Roadha Mihaaru
ރޯދައަށް، ހައްދާ ތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ

ރޯދަމަހަށް، ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ

17 ޖެނުއަރީ 2024

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ރޯދަ މަހަށް އަގުބޮޑު ނުވާނެ ގޮތަށް، އަގު ކޮންޓްރޯލް ކުރަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ރޯދަ މަހަށް އަގުބޮޑު ނުވާނެ ގޮތަށް، އަގު ކޮންޓްރޯލް ކުރަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާ މަހެކެވެ. ސަބަބެއް ކަމަށް ވަނީ ރޯދަ މަހު އެ ބާވަތްތައް ބޭނުންކުރާ ވަރަށް ދަނޑުވެރިންނަށް ނުއުފެއްދުން ކަމަށް ވިޔަފާރި ވެރިން ބުނެ އެވެ.

އަގު އުފުލޭ ބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް، ކެޔޮ، ކިޔުކަމްބާ، ލުނބޯ، ކާށި ފަދަ ބާވަތްތައް ހިމެނެ އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ކާބޯތަކެތީގެ އަގުތައް، ހާއްސަކޮށް ރޯދަ މަހަށް ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އާންމުކޮށް ދިވެހިން މި ބޭނުންކުރާ ބާވަތްތައް، ކަރާ، މިރުސް، ދޮންކެޔޮ ކަހަލަ ބާވަތްތައް ކޮންމެ އަހަރަކު ވެސް ވަރަށް މައްޗަށް އަގުތައް އަރައިގެންދޭ. އެ އަގުތައް ބޮޑު ނުވެ، ކޮންޓްރޯލް ކުރަން އަޅުގަނޑުމެން މިގާރު މަސައްކަތް ފަށާފައި ވަނީ،" ހުސެއިން ވިދާޅުވި އެވެ.

މާލޭގެ މާރުކޭޓަކުން ކުރުނބާ ގަނެގެން މީހަކު ނިކުންނަނީ.--  ފޮޓޯ: މިހާރު

މާލޭގެ މާރުކޭޓަކުން ކުރުނބާ ގަނެގެން މީހަކު ނިކުންނަނީ.-- ފޮޓޯ: މިހާރު

މިހާރު ކުރާ ކަމަކީ ރޯދަ މަހަށް އާންމުކޮށް ދިވެހިން ބޭނުންވާ ތަކެތި ހޯދަންޖެހޭ ވަރު ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން މާކެޓަށް، އާންމުނަށް ބޭނުންކުރުމަށް ނެރެވެން ހުރި ވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރު ރޯދަ މަހަށް އަގުތައް ކޮންޓްރޯލް ކުރާނެކަމަށް ހުސެއިން ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަމުން ދަނީ ދަނޑުވެރިކަމުގެ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ގުޅިގެންނެވެ.