Roadha Mihaaru
އެއްބަސްވުންތައް ހާމަކުރެވެން އޮތް މިންވަރެއް ހާމަކުރާނެ

އޭޖީގެ ސްޓޭންޑަކީ އެއްބަސްވުންތަކުގެ ހާމަކުރެވެން އޮތް މިންވަރެއް ހާމަކުރުން!

07 މާޗް 2024

ވިސްނުމަކީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރެވެން ހުރި މިންވަރަކަށް ހާމަކުރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވިސްނުމަކީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރެވެން ހުރި މިންވަރަކަށް ހާމަކުރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުން އަވައްޓެރި ބައެއް ގައުމުތަކާ ހެދި އެއްބަސްވުންތައް ސިއްރުކުރަން ނިންމި ނިންމުމަކީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެންމެ ދެކޮޅު ހެދި އެއް ކަންތަކެވެ. ވެރިކަމަށް އައުމަށްފަހު އެ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް އޭރު ބުންޏެވެ. ނަމަވެސް އެއްބަސްވުންތައް ހާމަކޮށްފައިނުވެ އެވެ.

އޭގެ ފަހުން އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭ އެ ގައުމާއެކު ހެދި އެއްބަސްވުމުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "މިހާރު" އިން ހުށަހެޅުމުން އެ ތަފްސީލްތައް ލިބިފައެއް ނުވެ އެވެ.

ޖަވާބުގައި ބުނެފައިވަނީ މައުލޫމާތުތައް 'ޑީކްލެސިފައި' ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ އަދި ގުޅުން ހުރި އިދާރާތަކާއެކު ކުރަމުން އަންނަ ކަމަށާއި އެ ކަން ނިމުނުހާ އަވަހަކަށް އާންމުކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އުޝާމް ވިދާޅުވީ، ދެ ގައުމުގެ ދޭތެރޭގައި ސޮއިކުރެވޭ އެއްބަސްވުންތައް ބައެއް ހާލަތްތަކުގައި ހާމަކުރުމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާ ކަހަލަ ހާލަތްތަކެއްގައި ހާމަނުކުރެވިދާނެ ކަމަށް ގާނޫނުގައި ވެސް ބުނެފައިވާ ކަމަށެވެ.

"އެގްރީމެންޓުގެ ބައެއް ބައިތަކަކީ އޭގެ ޒާތުގައި ހާމަނުކުރެވޭނެ ކަންކަން ކަމަށްވާތީ އެ ބައިތައް އުނިކޮށްފައި ނަމަވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އުޝާމް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ވީހާ ވެސް ހާމަކަން ބޮޑުގޮތެއްގައި މިކަން ކުރުމަށް ވައުދުވެގެން ކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، އެގްރީމެންޓު ހާމަކުރަން ނުޖެހޭނެ ކަމަށް ލަފާ ދީފައި ނޯންނާނެ ކަމަށާއި ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރާނެ ކަމަށެވެ.