ރޯދަ މަހުގެ އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބާއްވަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.
26 ޖެނުއަރީ 2025
ރޯދަ މަހުގެ އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބާއްވަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަ މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ރީތި މިސާލެއް ފެނުނު ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކޮށް، އެ ބަޔާނުގައި ވަނީ އަންނަ ރޯދަ މަހު ވެސް ދުވާލުގެ ވަގުތުތަކާއި ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނުބޭއްވުމަށް އަންގާ ކަމަށެވެ.
"ދުވާލުގެ ވަގުތު ވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން،" ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ އެވެ. އަދި ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް އެ އިއުލާނުގައި އަންގާފައިވެ އެެވެ.
ކައުންސިލުން ބުނީ ކުޅިވަރާއި މުނިފޫހިފިލުވުމަށް ހަރަކާތެއް ކަމަށް ނުބެލެވޭ ރަސްމީ ހަރަކާތެއް ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ހާލަތެއްގައި ނޫނީ ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ރޯދަ މަހާ ގުޅުން ހުރި ދީނީ ހަރަކާތްތައް ބޭއްވިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ތިނަދޫ ކައުންސިލުން ބުނިގޮތުގައި ރޯދަ މަހާ ގުޅުން ހުރި ކަމެއް ރާވާ ނަމަ، ދުރާލައި ރޭވުމުގެ އިތުރުން އެކަން ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގަން ޖެހޭނެ އެވެ. އަދި އެކަންކަން ވެސް ކުރަންވާނީ އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުންނަށް ވެސް ބުރައަކަށް ނުވާނެހެން ކަަމަށް އެ އިދާރާ އިން ބުންޏެވެ.
އެ ކައުންސިލުން ބުނީ ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކް ފަދަ ތަންތަން ރޯދަ މަހު ދުވާލާއި ރޭގަނޑު ހުޅުވާފައި ހުންނާނީ ވެސް ވަކި ގަޑިތަކެއްގައި ކަމަށެވެ.
ތިނަދޫ ކައުންސިލުން އަންގާފައިވާ ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްދުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކައުންސިލުން އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެފަރާތްތަކަށް ފިޔަަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ތިނަދޫ ކައުންސިލުން ބުނާ ގޮތުގައި މިއަހަރުގެ ރޯދަ މަހަކީ ވެސް ވީހާވެސް ބޮޑަށް އަޅުކަމަށް އިސްކަންދީ، ރައްޔިތުންގެ މެދުގައި އިސްލާމީ އާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ލިބޭ ދުވަސްތަކަކަށް ހެދުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދީނަށް ފުރައްސާރަ ކުރި މީހާ އަށް ކައުންސެލިން ދެނީ
ދީނަށް ފުރައްސާރަ ކުރާތީ ތިނަދޫން މީހަކު ހައްޔަރުކޮށްފި
އެލްޖީއޭއިން ތިނަދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
"އަޒުމަކަށް ހަދަންވީ ދީނަށް އަމަލުކުރާ މީހަކަށް ވުން"