Roadha Mihaaru

28 މިލިއަން ރުފިޔާ 11 މަސް ތެރޭ ދައްކަން ފެނަކައަށް ހުކުމެއް

އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

28 މިލިއަން ރުފިޔާ ދައްކަން ފެނަކައަށް ހުކުމެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ޖެނުއަރީ 2025

އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ދިމަހް ކުންފުނިން ސިވިލް ކޯޓުގައި ފެނަކައާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނިން ކުރި މަސައްކަތަކަށްވާ 31 މިލިއަން ރުފިޔާ ފެނަކަ އިން ހޯދުމަށެވެ. އެ ފައިސާގެ ތެރެއިން ފެނަކަ އިން ދީފައި އޮތީ އެންމެ ތިން މިލިއަން ރުފިޔާ އެވެ.

ދައުވާ ކުރުމުން ފެނަކަ އިން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެކަމަށް ކޯޓުން ދިން މުއްދަތުގައި ފެނަކަ އިން އެއްބަސްވި ގޮތަށް ހައްލުތަކެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ، ދިމަހް ކުންފުނިން ވަނީ ޝަރީއަތުން މައްސަލާގައި ގޮތެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

ފެނަކަ އިން ވެސް ވަނީ ދިމަހް ކުންފުނިން އެދޭ ގޮތަށް މައްސަލާގައި ހުކުމް ނެރެދިނުމަށް އެދޭ ކަމަށް ކޯޓުގައި ބުނެފަ އެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދިމަހް ކުންފުންޏަށް ދޭން ޖެހޭ 31 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ އޮތް 28 މިލިއަން ރުފިޔާ 11 މަހަށް ބަހާލައިގެން ދައްކާށެވެ.

ފެނަކައަށް މީގެކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް ސިވިލް ކޯޓުން އިއްވާފައިވެ އެވެ. އެ ކުންފުންޏަކީ އެންމެ ބޮޑަށް ދަރާފައި އޮތް ސަރުކާރު ކުންފުންޏެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު ފެނަކައިގެ ދަރަނިި ހުރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 4.3 ބިލިއަން ރުފިޔާގަ އެވެ. ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތް އިރު، އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް 1.7 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. އޭގެ ތެރެއިން 300 މިލިއަން ރުފިޔާ ހަތް މަސް ތެރޭގައި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.