Roadha Mihaaru

ބާކީ ތިބި ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރު: ހަމާސް

ފަަލަސްތީނުގެ އެކި ޖަމާއަތްތަކުން ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުންގެ މިނިވަންކުރުމުގެ ފުރަތަމަ މަރުހަލާ އެއްބަސްވުމާ އެއްގޮތަށް ނިންމާލާފައި ވާއިރު ދެން ތިބި އެންމެން އެކީ އެއްފަހަރާ ދޫކޮށްލަން ތައްޔާރު ކަމަށް ޖަމާއަތުން ބުނެފި އެވެ.

ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރު: ހަމާސް

ފަަލަސްތީނުގެ އެކި ޖަމާއަތްތަކުން ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުންގެ މިނިވަންކުރުމުގެ ފުރަތަމަ މަރުހަލާ އެއްބަސްވުމާ އެއްގޮތަށް ނިންމާލާފައި ވާއިރު ދެން ތިބި އެންމެން އެކީ އެއްފަހަރާ ދޫކޮށްލަން ތައްޔާރު ކަމަށް ޖަމާއަތުން ބުނެފި އެވެ.

މީގެ 16 މަސް ދުވަސް ކުރިން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ މިނިވަންކުރަން ނިންމި އެންމެން އެކި ފަހަރުމަތިން މިނިވަންކުރަމުން ގޮސް އެންމެ ފަހަށް ތިބި ހަ މީހުން ހޮނިހިރު ދުވަހު މިނިވަންކުރާނެކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު ހަމާސް އިން އިއްޔެ ވަނީ ފުރަތަމަ ބުރުގައި ކަންތައް ކުރި ގޮތާ ހިލާފަށް އެއް ދުވަހާ އެންމެން ދޫކޮށްލެވިދާނެ ކަމަށް ބުނެފަ އެވެ.

ހަމާސް އިން މިހެން ބުނެފައި މި ވަނީ ހަމަލާތައް ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކުރިއަށް ގެންދިއުމާ ބެހޭ މަޝްވަރާތައް އަންނަ ހަފުތާގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

"ފުރަތަމަ ފިޔަވަހީގައި މަރުހަލާތަކަކަށް ބަހާލައިގެން ރަހީނުން މިނިވަންކުރި ނަމަވެސް، އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި އެއްފަހަރާ ހުރިހާ ރަހީނުން ދޫކޮށްލަން ހަމާސް އިން ތައްޔާރަށް ތިބިކަން މަޝްވަރާތަކުގެ މެދުވެރިންގެ ގޮތުގައި ތިބި ގައުމުތަކަށް ވާނީ އަންގާފައި،" ހަމާސްގެ އިސް އޮފިޝަލް ތާހިރް އަލް ނުނޫ އޭއެފްޕީއަށް ވިދާޅުވި އެވެ.

ހަމާސްގެ ބެލުުމުގެ ދަށުގައި ތިބި ރަހީނުންނާއި އެހެން ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

ތާހިރު ވިދާޅުވީ ހަމާސް އިން މިގޮތަށް ހުށަހެޅީ ސުލްހަޔަށް އެ ޖަމާއަތުގެ ސީރިއަސްކަން އޮތް މިންވަރާއި ދާއިމީ ސުލްހައެއް ވީހާވެސް އަވަހަކަށް ގާއިމުކުރުމަށް ބޭނުންވާކަން ހާމަކޮށްދިނުމަށް ކަމަށެވެ.

ހަމަލާތައް މެދުކަނޑާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރި ފަލަސްތީނުގެ 1،100 އަށް ވުރެ ގިނަ ގައިދީންގެ ބަދަލުގައި މިހާތަނަށް ހަމާސް އިން ވަނީ ރެޑް ކްރޮސް މެދުވެރިކޮށް އެކިފަހަރުމަތިން އިޒްރޭލުގެ 19 ގައިދީން ދޫކޮށްލައިފަ އެވެ.

ފުރަތަމަ ފިޔަވަހި ނިމުމުން ޣައްޒާގައި ބާކީ ތިބޭނީ އިޒްރޭލުގެ ރަހީނުންގެ ތެރެއިން 58 މީހެކެވެ.

ހަމާސް އިން އަންގާރަ ދުވަހު ވަނީ ރަހީނުންގެ ތެރެއިން މަރުވި އަށް މީހުންގެ ހަށިތައް އިޒްރޭލާ ހަވާލުކުރަން ވެސް އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުން އެންމެ ބޮޑަށް ވާހަކަ ދައްކާ ޝިރީ ބީބާސް އާއި އޭނާގެ ކުޑަ ދެ ފިރިހެން ދަރިން ކަމަށްވާ ކްފިރް އާއި އެރިއެލްގެ ހަށިތައް ވެސް ހިމެނެ އެވެ. މި ދެ ކުދިންގެ ބައްޕަ ވެސް އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި ރަހީނުކުރި އެވެ. އެކަމަކު އޭނާ ވަނީ ގައިދީން ބަދަލުކުރުމުގެ ތެރޭގައި މީގެ ކުރިން މިނިވަންކޮށްފަ އެވެ.

ހަމާސް އިން ބުނެފައިވަނީ ކުޑަ ދެ ކުދިން މަރުވީ ހަނގުރާމައިގެ ކުރީކޮޅު އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކެއްގައި ކަމަށެވެ. އެކަމަކު އިޒްރޭލުން މި ވާހަކައެއް ނުދައްކަ އެވެ.