Roadha Mihaaru

ކެތް ނުވި ބޮސްދިނުން

އިޒްރޭލުގެ ޖަލުތަކުގައި ހައްގަކާ ނުލައި އެތައް އަހަރެއް ވަންދެން ހައްޔަރު ކޮށްގެން ގެންގުޅޭ ފަލަސްތީނު މީހުން، އިޒްރޭލުން މިނިވަންކުރާ ކޮންމެ ފަހަރަކު ދުނިޔެ އަށް ލިބެނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ. މިނިވަންކުރާ ގައިދީންގެ އަނަރޫފަކަމާއި އެ މީހުންގެ ހަށިގަނޑުން ފެންނަން ހުންނަ، އަނިޔާގެ އަލާމާތްތައް ފެނުމުންނެވެ. އިޒްރޭލުގެ އަނިޔާތަކުގައި އެތައް ގައިދީންނެއް ޖަލުތަކުގައި މަރު ވެސް ވެއްޖެ އެވެ.

ކެތް ނުވި ބޮސްދިނުން
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

27 ފެބުރުއަރީ 2025

އިޒްރޭލުގެ ޖަލުތަކުގައި ހައްގަކާ ނުލައި އެތައް އަހަރެއް ވަންދެން ހައްޔަރު ކޮށްގެން ގެންގުޅޭ ފަލަސްތީނު މީހުން، އިޒްރޭލުން މިނިވަންކުރާ ކޮންމެ ފަހަރަކު ދުނިޔެ އަށް ލިބެނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ. މިނިވަންކުރާ ގައިދީންގެ އަނަރޫފަކަމާއި އެ މީހުންގެ ހަށިގަނޑުން ފެންނަން ހުންނަ، އަނިޔާގެ އަލާމާތްތައް ފެނުމުންނެވެ. އިޒްރޭލުގެ އަނިޔާތަކުގައި އެތައް ގައިދީންނެއް ޖަލުތަކުގައި މަރު ވެސް ވެއްޖެ އެވެ.

ހަމަ އެފަދައިން، ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަންކުރާ ކޮންމެ ފަހަރަކުމެ، ދުނިޔެ އަށް ސިހުން ލިބިގެންދެ އެވެ. އޮކްޓޫބަރު 7، 2023 ގައި ހަމާސް އާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި، ހަމާސް އިން އަސީރު ކުރި، އިޒްރޭލުގެ ބައެއް އާންމުންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިން އެތައް ބަޔަކު މިހާރު ވަނީ މިނިވަންކޮށް، ފަލަސްތީނާ ހަވާލުކޮށްފަ އެވެ.

ހަމާސް އިން އިޒްރޭލުގެ އަސީރަކު މިނިވަންކުރާ ކޮންމެ ފަހަރަކު، ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުޚީން އެ ވާހަކަ ޖާގަ ހޯދަ އެވެ. ނަމަވެސް، ވަރަށް އީޖާބީ ގޮތެއްގަ އެވެ. ހަމާސް އިން މިނިވަންކުރާ އަސީރުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ހިނިތުންވުމާއި އެ އަސީރުން ހަމާސްގެ ހަނގުރާމަވެރިންނަށް އަލްވަދާއު ކިޔާ ގޮތާއި ދެ ފަރާތުގެ ދެމެދުގައި އޮންނަ އެކުވެރިކަން މުޅި ދުނިޔެ އަށް ހާމަވެ އެވެ.

އިޒްރޭލުގެ ރަހީނަކު ހަމާސް އިން ދޫކުރުމުގެ ކުރިން ދެ ފަރާތުން ލިޔުންތަކުގައި ސޮއިކުރަނީ.--- ފޮޓޯ: ހަމާސް މީޑިއާ އޮފީސް/އޭއެފްޕީ

އިޒްރޭލުގެ ރަހީނަކު ހަމާސް އިން ދޫކުރުމުގެ ކުރިން ދެ ފަރާތުން ލިޔުންތަކުގައި ސޮއިކުރަނީ.--- ފޮޓޯ: ހަމާސް މީޑިއާ އޮފީސް/އޭއެފްޕީ

