Roadha Mihaaru
ދިވެހި ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް ކުއާޓާ އަށް

ދިވެހި ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް އޭޝިއަން ޗެމްޕިއަންޝިޕްސްގެ ކުއާޓާ އަށް

22 އޯގަސްޓް 2024

ދިވެހިރާއްޖޭގެ ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ 18 އަހަރުން ދަށުގެ ބައިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ 18 އަހަރުން ދަށުގެ ބައިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއީ ބައިނަލްއަގުވާމީ ފެޑެރޭޝަނަކުން ބާއްވާ މުބާރާތެއްގައި ޖޫނިއާ ސާފަރުން ގައުމު ތަމްސީލުކުރާ ދެވަނަ ފަހަރެވެ. ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް ވާދަ ކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްސްގަ އެވެ.

މިއަހަރުގެ މުބާރާތުގައި ދިވެހި ދެ ޓީމެއްގެ އެތުލީޓުން ހުނަރު ދައްކާލަމުން އަންނައިރު، ކުއާޓާ އިން ޖާގަ ހޯދީ ގައުމީ ޓީމުގެ ކެޕްޓަން ސައްޔިދު ސަލާހުއްދީނާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) ގެ އިތުރުން މުބާރާތް ކުރިއަށް ގެންދާ ކ. ތުލުސްދޫއަށް ނިސްބަތްވާ ޓީމުގެ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ.

ކުއާޓާ އަށް ދިޔައީ ތިންވަނަ ބުރުގައި މިއަދު ކުރިއަށް ގެންދިޔަ ހީޓުތަކުން ކާމިޔާބު ހޯދައިގެންނެވެ. އެގޮތުން ރާއްޖޭގެ ފަސް ޖޫނިއާ ރާޅާއެޅުންތެރިން ތިންވަނަ ބުރުގައި ވާދަ ކުރި އެވެ.

ފުރަތަމަ ހީޓުގައި ވާދަކޮށް ކައިޕުޓީ ވަނީ 8.80 ޕޮއިންޓް ހޯދައިގެން ހީޓުން ދެވަނަ ހޯދައި، ކުއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ. އެއްވަނަ ހޯދީ މިދިޔަ އަހަރުގެ ފައިނަލްގައި ރާޅާއެޅި ޖަޕާނުގެ ކައިސޭ އަޑާޗީ އެވެ. ތައިލެންޑްގެ ޓިން ޖޯންސަން 7.40 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ނިންމާލި އިރު، ފުލަށް ދިޔައީ 7.14 ޕޮއިންޓް ހޯދި ރާއްޖޭގެ މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ.

ކައިޕުޓީ އާއި އިނާން އަކީ ވެސް ޓީމް ތުލުސްދޫގެ ސާފަރުންނެވެ.

ތިންވަނަ ހީޓުގައި ވާދަކޮށް ގައުމީ ޓީމުގެ އެތުލީޓް ޔަސީން އަހުމަދު ނާޝިދަށް ދެވަނަ ގެއްލުނީ ކުޑަ ތަފާތަކުންނެވެ. އޭނާ އަށް ޖުމްލަ 8.43 ޕޮއިންޓް ލިބުނު އިރު، ދެވަނައަށް ދިޔަ ޗައިނާގެ ޒިހާއޯ ޑޮންގް ވަނީ 8.67 ޕޮއިންޓް ހޯދައިފަ އެވެ. އޭނާ ފަހަތަށް ޖައްސާލަން ޔަސީން އަށް ބޭނުންވީ 4.45 ޕޮއިންޓްގެ ރާޅެކެވެ.

ޔަސީން ވާދަކުރި ހީޓުން އެއްވަނަ ހޯދީ 10.33 ޕޮއިންޓް އެއްކުރި ޓައިވާނުގެ ޖޮންޖޮން ޗާން އެވެ. ފުލަށް ދިޔަ ދެކުނު ކޮރެއާގެ ހަޖީން މޮކް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ކައި ޒަކީ ވަނީ ހަތަރުވަނަ ހީޓުގައި 8.97 ޕޮއިންޓް ހޯދައިގެން ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނައަށް ދިޔަ ކޮރެއާގެ ސިއޯހިޔުން ޖުން އަށް 7.43 ޕޮއިންޓް ލިބުނުއިރު ތިންވަނައަށް ދިޔައީ ސިންގަޕޫރުގެ ޖޫލިއެން މާކް އެވެ. އަދި އިންޑިއާގެ ހަރީޝް ޕްރަކާޝް އަށް ލިބުނީ 4.53 ޕޮއިންޓެވެ.

ޖޫނިއާ ކެޕްޓަން ސައްޔިދު ވަނީ ފަސްވަނަ ހީޓުގައި ވާދަކޮށް 8.27 ޕޮއިންޓާ އެކު ހީޓުން ދެވަނަ ހޯދައިފަ އެވެ. ޖުމްލަ 9.50 ޕޮއިންޓް އެއްކޮށްގެން އެއްވަނަ ހޯދީ ސްރީލަންކާގެ ކަނަޕަތީ ޖޭ އެވެ. ތިންވަނައަށް ދިޔަ ޓައިވާނުގެ ލިއު މިންގް ޖަންގް 7.83 ޕޮއިންޓް ހޯދި އިރު، ތައިލެންޑްގެ ނަޓްރީ ޖަރިޔަވަތަނަވިޖިތު ވަނީ 7.66 ޕޮއިންޓް ހޯދައިފަ އެވެ.

ކުއާޓާ ފައިނަލްގައި ކައި ޒަކީ ވާދަ ކުރާނީ ކަނަޕަތީ އާއި ފިލިޕީންސްގެ ޓްރޯއި އެސްޕެޖޯން އާއެކު ދެވަނަ ހީޓުގަ އެވެ. ޖޮންޖޮން ޗާން އާއި އިންޑިއާގެ ކިޝޯރު ކުމާރާ އެކު ސައްޔިދު ތިންވަނަ ހީޓުގައި ވާދަ ކުރާއިރު، ޖަޕާނުގެ ޓާރޯ ޓަކާއި އާއި ކޮރެއާގެ ސިއޯހިޔުން ޖުން އާއެކު ކައިޕުޓީ ވާދަ ކުރާނީ ހަތަރުވަނަ ހީޓުގަ އެވެ.