Roadha Mihaaru
އޮފީހަށް ގެއްލުން ދިން މީހުންނަށް ދައުވާކުރާނަން

މައުމޫންގެ އޮފީހަށް "ގެއްލުން" ދިން މީހުންނަށް ދައުވާ ކުރަނީ

31 މާޗް 2017

ހ. ތެމާގައި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން އަބްދުލް ގައްޔޫމް ހިންގަވަމުން ގެންދަވާ އޮފީހަށް މިރޭ ގެއްލުން ދީފައިވާ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ހ. ތެމާގައި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން އަބްދުލް ގައްޔޫމް ހިންގަވަމުން ގެންދަވާ އޮފީހަށް މިރޭ ގެއްލުން ދީފައިވާ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުން މިރޭ ގޮސް، މައުމޫންގެ އޮފީހުގެ ނަންބޯޑާއި އެ އޮފީހުގެ ގޯތިތެރޭގައި ނަގާފައި ހުރި ޕީޕީއެމްގެ ދިދަ ގެންދިޔަ ފަހުން ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ، "އަޅުގަނޑު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ބަޔަކު ވަދެ ގެއްލުން ދީފައިވާތީ، އިރާދަކުރެއްވިއްޔާ ދައުވާ ކުރާނަން" ކަމަށެވެ.

މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.

މައުމޫންގެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމްގެ ދިދަ މިއަދު ހަވީރު ހައެއްގެ ކުރިން ނެގުމަށް އެންގުމަށް ފަހު، އެގޮތަށް އަމަލު ނުކުރުމުން ފުލުހުން ވަނީ މިރޭ 7:30 ހާއިރު ގޮސް ދިދަ އާއި ނަންބޯޑު ގެންގޮސްފަ އެވެ.

ޕީޕީއެމްގެ ދިދަ ގެންދިޔައީ މައުމޫންގެ އޮފީހުގެ ބޭރު ގޭޓްގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

މައުމޫންގެ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ ނަމަވެސް، ފުލުހުން އަދިވެސް އެ އޮފީހުގެ ބޭރުގައި އެބަތިއްބެވެ. ދިދަ އާއި ނަންބޯޑު ގެންދިޔައިރު، އޮފީހުގެ ގޯތިތެރޭގައި ސިމެންތިން ހަދާފައިވާ ޕީޕީއެމްގެ ލޯގޯގެ މޮނިއުމެންޓެއް އަދި އެބަހުއްޓެވެ.