Roadha Mihaaru
"މަހުން ޓެރިފް އުވާލަން އަދި ވަރަށް ޒަމާން ނަގާނެ"

މަހުން ޓެރިފް އުވާލަން އަދި ވަރަށް ޒަމާން ނަގާނެ: ޝިޔާމް

12 ފެބުރުއަރީ 2024

އިނގިރޭސިވިލާތާއި އީޔޫ އަށް ބޭރު ކުރާ މަހުން ޓެރިފް އުވާލުމުގެ މަސައްކަތް އޮތީ އަވަހަށް ނިމޭ ހިސާބެއްގައި ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިނގިރޭސިވިލާތާއި އީޔޫ އަށް ބޭރު ކުރާ މަހުން ޓެރިފް އުވާލުމުގެ މަސައްކަތް އޮތީ އަވަހަށް ނިމޭ ހިސާބެއްގައި ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތާއި އީޔޫ އަށް ބޭރު ކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ޑިއުޓީ ކަނޑާލެވޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި އެވެ.

ވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރަކަށް ހުންނެވި ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކުރީ ޓެރިފް ކުޑަ ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށް ކުރީ ސަރުކާރުން ބުނި ކަމަށެވެ.

އެކަމަކު މި ސަރުކާރު ހަވާލުވުމަށް ފަހު އެ މަސައްކަތް އޮތް ހިސާބެއް ބެލި އިރު އެކަން އޮތީ އަވަހަށް ނިމޭނެ ގޮތަކަށް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރަށް އައިސް ފޮތްތައް ހާވައި ބަލައިލި އިރު މާތްކަލާއްކޯ އަދި މިއޮތީ މިކަން ކުރެވޭ ހިސާބަކު ނޫން. އަދި ވަރަށް ޒަމާން އެކަމަށް ނަގާނެ ހިސާބެއްގައި އެ ވާހަކަތައް އެ ހުރީ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރަން ބަލާއިރު ރާއްޖެއަކީ މިހާރު އެކަމަށް ޝަރުތު ހަމަވާ ގައުމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ޕާލަމަންޓުގެ މަތިގެ ނުވަތަ ހައުސް އޮފް ލޯޑްސްގައި އިނގިރޭސި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެ މައްސަލާގައި ބަހުސް ކުރެއްވި އެ ގައުމުގެ ބައެއް މެންބަރުން ވަނީ ރާއްޖެ ފަދަ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުތަކާ އެކު ވިޔަފާރީގެ ރަނގަޅު ގުޅުންތައް ބާއްވައި ޓެރިފް ކުޑަ ކުރުން އަވަސް ކުރަން އެ ގައުމުގެ ސަރުކާރަށް ގޮވާލައިފަ އެވެ.

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.