Roadha Mihaaru
މައުމޫންގެ ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވަން އަންގައިފި

މައުމޫން ހިންގަވާ ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވަން ފުލުހުންނަށް އަމުރު ކޮށްފި

30 މާޗް 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް މި ރޭ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް މި ރޭ އަމުރުކޮށްފި އެވެ.

ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް ކޯޓުން ކޮށްފައިވާ ހުކުމާ ޚިލާފަށް، ޕީޕީީއެމްގެ ނަމުގައި އެއްވެސް ޖަލްސާއެއްް ބާއްވާ ނަމަ އަދި އެ ޕާޓީގެ ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށާއި އަދި ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި ޕީޕީއެމްގެ ދިދަ ނެގުމަށެވެ.

އެ އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެއް ކަމަށެވެ. އެފަދަ އަމަލުތަކަކީ ކޯޓުތަކުގެ ގާނޫނާ ޚިލާފް ކަމެއް ކަމަށާއި އެހެންވެ އެފަދަ ކަންކަމަކީ ސަލާމަތީ ބާރުތަކުން ހުއްޓުވަންޖެހޭ ކަމެއް ކަމަށް އެ އަމުރުގައިވެ އެވެ.

ކޯޓުން އެގޮތަށް އަމުރުކުރީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ތެމާގައި އޮފީހެއް ހިންގަމުން ދަނިކޮށެވެ. އަދި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ވެސް ފެކްޝަނުން ދަނީ ބޭނުން ކުރަމުންނެވެ.

މައުމޫން ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަމުންދަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ.

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ހިންގުން ހުއްޓިފައި ވަނިކޮށް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ނިންމުން މައުމޫން ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ.