހު އެ ބާވަތްތައް ބޭނުންކުރާ ވަރަށް ތަކެތި ނުލިބުމަކީ އަގު ބޮޑުވާ މައިގަނޑު ސަބަބު ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަދި ހައްދާ ތަކެތި ބާޒާރަށް ނެރުމުގައި އުދަނގޫތަކާ ކުރިމަތިލާން ޖެހުމަކީ އަބަދު ވެސް ދަނޑުވެރިން ކުރާ ޝަކުވާއެކެވެ.