Roadha Mihaaru
އެމްޕީއެލް އިން ބޯޓު ފަހަރުން ޑޮލަރުން ފީ ނަގަނީ

އެމްޕީއެލް އިން އަންނަ މަހުން ފެށިގެން ބޯޓުފަހަރުން ފީ ނަގަނީ ޑޮލަރުން

09 މާޗް 2024

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޖީހު ވިދާޅުވީ، ރާއްޖެ އަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރުން ފައިސާ ނަގާ އިރު، އެ ޝިޕްއެޖެންޓުން އެމްޕީއެލް އަށް ފައިސާ ދައްކަނީ ރުފިޔާ އިން ކަމަށެވެ. އެކަމަކު، އެކަން ބަދަލު ކުރުމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޝިޕް އެޖެންޓުން ކަޅު ބާޒާރުން 17ރ. ނުވަތަ 18ރ. އަށް ޑޮލަރު މާރުކުރުމަށް ފަހު، އެމްޕީއެލް އަށް ފީ ދައްކަނީ ބޭންކް ރޭޓު، 15.42ރ. ގެ ރޭޓުން ކަމަށެވެ

"އަހަރެއްގެ މައްޗަށް މި ދައްކަނީ 30 މިލިއަން ޑޮލަރުގެ ވާހަކަ. މިއީ ކުރަން ޖެހޭ ކަމެއް،" ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖެ އަށް މުދާ ގެންނަ ފަރާތްތަކުން ނުވަތަ ކޮންސައިނީ އިން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުންނެވެ. ނަމަވެސް އެ ފަރާތްތަކުން ރުފިޔާ އިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، މިއީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލް އިން ވެސް އެޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގެންނަ ބަދަލުގެ ސަބަބުން ރާއްޖެ އަށް ގެންނަ މުދަލުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ. ސަބަބަކީ، މިއީ، ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކުން ދައްކަން ޖެހޭ ފީއާ ގުޅޭ ކަމަކަށް ނުވުމެވެ.

އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން އެ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ރުފިޔާއިންނެވެ.