Roadha Mihaaru
ގިނައިން ބަދަލު ދިނީ ގާނޫނާ ޚިލާފަށް، އަނބުރާ ހޯދަނީ

ގިނައިން ބަދަލު ދީފައި ހުރީ ގާނޫނާ ހިލާފަށް، އެއްބަސްވުންތައް ބާތިލް ކުރާނަން: އުޝާމް

25 އޯގަސްޓް 2024

ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީގެ ސަރުކާރުން އެކި ފަރާތްތަކަށް އެއް ބިލިއަން ރުފިޔާގެ އެސެޓް ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ އެއްބަސްވުންތައް ބާތިލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީގެ ސަރުކާރުން އެކި ފަރާތްތަކަށް އެއް ބިލިއަން ރުފިޔާގެ އެސެޓް ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ އެއްބަސްވުންތައް ބާތިލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ރައީސް އޮފީހުގައި އޮތް ކުރީ ސަރުކާރުގެ ބަދަލު ދިނުމާ ބެހޭ ކޮމިޓީން 10 ފަރާތަކަށް ބަދަލު ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފައިސާގެ ބަދަލާއި ރިސޯޓާއި ފަޅު ވެސް ހިމެނޭ އިރު މީގެތެރެއިން ގިނަ މައްސަލަތަކުގައި ބަދަލު ދިނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސަރުކާރު ހިންގި އެމްޑީޕީއަށް 2023ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވެ، ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމަކާ ނުލައި ވެސް ދައުލަތުގެ އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަގުހުރި އެސެޓްތައް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ހާއްސަ ޓީމެއް ނަގައިގެން ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަތައް ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ގިނަ މައްސަލަތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަން ފާހަގަކުރެވިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. ގާނޫނާ ހިލާފަށް ދީފައިވާ ހުރިހާ ބަދަލެއްގެ އެއްބަސްވުން ކެންސަލް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝަރީއަތަށް ހުށަހަޅައިގެން ބާތިލް ކުރަން ޖެހޭ މައްސަލައެއްވާ ނަމަ، ޝަރީއަތަށް ހުށަހަޅައިގެން ނަމަވެސް ގާނޫނާ ހިލާފަށް ދައުލަތުގެ އެސެޓްތައް އެއްވެސް ބަޔަކަށް ދީފައިވާ ނަމަ އެ އެގްރިމެންޓްތައް އަޅުގަނޑުމެން ބާތިލް ކުރާނަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ޝަރީއަތަށް ހުށަނާޅާ ބާތިލް ކުރެވެން ހުރި މައްސަލަތައް ވެސް ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެކަން ނިންމާލެވޭނެ ކަމަށެވެ.

އެކިއެކި މައްސަލަތަކުގައި އެއްބަސްވުންތައް އުވާލައިގެން ގެއްލުންވި ފަރާތްތަކަށް ބަދަލު ނަގައިދޭން، މިދިޔަ ސަރުކާރުން އެކުލަވާލި ސެޓްލްމެންޓް ކޮމިޓީ އުވާލެއްވީ މި ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އޭރު އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް މައްސަލަތައް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ސެޓްލްމަންޓް ކޮމެޓީ އުވައިލިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރު މުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ސެޓްލްމަންޓް ކޮމިޓީ ފުރަތަމަ އެކުލަވާލީ ޖެނުއަރީ، 27، 2019ގަ އެވެ. ބޭނުމަކަށް ވީ ސަރުކާރުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އުވާލާފައިވާތީ އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމެވެ.

ނަމަވެސް، އެ ކޮމިޓީ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފާޑުކިޔައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމު ނަޒާހަތްތެރިކޮށް ކުރިއަށް ގެންދަން މަޖިލީހުން ސަރުކާރަށް ލަފާދިނެވެ. އެއާ އެކު ކޮމިޓީގެ މަސައްކަތްތައް މަޑުޖައްސާލުމަށް ފަހު އުސޫލު އެކުލަވާލައި އަނެއްކާވެސް ކޮމިޓީން ބަދަލު ދިނުން ކުރިއަށް ގެންދިޔައީ އެވެ.