Roadha Mihaaru
ޑޮކްޓަރުގެ މަރަކީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފި

އިންޑިއާގައި ޑޮކްޓަރު މަރާލީ ގޭންގު ރޭޕުކޮށްފައި ކަމަށް ތުހުމަތުކޮށްފި

15 އޯގަސްޓް 2024

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި، ދަސްކުރާ ޑޮކްޓަރެއްގެ ގޮތުގައި އުޅުނު އަންހެނަކު ރޭޕްކޮށް މަރާލުމަކީ އެންމެ މީހަކު ބައިވެރިވެގެން ކުރި ކަމެއް ނޫން ކަމަށާއި އެއީ ގޭންގު ރޭޕެއް ކަމަށް ޑޮކްޓަރުގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި، ދަސްކުރާ ޑޮކްޓަރެއްގެ ގޮތުގައި އުޅުނު އަންހެނަކު ރޭޕްކޮށް މަރާލުމަކީ އެންމެ މީހަކު ބައިވެރިވެގެން ކުރި ކަމެއް ނޫން ކަމަށާއި އެއީ ގޭންގު ރޭޕެއް ކަމަށް ޑޮކްޓަރުގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ޑޮކްޓަރުގެ މަރާ ގުޅިގެން އިންޑިއާގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން އިމަޖެންސީ ނޫން ހުރިހާ މަސައްކަތެއް ހުއްޓާލައި ހަޅުތާލުގައި ތިބި އިރު މިހާރު ވަނީ މި މައްސަލައިގެ ތަހުގީގު އިންޑިއާގެ މައި ތަހުގީގީ އިދާރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިއަށް ގެންދަން ކޯޓުން އަމުރުކޮށްފަ އެވެ.

އިންޑިއާގެ އެންޑީޓީވީން ބުނި ގޮތުގައި ޑޮކްޓަރުގެ އޮޓޮޕްސީން، ޖިންސީ އަނިޔާ ކަށަވަރުވެފައި ވާއިރު އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެއީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ކަލްކަތާގެ ހައި ކޯޓުން މި މައްސަލަ ސީބީއައިއާ ހަވާލުކުރީ، ސަރަހައްދީ ފުލުހުންގެ ތަހުގީގު ކަމުނުދާ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވާތީ އާންމުންގެ އިތުބާރު ހޯދުމުގެ ގޮތުންނެވެ.

މަރުގެ ތުހުމަތަށް ވަނީ ހާދިސާ ހިނގި، އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ކިއޫތައް ހަމަޖައްސައި ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތުގައި އުޅޭ ސިވިކް ޕޮލިސް ވޮލަންޓިއަރުންގެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރި އިރު އޭނާ ކުށަށް އިއުތިރާފް ވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

އަންހެނުންނާ މެދު ހިންގާ ޖިންސީ ކުށުގެ މައްސަލަތައް އިންޑިއާގައި ވަރަށް އާންމެވެ. އާބާދީ 1.4 ބިލިއަނަށް އަރާ އިންޑިއާގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ދުވަހަކު އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ރިޕޯޓްކުރެ އެވެ.

އިންޑިއާ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ހަޅުތާލުގައި ތިބި އިރު އެ މީހުން ބުނަމުން ދަނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އޮންނަ ނުރައްކާ ވަކިން ބޮޑު ކަމަށެވެ. އެހެންވެ މެޑިކަލް ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހޮސްޕިޓަލްތަކުގެ އިތުރު ފިޔަވަޅު އެޅުމުގެ އިތުރުން އެކަމަށް ހާއްސަ ގާނޫނެއް ހެދުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ.