Roadha Mihaaru

ޕްރޮޖެކްޓުތަކުން އެޑްވާންސް ފައިސާ ނަގައިގެން ކުންފުނިތަކުން ކުރަނީ ވިޔަފާރި: މުއްތަލިބް

ދައުލަތުގެ ބައެއް ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ ނަގައިގެން ކުންފުނިތަކުން ވިޔަފާރިކުރާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮޖެކްޓުތަކުން އެޑްވާންސް ނަގައިގެން ކުރަނީ ވިޔަފާރި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

27 ނޮވެމްބަރ 2024

ދައުލަތުގެ ބައެއް ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ ނަގައިގެން ކުންފުނިތަކުން ވިޔަފާރިކުރާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، މިދިޔަ 2023 ވަނަ އަހަރު އަދި އޭގެ ކުރިން ވެސް ބައެއް ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ ނަގައިގެން ކުންފުނިތަކުން ފިލާ ކަމަށެވެ.

ގިނަ މަޝްރޫއުތައް ހުއްޓެނީ މިފަދަ ސަބަބުތަކާ ގުޅިގެންކަން ފާހަގަކުރައްވައި މުއްތަލިބް ވިދާޅުވީ ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ނަގައިގެން މިފަދަ ކުންފުނިތަކުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

އޭގެ ބަދަލުގައި އެ ފައިސާއިން ވިޔަފާރިކޮށް ފައިދާ ހޯދައިގެން އަނެއްކާ ވެސް ފަސް އަހަރު ނުވަތަ 10 އަހަރު ފަހުން އާ ޕްރޮޖެކްޓުތަކަށް ބިޑް ކުރާ ކަމަށެވެ.

"ދައުލަތުގެ ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ މި ނަގަނީ ވިޔަފާރިކުރަން. އޭގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުން ވޭ،" މުއްތަލިބް ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

ބައެއް މަޝްރޫއުތައް ހުއްޓިފައިވާ އަނެއް ސަބަބެއްގެ ގޮތުގައި މުއްތަލިބް އެހެން ސުވާލެއްގެ ޖަވާބުގައި ފާހަގަކުރެއްވީ ދައުލަތުގެ ބަޖެޓުން ނުހިންގޭހާ ގިނަ މަޝްރޫއުތައް ހިންގަން ކުރީ ސަރުކާރުގެ ފަހު އަހަރު ސޮއިކޮށްފައި ހުރުމެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 39 ބިލިއަން ރުފިޔާގެ މަޝްރޫއުގައި ސޮއިކޮށްފައި ހުރިއިރު، މިއީ ދައުލަތުގެ މުޅި ބަޖެޓުން ވެސް ހިންގޭނެ ވަރަށް ވުރެ ބޮޑު އަދަދެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ބަޖެޓުގައި ޖަހައި ފާސްކޮށްފައި އޮތީ ޕްރޮޖެކްޓަށް އެކަށީގެންވާ ވަރުގެ އަދަދެއް ނޫން ކަމަށާއި ލިބިފައި ހުރި ފައިސާގެ ތެރެއިން ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުމުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.