އިޒްރޭލުގެ އަސީރުން އެނބުރި އިޒްރޭލަށް ދަނީ ފުރިހަމަ މިނިވަންކަމާ އެކުގަ އެވެ. މިނިވަންކުރާ އަސީރުން މީޑިއާގެ ކުރިމައްޗަށް ނެރެނީ ސާފުތާހިރު ރީތި ހެދުމުގައި ތާޒާކަންމަތީގަ އެވެ. ދެ އަތް އޮންނަނީ ބިޑިއެއް ކަސްތޮޅެއް އެޅުވުމެއް ނެތި މިނިވަންކަމާ އެކު ދޫކޮށްލެވިފަ އެވެ. ހިނގާލާފައި އަންނަނީ ފުރިހަމަ ސިއްހަތުގައި އަމިއްލަ ބާރުގަ އެވެ. ހަނގުރާމައިގެ ތެރޭގައި ނުވަތަ އިޒްރޭލުން ދޭ ހަމަލާއެއްގައި ލިބޭ އަނިޔާއެއްގެ އަސަރު ނޫނީ، އެ މީހުންގެ ހަށިގަނޑަކު ނުހުރެ އެވެ.

ނަމަވެސް އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރާ ފަލަސްތީނު މީހުންގެ ހާލަތު މުޅިން ތަފާތެވެ. ޖަލުތަކުން ނެރެ ރެޑް ކްރޮސްއާ ހަވާލު ކުރަންދެން ތިބެނީ ދެ އަތާއި ފައިގައި ބިޑި އަޅުވައިފަ އެވެ. ބައެއް ފަހަރު ކަނު ވެސް ބަނދެފަ އެވެ. ޖަލުތަކުގައި ކޮށްފައިވާ ލާއިންސާނީ އަނިޔާތަކާއި އެކަށީގެންވާ ކާނާ ނުދިނުމުގެ ސަބަބުން، ގިނަ މީހުން ތިބެނީ އެ މީހުންގެ ހަގީގީ ސިފަ އޮޅޭ ވަރަށް އަނަރޫފަ ވެފަ އެވެ.

އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހަކު އާއިލާއާ ހަވާލު ކުރަނީ.

އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހަކު އާއިލާއާ ހަވާލު ކުރަނީ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގައިދީންނަށް ލާއިންސާނީ އަނިޔާ ދިނުމަކީ އާންމު ކަމެކެވެ. ބަރަހަނާކޮށް، ބާރު ޕްރެޝަރުގައި ފެން ޖެހުމާއި ރޭގަނޑު ނިދިޔަ ނުދީ، ގޮޅިތަކުގައި އަލިގަދަ ބޮކި ދިއްލުމާއި އަޑުގަދަކުރުން ފަދަ ޖެއްސުން ކުރުމަކީ، އެންމެ އާންމު ކަންކަމެވެ. އެންމެ ފަހުން މިނިވަންކުރި ބައެއް ގައިދީންގެ ހަށިގަނޑުން ފެންނަން ހުރި އަލާމާތްތަކުން އެނގެނީ، ގައިގެ ހަންގަނޑު ފިހޭ ޒާތުގެ ބާރުގަދަ ކެމިކަލް ނުވަތަ އެސިޑު އެ މީހުންގެ ގަޔަށް ޖަހާފައިވާ ކަމެވެ.

މީގެ އިތުރުން، ކުށްވެރިންނަށް ހަމަލާ ދިނުމަށް ތަމްރީން ކޮށްފައި ތިބޭ ކުއްތާ ގޮޅިތަކަށް ވައްދައިގެން ގައިދީންނަށް ބިރު ދެއްކުމަކީ ވެސް އާންމު ކަންކަމެވެ. ޖަލުތަކުގައި ކުރާ އަނިޔާތައް ދިރާސާކުރާ ބައެއް ނޫސްވެރިން ގަބޫލުކުރާ ގޮތުގައި، ކިއުބާގެ ގުއަންޓަނާބޯގައި އެމެރިކާ ސިފައިން ބަލަހައްޓާ ޖަލާއި، އިރާގުގައި އެމެރިކާ ސިފައިން ހިންގި އަބޫ ޣުރައިބު ޖަލުގައި، އެމެރިކާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަނިޔާތަކަކީ، އިޒްރޭލުގެ ޖަލުތަކުގައި ކުރާ އަނިޔާތަކާ އަޅައި ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

މެއި 14، 1948 ގައި، ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އިއުލާން ކުރި ހިނދުން ފެށިގެން މިއަދާ ހަމައަށް ވެސް، ފަލަސްތީނުގެ ބިމަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ، ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ އަނިޔާތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުކޮށް ނުލާ ދުވަހެއް މަދުވާނެ އެވެ.

