Roadha Mihaaru

48 މަސް ދޯންޏަކަށް 7 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މަސްވެރިންނަށް މިއަދަކީ ބޮޑު ދުވަހެއް ކަމަށާއި މަސްވެރިކަން ކުރާ 48 ދޯންޏަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

48 މަސް ދޯންޏަކަށް 7 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ފެބުރުއަރީ 2025

މަސްވެރިންނަށް މިއަދަކީ ބޮޑު ދުވަހެއް ކަމަށާއި މަސްވެރިކަން ކުރާ 48 ދޯންޏަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުދަ ދުވަހު، މަސްވެރިން ކިރާފައިވާ މަހަށް 7.65 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދުގަ އެވެ.

އެ މީހުންނަށް ދައްކަން ބާކީ ހުރި ފައިސާ ދެން އެންމެ އަވަހަށް ބޭންކް ހުޅުވާ ދުވަހެއްގެ ހަވީރު 4:30 ގެ ކުރިން ޖަމާކުރާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު މިފްކޯ އިން ވަނީ މަސްކިރި 29 ދޯންޏަކަށް 4.7 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިފްކޯ އިން ވަނީ 8،324 ޓަނުގެ މަސް ކިރުވައިފަ އެވެ. އެއީ އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވުމުގެ ރިކޯޑެވެ. އެއީ 1997 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރުވި ފަހަރެވެ.

މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ، މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ.