Roadha Mihaaru
މިފްކޯގެ ވެރިންގެ މުސާރަ ކުޑަކޮށް،ހާއްސަ ފިޔަވަޅުތަކެއް

މިފްކޯގެ ވެރިންގެ މުސާރަ ކުޑަކޮށް، ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

19 ޖުލައި 2024

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

މިފްކޯގެ ބޯޑުން މި ބަދަލުތައް ގެންނަން ނިންމާފައިވާކަން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އިއްޔެ ފޮނުވި މެމޯއެއްގައި ވަނީ އަންގައިފަ އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) މިރޭ "މިހާރު" އަށް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މައްސަލަތައް ދެނެގަނެ އިސްރާފު ކުޑަކުރުމަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އަދި އެގޮތަށް ބޯޑުން ނިންމި ކަންކަން މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[މި ބަދަލުތަކުގެ ސަބަބުން] އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމެއް ނެތް. ޖެނެރަލް މެނޭޖަރާއި ސީނިއާ މެނޭޖުމަންޓް ލެވަލްއިން އެކަން ކުރަނީ. މީގައި ޝަކުވާއެއް އޮތަސް އޮންނާނީ އެ ލެވެލްގައި. މިކަމުގައި އެއްވެސް އޮޅުވާލުމެއް މި ކުންފުނިން ނުގެންގުޅޭނެ،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއި ކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނީ ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށް ގެންދާ "މިފްކޯ އެފިޝަންސީ އެކްސަސައިޒް"ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.

މިފްކޯގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތަކެއް

• މިފްކޯގެ ސީއީއޯއިން ފެށިގެން ސީނިއާ މެނޭޖަރުންގެ ރޭންކުގައި ހިމެނޭ މުވައްޒަފުންނާ އެކު، ސީނިއާ އަދި މެދު ފަންތީގެ މެނޭޖުމަންޓްގެ ވެރިންގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކުރުން.

• މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމަށްޓަކައި އޮނިގަނޑަށް އިސްލާހު ގެނައުން.

• ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަން.

• ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މީހުން ވަކިކުރުން.

• 65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މީހުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށް ފަހު ވަކިކުރުމާއި ހާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުން.

• އެލަވަންސް ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށްޓަކައި ޑެޕިއުޓީ ހެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސް އަދި ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން.

• ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތަކެއް ދިނުން ހުއްޓާލުން.

• ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން އާ ނުކުރުން.

• އިތުރު ގަޑީގައި ކޮންމެ މަސައްކަތްކުރަން ޖެހިގެން ނޫނީ މަސައްކަތް ނުކުރުވުން.

• އަމިއްލަަ އިހުތިޔާރުގައި ވަޒީފާއިން ވަކިވާން ބޭނުންވާ މީހުންނަށް ތިން މަހުގެ ޕެކޭޖަކާ އެކު ވަކިވުމުގެ ފުރުސަތު ދޭން ހުޅުވާލުން.

މިފްކޯގެ މާލީ ހާލަތު ދަށްވެ، މަސްވެރިންނަށް ފައިސާ ނުދެވޭތީ މަސްވެރިން ދާދިފަހުން މުޒާހަރާ ކުރި އެވެ. އެކަމާ ގުޅިގެން، މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް މިފްކޯއިން ފަހުން ވަނީ މަސް ގަންނަ އަގު ދަށްކޮށްފަ އެވެ.

ބޮޑު އަގުގައި މަސްވެރިން އަތުން މަސް ގަނެގެން މިފްކޯއަށް އަބަދުވެސް ދަނީ ގެއްލުންވަމުންނެވެ.