ހަމާސް އިން  ރަހީނުންތަކެއް މިނިވަންކުރުމަށް ފަހު، އެ ޖަމާއަތުގެ ބާރު ދައްކާލައި އިޒްރޭލަށް މެސެޖެއް ދެނީ. -- ފޮޓޯ: އޭއެފްޕީ

ހަމާސް އިން ރަހީނުންތަކެއް މިނިވަންކުރުމަށް ފަހު، އެ ޖަމާއަތުގެ ބާރު ދައްކާލައި އިޒްރޭލަށް މެސެޖެއް ދެނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އަޅުވެތިކަމުގައި ފަލަސްތީނު ރައްޔިތުން އުޅެމުން ދާތާ 77 އަހަރު ވެގެން ދިޔައިރު، ފަލަސްތީނުގައި މިހާރު ގިނަވާނީ، އަޅުވެތިކަމުގެ ތެރޭގައި އުފަންވި މީހުންނެވެ. ދުނިޔޭގައި އުޅުމުގެ އުފަލާއި ހިތްހަމަޖެހުމަކީ ކޮބައިކަން ނޭނގުނަސް، އަޅުވެތިކަމުގެ ހިތި ރަހަޔާއި ލާއިންސާނީ އަނިޔާގެ ވޭން ކިތަންމެ ރަނގަޅަކަށް ވެސް، ފަލަސްތީނު މީހުންނަށް އެނގޭނެ އެވެ.

އެހެންކަމުން ފަލަސްތީނު ރައްޔިތުންގެ ހިތްތަކުގައި، އިޒްރޭލާ މެދު ރުޅިވެރިކަމާއި ނަފްރަތާއި އަދާވާތްތެރިކަން ފިޔަވައި އެހެން އެއްޗެއް ނޯންނާނެ އެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގައި ތިބީ މުސްލިމުން ކަމަށް ވާތީ، އެ ޖަމާއަތްތަކުން ދަމަހައްޓާ ހަމަތަކަކާއި އުސޫލުތަކެއް އޮވެ އެވެ.

އެއީ، ހަނގުރާމައިގެ ހާލަތުގައި މުސްލިމުން ތަބާވުމަށް އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި ހަމަތަކެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ، ހަނގުރާމައިގައި އަސީރު ކުރެވޭ ގައިދީންނާ މެދު އޯގާތެރިކަމާ އެކު މުއާމަލާތު ކުރުމެވެ. ލިބެން ހުރި ރަނގަޅު ކާބޯތަކެތި ދިނުމާއި ބަލިވެއްޖެ ނަމަ ބޭސްފަރުވާ ދިނުމާއި، އަސީރުން އަދާވާތްތެރި އަމަލެއް ނުހިންގާހާ ހިނދަކު، އެބައިމީހުންނަށް އިތުރު އަދަބެއް ނުދިނުމެވެ.

އޮކްޓޫބަރު 7، 2023 ގެ ހަނގުރާމައިގައި ހަމާސް އިން އަސީރު ކުރި ޔަހޫދީ ގައިދީންނާ މެދުގައި ވެސް އަމަލުކުރަމުން އަންނަނީ މިފަދައިންނެވެ. އެކަން ސާބިތުވަނީ، ހަމާސް އިން މިނިވަންކުރި އަސީރުންގެ ވާހަކަތަކުންނެވެ. ބައެއް އަސީރުން މިނިވަންކުރީ ހަނގުރާމަ ފެށުނުތާ ދެތިން މަސް ތެރޭގަ އެވެ. އެ އަސީރުންގެ ފަރާތުން ވެސް، ހަމާސްގެ ހަނގުރާމަވެރިން އެ މީހުންނަށް އަނިޔާކުރި ކަމުގެ އެއްވެސް ވާހަކައެއް މިހާތަނަށް އިވިފައެއް ނެތެވެ.

ހަނގުރާމަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ވެސް ބައެއް އަސީރުން މިނިވަންކޮށްފި އެވެ. ނަމަވެސް ހަމާސްގެ ބެލުމުގެ ދަށުގައި އެ މީހުން ތިބި އިރު، އެ މީހުންނަށް އަނިޔާއެއް ނުވަތަ ލާއިންސާނީ އަމަލެއް ކުރިމަތިވި ކަމަކަށް، އެންމެ ހަނގުރާމަވެރިއަކު ވެސް މިހާތަނަކަށް ނުބުނެ އެވެ. މިހާރު އެ އަސީރުން ތިބީ މިނިވަންވެ، އެ މީހުންގެ އަމިއްލަ ގައުމުގައި ކަމަށް ވާއިރު، ހަމާސްގެ ފަރާތުން އަނިޔާއެއް ލިބުނު ނަމަ، އެކަން އެމީހުންގެ ފަރާތުން އާންމު ކުރާނެ އެވެ.

