Roadha Mihaaru
ކައުންސިލްގެ ބަޔާން ބާތިލްކުރަން އެންގުން ގޯސް: އޭޖީ

ކައުންސިލްގެ ބަޔާން ބާތިލްކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް އޭޖީ ވެސް ގަބޫލުނުކުރައްވާ!

07 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން ގަވައިދާ ހިލާފު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ސިފަ ކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން ގަވައިދާ ހިލާފު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ސިފަ ކުރައްވައިފި އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރުން ހިމެނޭ އެ ކައުންސިލުން ބަޔާން ނެރުނީ ރައީސް މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ސަރުކާރު ކެންޑިޑޭޓުންނަށް ކެމްޕެއިނުކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށެވެ.

އެކަމާ ގުޅިގެން އެލްޖީއޭ އިން އެ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ފޮނުވި ސިޓީގައި ވަނީ ކައުންސިލްތަކަށް މަތިކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ޒިންމާގެ ތެެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ހިދުމަތްތަކާއި އެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އެހެންވެ، ސަރުކާރުން ނިންމާ ނިންމުންތަކާ ދެކޮޅަށް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ސިޓީގައިވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ އެ ނިންމުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން އުޝާމް ވިދާޅުވީ ކައުންސިލަކުން ގާނޫނުތަކާ ހިލާފަށް ކަމެއް ކުރާނަމަ އެލްޖީއޭއިން އަމަލުކުރަން ޖެހޭނެ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނުގައި އޮންނަނީ ވަކި މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފިޔަވަޅު އެޅިދާނެ ކަމަށް ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ގާނޫނުގައި މިކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު ކައުންސިލެއްގެ ބަޔާނެއް ބާތިލްކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުނުކުރެވެ އެވެ.

"މިކަން މިހެން ދިމާވީމާ އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވާ މީހެއްގެ ހައިސިއްޔަތުން ދަންނަވާފައި އޮންނާނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުން އެލްޖީއޭއަށް އެހެން އެގޮތަށް ނުކުރެވޭނެ ކަމަށް، އަޅުގަނޑު ގަބޫލުކުރަނީ ކައުންސިލަކުން ވެސް ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފިކަމަށް ވަނީނަމަ، އެލްޖީއޭއަށް އެ މައްސަލަ ބެލޭނީ ވެސް ގާނޫނުގައިވާ ގޮތުން ކަމަށް،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެ ގޮތަށް އެލްޖީއޭއަށް ލަފާ ވެސް ދީފައިވާނެ ކަމަށެވެ.

އެލްޖީއޭ އިން އެ ކައުންސިލަށް ބަޔާން ބާތިލް ކުރަން އެންގިނަމަވެސް އެކަމާ ކައުންސިލުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ކައުންސިލުގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ބަޔާން ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތަތީ އެ ބަޔާން ބާތިލްނުކުރަން ނިންމާފައިވާ ކަމަށެވެ.

އެލްޖީއޭއިން ލޯކަލް ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތިކޮށް ދަތިކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫނެވެ.