Roadha Mihaaru
ކޮރިއަން އެއާގައި ކަޕް ނޫޑްލްސް ދިނުން ހުއްޓާލަނީ

ޓާބިއުލަންސްގެ ސަބަބުން ކޮރިއަން އެއާގައި ކަޕް ނޫޑްލްސް ދިނުން ހުއްޓާލަނީ

02 އޯގަސްޓް 2024

ޓާބިއުލަންސްގެ ހާދިސާތައް ހިނގާ ވަރު އިތުރުވުމުން ކޮރިއަން އެއާގެ އިނޮކޮމީ ކްލާސްގައި ދަތުރު ކުރާ ފަސިންޖަރުންނަށް ކަޕް ނޫޑްލްސް ދިނުން ހުއްޓާލަން އެ އެއާލައިނުން ނިންމައިފި އެވެ.

ޓާބިއުލަންސްގެ ހާދިސާތައް ހިނގާ ވަރު އިތުރުވުމުން ކޮރިއަން އެއާގެ އިނޮކޮމީ ކްލާސްގައި ދަތުރު ކުރާ ފަސިންޖަރުންނަށް ކަޕް ނޫޑްލްސް ދިނުން ހުއްޓާލަން އެ އެއާލައިނުން ނިންމައިފި އެވެ.

ކޮރިއަން އެއާ އިން ވަނީ މި މަހު 15 އިން ފެށިގެން އިކޮނޮމީ ކްލާސްގައި ދަތުރު ކުރާ ފަސިންޖަރުންނަށް ކަޕް ނޫޑްލްސް ދިނުން ހުއްޓާލަން ނިންމައިފަ އެވެ. ނަމަވެސް ބިޒްނަސް އާއި ފަސްޓް ކްލާސްގައި ދަތުރު ކުރާ ފަސިންޖަރުންނަށް ކަޕް ނޫޑްލްސް ސާވް ކުރާނެ އެވެ.

ކަޕް ނޫޑްލްސް އަކީ ޒަމާނުއްސުރެ ކޮރެއަން އެއާގައި ދަތުރުކުރާ ފަސިންޖަރުންގެ ފޭވަރިޓެކެވެ. އަދި މި ކަޕް ނޫޑްލްސް އަކީ އެ އެއާލައިން އިން ހިލޭ ދޭ އެއްޗަކަށް ވާތީ ގިނަ ބައެއްގެ ތައުރީފު ވެސް އެ ކަމަށް ލިބިފައިވެ އެވެ.

އެ އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެގޮތަށް ނިންމަން ޖެހުނު ސަބަބަކީ ޓާބިއުލަންސް ހާދިސާތައް ހިނގާ ވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެ، ބޯޓު ތެޅޭ ގަޑީގައި، ހޫނުކޮށް ހުންނަ ކަޕްތައް ވެއްޓި ފަސިންޖަރުން ފިހުމުގެ ހާދިސާތައް ހިނގާތީ އެވެ. އިކޮނޮމީ ކްލާސްގައި ފަސިންޖަރުން ތިބެނީ ވަރަށް ކައިރިކައިރީގައި ކަމަށް ވުމުން އަނިޔާވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ކޮރިއަން އެއާގެ ބޯޓުތަކުގައި ޓާބިއުލަންސްގެ ހާދިސާތައް ހިނގާ ވަރު 2019 ވަނަ އަހަރާއި އަޅާ ބަލާއިރު މިހާރު ދެގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކަޕް ނޫޑްލްސްގެ ބަދަލުގައި އިކޮނޮމީ ކްލާސްގެ ފަސިންޖަރުންނަށް ދެން ދޭނީ ސޭންޑްވިޗާއި ކޯން ޑޯގްސް އާއި ޕިއްޒާ އަދި ހޮޓް ޕޮކެޓްސް ކަމަށް އެ އެއާލައިނުން ބުންޏެވެ.

ސިންގަޕޯ އެއާލައިން އިން ވެސް ވަނީ ޓާބިއުލަންސްގެ ހާދިސާތައް އިތުރުވާތީ، އެ އެއާލައިންގައި ދަތުރު ކުރާ ފަސިންޖަރުންނަށް ހޫނުކޮށް ހުންނަ ކެއުމާއި ބުއިންތައް ދިނުން މި އަހަރު ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ މޫސުމަށް މިހާރު އަންނަމުންދާ ބަދަލުތަކާ އެކު، ޓާބިއުލަންސްގެ ހާދިސާތައް ހިނގާ ވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ވެސް ބުނެފައިވެ އެވެ.