Roadha Mihaaru
މައުމޫންގެ އޮފީހުގައި ހުރި ތަކެތި ނަގަން އަންގައިފި

މައުމޫންގެ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި ނަންބޯޑު މިއަދު 6 ގެ ކުރިން ނަގަން އަންގައިފި

31 މާޗް 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީގެ ނަންބޯޑު މިއަދުގެ ހަވީރު ހައެއްގެ ކުރިން ނަގަން ފުލުހުން އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީގެ ނަންބޯޑު މިއަދުގެ ހަވީރު ހައެއްގެ ކުރިން ނަގަން ފުލުހުން އަންގައިފި އެވެ.

ފުލުހުން ނެރުނު އެންގުމެއްގައި ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން ފުލުހުން ވަނީ އެ އެންގުމުގައި ގޮވާލައިފަ އެވެ.

ހ. ތެމާގައި ހިންގަމުން ގެންދާ، ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގައި ހުރި އެ ޕާޓީގެ ލޯގޯ.---މިހާރު ފޮޓޯ: ނިޝާން އަލީ

ހ. ތެމާގައި ހިންގަމުން ގެންދާ، ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގައި ހުރި އެ ޕާޓީގެ ލޯގޯ.---މިހާރު ފޮޓޯ: ނިޝާން އަލީ

"...އަދި ހ. ތެމާގޭގައި ނަގާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދިދަ އާއި ނަންބޯޑު 31 މާޗް 2017 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެތަނުން ނެގުމަށް އަންގަމެވެ. އަދި މި އެންގުމާއި ހިލާފުވެގެން ފުލުހުން އެތަނުން ދިދަ އާއި ނަންބޯޑު ނަގަން ޖެހިއްޖެ ހާލަތެއްގައި ދިދަ އާއި ނަންބޯޑު ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ،" ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން ފުލުހުން އާންމުކުރި އެންގުމުގައި ވެ އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ ރޭގަ އެވެ. އެގޮތުން ތެމާގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ އެ ޕާޓީގެ ދިދަ.---މިހާރު ފޮޓޯ: ނިޝާން އަލީ

ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ އެ ޕާޓީގެ ދިދަ.---މިހާރު ފޮޓޯ: ނިޝާން އަލީ

އަމުރުގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެއް ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމް އުފެއްދުުމުގައި އެންމެ އިސްކޮށް ހުންނެވި މައުމޫން އެ ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ. ޕީޕީއެމް ދެބައިވެ، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެ ޕާޓީގެ ނަމުގައި ކޮމިޓީތައް ހިންގަވައި ކަންކަން ނިންމަވަމުން ގެންދަވާއިރު ކޯޓުގެ ހުކުމަކާ އެކު، ޕާޓީގެ ހުރިހާ ބާރެއް މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށް، އެ މަނިކުފާނެ ފަޅިން ވެސް ގެންދަވަނީ ނިންމުންތައް ނިންމަވަމުންނެވެ. ކޮންމެ ފަރާތަކުން ވެސް އަސްލު ޕީޕީއެމް އަކީ އެއީ ކަމަށް ދައުވާކުރެ އެވެ.