Roadha Mihaaru
ހޫތީންނާ ހެދި ސުއެޒް ކެނަލްގެ އާމްދަނީ ދަށަށް

ހޫތީންގެ ހަމަލާތަކާ ހެދި ސުއެޒް ކެނަލްގެ އާމްދަނީ 40-50 ޕަސެންޓް ދަށްވެއްޖެ

20 ފެބުރުއަރީ 2024

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭތީ މި އަހަރުގެ މިހާތަނަށް ސުއެޒް ކެނަލްގެ އާމްދަނީ 40-50 ޕަސެންޓް ދަށްވެފައިވާ ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭތީ މި އަހަރުގެ މިހާތަނަށް ސުއެޒް ކެނަލްގެ އާމްދަނީ 40-50 ޕަސެންޓް ދަށްވެފައިވާ ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

މާލީ މައްސަތަކުގެ ތެރޭގައި އޮތް މިސްރަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ވަސީލަތަކީ ސުއެޒް ކެނަލްގެ އޮޕަރޭޝަނެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމުމުން ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ އިޒްރޭލަށް އެހީވާ ގައުމުތަކާއި ވިޔަފާރިތަކަށް ނިސްބަތްވާ އުޅަނދުތަކަށް ދޭ ހަމަލާތަކެއް ކަމަށް ހޫތީން އަންނަނީ ބުނަމުންނެވެ.

ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން މި ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ.

"އަހަރެމެންގެ ބޯޑަރުގައި މި ހިނގާ ކަންކަން ބަލައިލަން ހިނގާ ... ޣައްޒާގެ މައްސަލައާ އެކު ދެން އޮތީ މިސްރަށް އަހަރަކު 10 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ސުއެޒް ކެނަލް. އެތަނުން ލިބޭ އާމްދަނީ 40-50 ޕަސެންޓް ދަށްވެއްޖެ. އެކަމަކު މިސްރުން ފައިސާ ދައްކަންޖެހޭ ކުންފުނިތަކާއި ޕާޓްނަރުންނަށް ފައިސާ ދައްކަމުން ދާންޖެހޭނެ،" ތެޔޮ ކުންފުނިތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ސީސީ ވިދާޅުވި އެވެ.

އދ. އިން ބުނެފައިވާ ގޮތުގައި، ރަތްކަނޑާއި މެޑިޓެރޭނިއަން ސީ ގުޅުވައިދޭ ސުއެޒް ކެނަލް ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ޖެނުއަރީ މަހު ވަނީ އޭގެ ކުރީ ދެ މަހާ އަޅާބަލާއިރު 42 ޕަސެންޓް މަދުވެފަ އެވެ.

ސުއެޒް ކެނަލުން ކޮންމެ ހަފްތާއަކު ޓްރާންސިޓްކުރާ ކޮންޓެއިނާ ޝިޕްތަކުގެ އަދަދު ވެސް ކުރީ އަހަރާ އަޅާ ބަލާއިރު މި އަހަރު 67 ޕަސެންޓް ދަށް ކަމަށް ޔޫއެން ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) އިން ވަނީ ބުނެފަ އެވެ. އަދި ޓޭންކަރުގެ ޓްރެފިކް ވެސް 18 ޕަސެންޓް ދަށްވެފައި ގޮވާމާއި ކޯލް ފަދަ ބާވަތްތައް އުފުލާ ބަލްކް ކާގޯ ޝިޕްގެ ޓްރެފިކް ވަނީ ހަ ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ގޭސް އުފުލާ އުޅަނދުތަކުގެ ދަތުރުތައް ވަނީ ހުއްޓިފަ އެވެ.

އިންޖިނިއަރިންގެ ލޭންޑްމާކް މަސައްކަތެއްގެ ގޮތުގައި މަޝްހޫރު ސުއެޒް ކެނަލް ހުޅުވީ 1869 ވަނަ އަހަރު އެވެ. އެ ކެނަލްގެ އޮޕަރޭޝަނުން 23-2022 ގައި މިސްރަށް 8.6 ބިލިއަން ޑޮލަރުގެ ފައިދާވި އެވެ. ސުއެޒް ކެނަލް އަކީ ޓޫރިޒަމާއި ރެމިޓެންސްގެ އިތުރުން މިސްރަށް ބޭރު ފައިސާ ލިބޭ އެންމެ މުހިންމު އެއް ވަސީލަތެވެ. މިސްރަކީ އިމްޕޯޓަށާއި މަނީ އެކްސްޗޭންޖަށް ޑޮލަރު ހޯދަން ދަތި ގައުމެކެވެ. -- އޭއެފްޕީ