Roadha Mihaaru
އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާ ނޯމަލް: ފުލުހުން

އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާ ނޯމަލް، ސީރިއަސް މައްސަލައެއް ނެތް: ފުލުހުން

31 އޯގަސްޓް 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރުގެ ސިއްހީ މައްސަލައެއް ނެތް ކަމަށް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަމަށް ފުލުހުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރުގެ ސިއްހީ މައްސަލައެއް ނެތް ކަމަށް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަމަށް ފުލުހުން ބުނެފި އެވެ.

އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، އެ އަންހެންމީހާ ރަހީނުކުރުމުން އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރޭގައި ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަމަކު، އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިތުރަށް ހާލު ގޯސްވެގެން އޭނާ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކުރި އެވެ.

ސިއްހީ ހާލަތު އިތުރަށް ބެލުމަށްޓަކައި އައިޖީއެމްއެޗުގެ އޮބްޒަވޭޝަން ރޫމުގައި ފަރުވާދިނުމަށް ފަހު މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

އޭނާއަށް ފިޓު ޖެހި ހާލު ވަރަށް ގޯސް ކަމަށް ބުނެ ބައެއް ފަރާތްތަކުން ބުނަމުން އަންނަ ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު ބުނީ، އޭނާ ޑޮކްޓަރަށް ދައްކުމަށްފަހު ހަދާފައިވާ މެޑިކަލް ޓެސްޓުތަކާއި ސީޓީ ސްކޭންގެ ނަތީޖާ ވެސް ނޯމަލް ކަމަށެވެ.

އޭގެ އިތުރުން ހާލަތު އިތުރަށް ދެނެގެގަތުމަށް ނާރުގެ ޑޮކްޓަރާއި ނަފްސާނީ ޑޮކްޓަރަށް ވެސް ދައްކާފައިވާ ކަމަށާއި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ދެ ޑޮކްޓަރުން ވެސް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އައިސީޔޫގައި ފަރުވާ ދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަަރަކު ރިކަމެންޑުކޮށްފައިނުވޭ. އަދި ފިޓު ޖެހުނު ކަމަށް މިހާތަނަށް އެއްވެސް ޑޮކްޓަރެއް ގެ ލިޔުމެއްގައި ވެސް ބަޔާން ކޮށްފައިނުވޭ." ފުލުހުން ބުނެފައިވެ އެވެ.

ށ. މިލަންދޫ، ހެޕީލޭންޑް އަހުތަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ. އޭނާ ސަލާމަތް ކުރަން ފުލުހުން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ، ކަރުގައި ވަޅި ޖައްސައި އަތުހަރު ފުލުހުންނަށް އިންޒާރު ދިނެވެ. އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން ވެސް އަތުހަރު މަސައްކަތް ކުރި އެވެ.

އަތުހަރު ހުއްޓުވަން ޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

އޭނާ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު ވަނީ އަތުހަރުގެ ބޮލުގައި މުގުރަކުން ޖަހައި، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އެ ވަގުތު އަތުހަރު މަސައްކަތް ކުރި ނަމަވެސް، އަންހެން މީހާއަށް ވަޅިން މާ ބޮޑު އަނިޔާއެއް ނުވެ އެވެ. ފުލުހުން މުގުރުން ތެޅުމުން އަތުހަރަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.