Roadha Mihaaru

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއަރުވަން އެސްޓޯނިއާއިން ޝައުގުވެރިވެއްޖެ

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓޯނިއާގެ ތަޖުރިބާ ހިއްސާ ކޮށްދީ، ޑިޖިޓަލް ހިދުމަތްތައް އަލުން ޑިޒައިން ކުރުމާ އެކު، އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިއްޔެ ފާޅުކޮށްފި އެވެ.

"ޑިޖިޓަލް ރާއްޖެ"ކުރިއަރުވަން އެސްޓޯނިއާގެ އެހީތެރިކަން

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓޯނިއާގެ ތަޖުރިބާ ހިއްސާ ކޮށްދީ، ޑިޖިޓަލް ހިދުމަތްތައް އަލުން ޑިޒައިން ކުރުމާ އެކު، އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިއްޔެ ފާޅުކޮށްފި އެވެ.

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއެރުވުމުގައި އެހީތެރިކަން ދިނުމުގެ ޝައުގުވެރިކަން އެ ކައުންސިލުން ފާޅުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި "ރައުންޑްޓޭބަލް" މަޝްވަރާތަކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްގީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާ އެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. އަދި އީޖާދުތަކަށް މަގުފަހި ކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިން އަކީ ޅަ އުމުރުން ފެށިގެން ވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ބޭއްވެވި ބައްދަލުކުރައްވަން ރައީސް މުއިއްޒާއި ޓެކްނޮލޮޖީ މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ބޭއްވެވި ބައްދަލުކުރައްވަން ރައީސް މުއިއްޒާއި ޓެކްނޮލޮޖީ މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު އިއްޔެ ބޭއްވި މަޝްވަރާތައް އަމާޒުކުރީ ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަތުމާ އެކު، ޑިޖިޓަލް ތަރައްގީގެ ރޮނގުން އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އަށް ލަފާ އަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ބޭއްވި "ރައުންޑްޓޭބަލް" މަޝްވަރާތަކުގައި ރައީސް މުއިއްޒު ވަނީ "ޑިޖިޓަލް ރާއްޖެ" އަކަށް ހެދުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ތަސައްވަތު ހިއްސާ ކުރައްވައިފަ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި "ޑިޖިޓަލް ރާއްޖެ" ގެ ތަސައްވުރަކީ، އެންމެންނަށް ވެސް ބޭނުން ހިފޭ، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަސައްވުރެކެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ ބައްދަލުކުރައްވަން ރައީސް މުއިއްޒު ވަޑައިގަތުމުން އެ ގައުމުގެ ރައީސް ކަރިސް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ ބައްދަލުކުރައްވަން ރައީސް މުއިއްޒު ވަޑައިގަތުމުން އެ ގައުމުގެ ރައީސް ކަރިސް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަމާޒަކީ އެންމެ ފުރަތަމަ އިހުތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ހިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާއި މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަން ދެނިވި މޭރުމަކުން ކަމުގައި ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އެއާ އެކު، ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

އެސްޓޮނިއާގެ ރައީސް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގައި ރާއްޖެ އާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިހާރަށް ވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ވަޑައިގެން އެ ގައުމުގެ ޑިޖިޓަލް ނިޒާމުގެ ކުރިއެރުންތަކާ ގުޅޭ މައުލޫމާތުތައް ވެސް އޮޅުން ފިލުއްވައިފަ އެވެ.

ރައީސް އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އީ-އެސްޓޯނިއާގެ ބްރީފިން ސެންޓަރުން ދިން ޕްރެޒެންޓޭޝަން ބައްލަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އީ-އެސްޓޯނިއާގެ ބްރީފިން ސެންޓަރުން ދިން ޕްރެޒެންޓޭޝަން ބައްލަވަނީ.--- ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާގެ ޑިޖިޓަލް ޝޮސައިޓީ އަދި އީ-ގަވަނަންސްގެ އާ އީޖާދުތަކާއި އީ-ރެސިޑެންސީ އާއި ޑިޖިޓަލް އައިޑީކާޑާއި އީ-ޓެކްސޭޝަނާއި އެކްސް ރޯޑު ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ކަންކަމުން ހޯދާފައިވާ ކާމިޔާބީތައް އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުގެ ޕްރެޒެންޓޭޝަންގައި ދައްކައިލި އެވެ.