Roadha Mihaaru
އަތުހަރު އޮތީ ވެންޓިލޭޓަރުގައި، މައްސަލަ ބަލަނީ

އަތުހަރު އޮތީ ވެންޓިލޭޓަރުގައި، އެޗްއާރްސީއެމް އާއި އެންއައިސީން މައްސަލަ ބަލަނީ

01 ސެޕްޓެމްބަރ 2024

ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު އާދަމް އަތުހަރު އަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު އާދަމް އަތުހަރު އަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

އާދަމް އަތުހަރު ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް ފެނުނީ މިރޭގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި މަރުވާންވެގެން އަމިއްލައަށް ދަންޖެހެން މަސައްކަތް ކުރުމުގެ ތެރޭގައި އަތުހަރު އަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހްތަރުގެ ހާލު ގޯސްވެ އައިޖީއެމްއެޗްގެ އައިސީޔުއަށް ބަދަލުކޮށްފައިވާ ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަތުހަރު ދަންޖެހުނު މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ށ. މިލަންދޫ، ހެޕީސައިޑް އަތުހަރު ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ.

އަންހެން މީހާ ސަލާމަތްކުރަން އުޅުމުން، އޭނާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން ނެރެ، ސައިކަލަށް އަރައިގެން ފިލަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެެވެ.

އެ ހާދިސާގައި އަންހެން މީހާއަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.

އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓަ އެވެ.