Roadha Mihaaru

އިސްލާމިކް ޖިހާދުގެ އިސް ދެ ބޭފުޅަކު ސީރިއާގައި އަވަހާރަކޮށްލައިފި

ފަލަސްތީނުގެ ހަމާސް ޖަމާއަތާ އެކު މިނިވަންކަމުގެ ޖިހާދުގައި ބައިވެރިވާ އިސްލާމިކް ޖިހާދުގެ އިސް ދެ ބޭފުޅަކު އިޒްރޭލުގެ ހަމަލާއަކުން ސީރިއާގައި އަވަހާރަވެފައިވާކަން ހާމަކޮށްފި އެވެ.

އިސްލާމިކް ޖިހާދުގެ އިސް ދެ ބޭފުޅަކު އަވަހާރަކޮށްލައިފި

ފަލަސްތީނުގެ ހަމާސް ޖަމާއަތާ އެކު މިނިވަންކަމުގެ ޖިހާދުގައި ބައިވެރިވާ އިސްލާމިކް ޖިހާދުގެ އިސް ދެ ބޭފުޅަކު އިޒްރޭލުގެ ހަމަލާއަކުން ސީރިއާގައި އަވަހާރަވެފައިވާކަން ހާމަކޮށްފި އެވެ.

އިސްލާމިކް ޖިހާދުއިން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހު އޮފީސް އިމާރާތްތަަކަކާއި އެޕާޓްމަންޓްތަކަށް ދިން ވައިގެ ހަމަލާތަކުގައި އަބްދުލް އަޒީޒް މިނާވީ އާއި ރަސްމީ ޔޫސުފް އަބޫ އީސާ އަވަހާރަވެފައިވާ ކަމަށެވެ.

އިސްލާމިކް ޖިހާދާ ގުޅުން އޮންނަ މީހަކު އިއްޔެ އޭއެފްޕީއަށް ބުނީ ދިމިޝްގު ސަރަހައްދުގައި އޮންނަ ގުދުސާޔާއަށް ދިން ހަމަލާގައި މި ދެ ލީޑަރުންގެ އިތުރުން ތިންވަނަ ބޭފުޅަކު ވެސް އަވަހާރަވެފައިވާ ކަމަށެވެ. އަދި ހަނގުރާމަވެރިންގެ އިތުރު ބަޔަކު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.

އަވަހާރަކޮށްލި ބޭފުޅުންގެ ތެރެއިން، 1945 ވަނަ އަހަރު އުފަން މިނާވީ އަކީ އިސްލާމިކް ޖިހާދުގެ "ފާހަގަކޮށްލެވޭ ލީޑަރެއް" ގެ ގޮތުގައި އެ ޖަމާއަތުގެ ބަޔާނުގައި ސިފަކޮށްފައިވާ އިރު، 1972 ވަނަ އަހަރު އުފަންވި އަބޫ އީސާ އަކީ އިސްލާމިކް ޖިހާދުގެ "އަރަބި ގުޅުންތަކުގެ ވެރިޔާ" ކަމަށް ވަނީ ބުނެފަ އެވެ.

އިސްލާމިކް ޖިހާދުން ބުނީ މި ބޭފުޅުންގެ ހަށިގަނޑުތައް ފެނުނީ އިއްޔެ ކަމަށެވެ.

އެ ޖަމާއަތުން ބުނީ މި ބޭފުޅުން ނެތި ދިއުމަކީ އިޒްރޭލާ ދެކޮޅަށް ކުރާ މަސައްކަތް މަޑުޖެހޭނެ ސަބަބެއް ނޫން ކަމަށާއި އިތުރަށް ވާނީ ވަރުގަދަ ކަމަށެވެ.

ސީރިއާގައި މިގޮތަށް ދޭ ހަމަލާތަކާ ގުޅޭ ގޮތުން މަދު ފަހަރަކު ނޫނީ ވާހަކަ ނުދައްކާ އިޒްރޭލުން ވަނީ ހަމަލާގެ ޒިންމާ މިފަހަރު ނަގައިފަ އެވެ. އެކަމަކު އަވަހާރަވި ބޭފުޅުންނާ ގުޅޭ ގޮތުން އޭއެފްޕީން ސުވާލުކުރުމުން އެއަށް އިޒްރޭލުގެ އަސްކަރިއްޔާއިން ޖަވާބެއް ނުދިނެވެ.