ހަމާސް އިން މިނިވަންކުރި އަސީރުންގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ، މި މަހުގެ 22 ވަނަ ދުވަހު ހަމާސް އިން މިނިވަންކުރި އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ ޢޫމީރް ޝީމް ތޯފްގެ ފަރާތުން ފެނުނު ކަންތަކެވެ. އެ ދުވަހު ހަމާސް އިން މިނިވަންކުރި އިޒްރޭލު ސިފައިންގެ ތިން މީހުން، ރެޑް ކްރޮސްއާ ހަވާލުކުރުން އޮތީ، ޣައްޒާގެ ނުޞައިރާތު ފޭލިގެ އަވަށުގައި އޮތް ކުޑަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތަށް ހާޒިރުވެ ތިބި މީހުންގެ ކުރިމައްޗަށް، އެ ދުވަހު މިނިވަންކުރުމަށް ހަމަޖެހިފައިވާ ތިން މީހުން ނެރުމަށް ފަހު، އެ ތިން މީހުން ވެސް އެރުވީ، އެ މީހުން މިނިވަންކުރުމަށް ތައްޔާރު ކޮށްފައި އޮތް ސްޓޭޖަށެވެ. އެ ސްޓޭޖަށް އެރުމަށް ފަހު އެ ތިން މީހުން ވެސް އަތުގެ ދެ އިނގިލިން ކާމިޔާބީގެ ނިޝާން ދައްކާލައި އުފާ ފާޅުކުރި އެވެ.

އެ އަށް ފަހު ދެން ފެނުނީ، އޭގެ ތެރެއިން އެކަކު، ފުރިހަމަ ހަތިޔާރު އަޅައިގެން ތިބި ހަމާސްގެ ދެ ހަނގުރާމަވެރިއެއްގެ ބޮލުގައި ނުވަތަ ނިތްކުރީގައި ބޮސްދިން މަންޒަރެވެ. އެއާއެކު، އެތަނަށް ހާޒިރުވެ ތިބި އެންމެން އެއްފަހަރާ ހަޅޭއްލަވައި އުފާވެރިކަމުގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔަ އެވެ. އެ ތަނަށް އެއްވެފައި ތިބި ފަލަސްތީނު މީހުންނަށް ވެސް، އަދި ރެޑް ކްރޮސްގެ މުވައްޒަފުންނަށް ވެސް އެ މަންޒަރު ވީ ވަރަށް އާދަޔާ ޚިލާފު މަންޒަރަކަށެވެ.

އޭރު ޓީވީތަކުން އެ މަންޒަރު ވަގުތުން ބަލަމުން ދިޔަ އެއް ބަޔަކީ، އެ ތިން މީހުންގެ އާއިލާތަކެވެ. ފަނަރަ ވަރަކަށް މަސް ދުވަސް ފަހުން އެމީހުންގެ ދަރިން މިނިވަންވި މަންޒަރު ފެނުމުން އުފަލުން އެ މީހުންނަށް ރޮވުނެވެ. ނަމަވެސް އެ އަށް ވުރެ ބޮޑު އަސަރެއް ކުރީ، ހަމާސްގެ ހަނގުރާމަވެރިންގެ ބޮލުގައި ބޮސްދިން މަންޒަރު ފެނުމުންނެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގައިދީންނަށް ލާއިންސާނީ އަނިޔާ ދިނުމަކީ އާންމު ކަމެކެވެ. ބަރަހަނާކޮށް، ބާރު ޕްރެޝަރުގައި ފެން ޖެހުމާއި ރޭގަނޑު ނިދިޔަ ނުދީ، ގޮޅިތަކުގައި އަލިގަދަ ބޮކި ދިއްލުމާއި އަޑުގަދަކުރުން ފަދަ ޖެއްސުން ކުރުމަކީ، އެންމެ އާންމު ކަންކަމެވެ. އެންމެ ފަހުން މިނިވަންކުރި ބައެއް ގައިދީންގެ ހަށިގަނޑުން ފެންނަން ހުރި އަލާމާތްތަކުން އެނގެނީ ގައިގެ ހަންގަނޑު ފިހޭ ޒާތުގެ ބާރުގަދަ ކެމިކަލް ނުވަތަ އެސިޑު އެ މީހުންގެ ގަޔަށް ޖަހާފައިވާ ކަމެވެ.

