Roadha Mihaaru
ޖިހާދަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިިފި

ޖިހާދުގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި

25 ޖުލައި 2024

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ.

ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުޅިދިއްގަރުފަޅު ތަރައްގީކުރަން ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު، ދިވެހި ސަރުކާރު ލަަފައާ ހިލާފަށް ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައި އޮއްވާ އެއްބަސްވުމުގައި ސޮއި ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ބެލުމަށް ފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީ ގޮތުން ގޯސްތަކެއް ހަދާފައިވާތީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެގޮތުން މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި، ނިންމާފައި ވަނިކޮށް ކަމަށާއި އެކަމަކު އަލުން މައްސަލަ ބެލި ސަބަބެއް ބުނެދެވިފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާއިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށާއި އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި ނިންމުމުގައިވަނީ ތަހުގީގު ހިންގާފައިވަނީ އިންސާފުން ނޫން ކަމަށް ކަންތައްތަކެއް ފާހަގަ ކުރެވޭތީ، އެފަދަ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރާ ދައުވާއަށް ވެސް އަސަރު ކުރާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު އެ މަނިކުފާނުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ދައުލަތުން ދޫކުރި ރެހެންދި ފްލެޓްގެ އެޕާޓްމެންޓް އެ މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ޖިހާދުގެ މައްޗަށް ދައުލަތުން ކުރިން ދައުވާކުރި އެވެ.

އެ މައްސަލަ ވެސް މިދިޔަ ޖެނުއަރީ މަހު ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.