Roadha Mihaaru
އާބިޓްރޭޝަން ކާމިޔާބުކުރަން ކަތިލީ އަޅުގަނޑު: ޖިހާދު

ސަރުކާރުން އާބިޓްރޭޝަން ކާމިޔާބުކުރަން ކަތިލީ އަޅުގަނޑު: ޖިހާދު

21 ސެޕްޓެމްބަރ 2021

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރީ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ފުށިދިއްގަރުފަޅުގެ މައްސަލަ ސަރުކާރުން ކާމިޔާބު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެސެޓް ރިކަވަރީ ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ޖިހާދުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރީ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ފުށިދިއްގަރުފަޅުގެ މައްސަލަ ސަރުކާރުން ކާމިޔާބު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެސެޓް ރިކަވަރީ ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ޖިހާދުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޖިހާދުގެ މައްޗަށް ދައުވާކޮށްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހަދަން ނިންމާފައި އޮއްވައި، ސަރުކާރުގެ ހިއްސާ އެ އަށް ވުރެ ކުޑަކޮށް ކުންފުނި ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު ސޮއިކުރުމުންނެވެ. އެހެންވެ، ދައުލަަތަށް ލިބެން އޮތް ފައިދާއެއް ގެއްލުން ކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުވާކުރީ އެވެ.

ފަހުން ސަރުކާރުން އެ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ޕްރައިމް ކެޕިޓަލް އިން ވަނީ އެ މައްސަލަ ދިވެހި ދައުލަތާ ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅައިފަ އެވެ.

ޖިހާދުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަމުން މިއަދު ކޯޓުގައި ބުނެފައި ވަނީ، އޭނާ ކޮރަޕްޝަންގެ ކުށެއް ނުކުރާ ކަމަށް އޭސީސީން ނިންމާފައި އޮއްވައި، މައްސަލަ އަލުން ބެލީ އޭނާ ކޮރަޕްޝަންގެ ކުށެއް ކުރިކަން ސާބިތުވުމަކީ އާބިޓްރޭޝަންގެ މައްސަލަ ކާމިޔާބު ކުރަން މުހިންމު ކަމަކަށް ވާނެތީ ބަންޑާރަނައިބުގެ އޮފީހުން އެދިގެން ކަމަށެވެ.

ޖިހާދުގެ ފަރާތުން ބުނީ ސަރުކާރުން އާބިޓްރޭޝަންގެ މައްސަލަ ކާމިޔާބުކުރަން އޭނާގެ މައްޗަށް ދައުވާކޮށް "ކަތިލީ" ކަމަށެވެ.

މި މައްސަލަ އަކީ އެސެޓް ރިކަވަރީ ކޮމިޝަނުން އަމިއްލައަށް ބެލި ހަމައެކަނި މައްސަލަކަން ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ހާމަވެފަ އެވެ. ދެން އެ ކޮމިޝަނުން ބެލި އެހެން މައްސަލަތަކަކީ، ތަހުގީގީ އެހެން އިދާރާތަކާ ގުޅިގެން ހިންގާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަންތަކެވެ. މިކަމުން ވެސް އެނގެނީ ބަންޑާރަ ނައިބުގެ ނުފޫޒާ ހެދި މި މައްސަލައިގައި ދައުވާކުރަން ފޮނުވުންކަން ޖިހާދުގެ ފަރާތުން ބުންޏެވެ.

ކޮމިޝަނުގެ ތަހުގީގަށް ލިބުނު މައުލޫމާތުތައް ހޯދަން ވެސް ބަންޑާރަ ނައިބުގެ އޮފީހުން ސިޓީއަކުން އެދިފައިވާކަން ޖިހާދުގެ ފަރާތުން ފާހަގަކުރި އެވެ. އެއީ އޭޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ކޮމިޝަނުގެ ތަހުގީގަކާ ގުޅޭ މައުލޫމާތު ހޯދޭނީ ރައީސަށް އެކަނި ކަމަށް ވެސް ޖިހާދުގެ ފަރާތުން ބުންޏެވެ.

މާލޭގެ ދެކުނުން އަދި ކ. ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ޓޫރިޒަމް ތަރައްގީކުރަން ޕްރައިމް ކެޕިޓަލްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި އޮއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާޗު 2016 ގައި، އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އެންގީ، އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލިބުމުގެ ކުރިން ޖޮއިންޓް ވެންޗާ ކުންފުނި ނުއުފައްދާށެވެ.

އޭގެ ފަހުން މުއާމަލާތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު އެއްބަސްވުން އުވާލިކަން އެއްވެސް ސަރުކާރަކުން ނުބުނެ އެވެ. އޮކްޓޯބަރު 30، 2016 ގައި 72 މިލިއަން ޑޮލަރަށް އެ ފަޅު ވިއްކާލަން އިއުލާނު ކުރި ނަމަވެސް އެ ފަޅު ނުވެސް ވިކުނެވެ.

މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން، ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ޔާމީން ވިދާޅުވިޔަސް އެކަމެއް ނުހިނގަ އެވެ.