އާއިލާތަކަށް ޔަގީންވީ، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ގައިދީންނާ މެދު މުއާމަލާތު ކުރި އޯގާތެރިކަމާއި އިންސާނީވަންތަކަމެވެ. އެ މީހުންގެ ދަރިންނަށް ހަމާސްގެ ހަނގުރާމަވެރިންގެ ފަރާތުން އެއްވެސް ނުރައްކަލެއް އަދި ލާއިންސާނީ އަނިޔާއެއް ނުލިބޭ ކަމެވެ.

ނަމަވެސް އެ އަށް ވުރެ ބޮޑު ހައިރާންކަމެއް ލިބުނީ، އެ ތިން މީހުން މިނިވަންކުރި މަންޒަރު ބަލަން ތިބި، އިޒްރޭލު ސަރުކާރުގެ ވެރިންނަށާއި އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިންނަށެވެ. އެ މީހުންނަށް ޔަގީންވެގެން ދިޔައީ، ދުނިޔޭގެ ކުރިމަތީގައި އިޒްރޭލުގެ ވެރިން ފަޟީޙަތް ވެއްޖެ ކަމެވެ. އިޒްރޭލު ބަދުނާމުވެ ބޭޒާރުވެއްޖެ ކަމެވެ.

ޓެރަރިސްޓުންގެ ލޭބަލް އަޅުވައިގެން އަޑު ފަތުރަމުން ދިޔަ ހަމާސް ޖަމާއަތަކީ، އިންސާނީވަންތަކަމުގެ އެންމެ މަތީ މިންގަނޑުގައި ތިބި ބައެއްކަން ދުނިޔެއަށް ހާމަވި އެވެ. އެހެންކަމުން، އެ ތިން މީހުންގެ ބޮސްދިނުން، އޭގެ ނުއަތަށް ފުރޮޅައިލުމަށް އެކި ވާހަކަތައް ފަތުރަން ފެށި އެވެ. އެ ސިފައިންގެ މީހާ ބޮސްދިނީ މަޖުބޫރު ކޮށްގެން ކަމަށާއި ބިރު ދައްކައިގެން ކަމަށް އިޒްރޭލު ސިފައިންގެ ފަރާތުން ބުންޏެވެ. ނަމަވެސް ހަމާސްގެ ހަނގުރާމަވެރިޔާ އަށް ބޮސްދިން، ޔަހޫދީ ސިފައިންގެ މީހާގެ ދުލުން އެންމެ ފަހަރަކު ވެސް އެފަދަ ވާހަކައެއް ނުބުނެ އެވެ.

ޔަހޫދީ ދައުލަތަށް ކެތް ނުކުރެވުނު އެ މަންޒަރުން ރެކި ގަތުމަށް އިޒްރޭލު ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ އިޒްރޭލުގެ މީޑިއާއިންނެވެ. އިޒްރޭލުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިނިވަންވި ސިފައިންގެ މީހާ އަށް ބިރު ދައްކައިގެން އެފަދަ ކަމެއް ކުރި ނަމަ، އެ ސިފައިންގެ މީހާގެ މޫނުމަތީގައި އެ އުފާވެރިކަމާއި އެ ހިތްހަމަޖެހުމެއް ނުހުންނާނެ އެވެ.

ހަމާސް އިން މިނިވަންކުރި ކޮންމެ އަސީރަކު ވެސް، އެންމެ ފަހު ވަގުތު ހަމާސްގެ ހަނގުރާމަވެރިންނާ ސަލާމްކޮށް ވަކިވެގެން ދަނީ، އަދި ބައްދަލުވާނެ ކަމަށް އުންމީދު ކުރަމޭ ބުނާ ފަދަ ހިނިތުންވުމަކާ އެކުގަ އެވެ. އެ މީހުން ބުނާ ކަހަލަ އެވެ؛ އަހަރެމެންގެ ފަރާތުން މިހާ ގިނަ އަނިޔާތަކާއި ވޭންތައް ލިބެމުންދާ އިރު ވެސް، ކަލޭމެންގެ ފަރާތުން އަހަރެމެންނަށް ފެނުނީ، އިންސާނީވަންތަކަމުގެ އެންމެ މަތީ ދަރަޖައިގެ އަޅައިލުމާއި އޯގާތެރިކަމެވެ.