Roadha Mihaaru
ދޮގު ބަޔާނެއް ހޯދަނީ ސިޔާސީ ބޭނުމެއްގައި: މައުމޫން

ޒައިދު މެދުވެރިކޮށް ދޮގު ބަޔާނެއް ހޯދަނީ ސިޔާސީ ބޭނުމެއްގައި: މައުމޫން

24 ފެބުރުއަރީ 2017

ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން މެދުވެރިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ވަގުތުން ހުއްޓާލަން އެމަނިކުފާނު މިރޭ ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން މެދުވެރިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ވަގުތުން ހުއްޓާލަން އެމަނިކުފާނު މިރޭ ގޮވާލައްވައިފި އެވެ.

ރައީސް މައުމޫނަށް ތާއީދުކުރައްވާ ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އޭނާއާ ސުވާލުކުރަނީ މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދަން ކަމަށް ޒައިދު ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ހިލާފު ބޮޑެތި ތުހުމަތުތަކެއް އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ނަމަ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ވަގުތުން އެކަން ހުއްޓާލަން ވެސް ވަނީ ގޮވާލައްވައިފަ އެވެ.

"ޒައިދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުމެއް ނެތް މައްސަލައަކާ ބެހޭ ގޮތުން ސުވާލުކޮށް، ދޮގު ބަޔާނެއް ހޯދުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމުގައި ދެކެމެވެ. ޒައިދު ހައްޔަރުގައި ބަހައްޓައިގެން، ސިޔާސީ ބޭނުމަކަށް، އޭނާގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ނިގުޅައިގެންފައި ވާތީ މިކަން ކުށްވެރިކުރަމެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ.

ޒައިދު އަށް ނުހައްގުން އަނިޔާތަކެއް ލިބެމުން ދާތީ ޕީޕީއެމްގެ އާންމު މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ޒައިދުގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ބަޔާން ނަގައި ނިމިފައިވާ ނަމަ އޭނާ ދޫކޮށްލަން ވެސް ގޮވާލެއްވި އެވެ.

މައުމޫން ވަނީ ޒައިދު ނެރުއްވި ބަޔާނުގައި ކުރެއްވި ތުހުމަތުތައް އިންސާފުވެރިކަމާ އެކު ތަހުގީގު ކޮށްދޭން ފުލުހުންނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މައުމޫނަށް ތާއީދުކުރެއްވުން ހުއްޓާލައި، ސަރުކާރަށް ތާއީދުކުރައްވަން ތަހުގީގުގައި ފުލުހުންގެ އިސް އޮފިސަރަކު ޒައިދުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އެ އޮފިސަރުގެ ނަން ވެސް ޖަހާފައިވެ އެވެ.

ޒައިދުގެ ބަޔާނުގައިވާ ގޮތުން ފުލުހުން މިހާރު ބޭނުންވަނީ ޕީޕީއެމް އޮފީހުން ގެއްލުނު އެ ހާޑް ޑިސްކު އޮތީ މައުމޫންގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި ސަރުކާރާ ދެކޮޅު ރޭވުންތަކެއް މައުމޫން ރާއްވަވާ ކަމަށް ބުނެ ބަޔާނެއް ނަގާށެވެ. އޭގެ ބޭނުމަކީ މައުމޫން ހައްޔަރުކުރުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ފުލުހުން ބުނީ ޒައިދުގެ ބަޔާނުގައި ހުރި ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސް އިން ބަލަމުން އަންނަ ކަމަށެވެ. ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސްއަކީ ވަކިވަކި ފުލުހުންގެ މައްސަލަތައް ބަލަން ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެންޓެކެވެ.