Roadha Mihaaru

20 އަހަރުގެ ހިދުމަތަށް ފަހު ފާއިޒް ސަމަދު ތައުލީމީ ދާއިރާއާ ދުރަށް

ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުން ތައުލީމީ ދާއިރާ އަށް 20 އަހަރު ހިދުމަތްކުރުމަށް ފަހު، ރާއްޖޭގެ ކްރިކެޓް ޝަހުސިއްޔަތު މުހައްމަދު ފާއިޒް ސަމަދު އެ މަސައްކަތުން ރިޓަޔާކޮށްފި އެވެ.

20 އަހަރަށް ފަހު ފާއިޒް ތައުލީމީ ދާއިރާ ދުރަށް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

20 ފެބުރުއަރީ 2025

ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުން ތައުލީމީ ދާއިރާ އަށް 20 އަހަރު ހިދުމަތްކުރުމަށް ފަހު، ރާއްޖޭގެ ކްރިކެޓް ޝަހުސިއްޔަތު މުހައްމަދު ފާއިޒް ސަމަދު އެ މަސައްކަތުން ރިޓަޔާކޮށްފި އެވެ.

ސްރީ ލަންކާ އަށް އުފަން އެކަމަކު އުމުރުގެ ބޮޑުބައި ރާއްޖޭގައި ހޭދަކުރި ފާއިޒް، 72، ވަނީ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ވިލިމާލޭ މުހިއްޔުއްދީން ސްކޫލުގައި 16 އަހަރު ހޭދަކޮށްފަ އެވެ. އޭގެ ކުރިން އައްޑޫގައި ހުންނަ މުހިއްބުއްދީން ސްކޫލުގައި ހަތަރު އަހަރު ވަޒީފާއަދާކުރި އެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބުނީ ފާއިތުވި 20 އަހަރު ވަރަށް ގިނަ ދަރިވަރުންނަށް ކުޅިވަރުގެ ތެރެއިން ރަނގަޅު މަގު ކޮށައިދޭން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި، މިހާރު ބޭނުންވަނީ އަނެއްކާ ވެސް އެހެން ދިމާލަކަށް މިސްރާބު ޖަހަން ކަމަށެވެ.

އޭނާ ދެން ފެނުން ގާތީ، އަނެއްކާ ވެސް ކްރިކެޓް ބޯޑުގެ ވަޒީފާގައި ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގަ އެވެ. ސްކޫލް ވަޒީފާ އަށް ދިއުމުގެ ކުރިން އޭނާ ވަނީ މާލެ އާއި އައްޑޫގައި ކްރިކެޓް ކޯޗުކަންކޮށްފަ އެވެ. އައްޑޫގައި ރަނގަޅު ސްޕޯޓްސް ސުޕަވައިޒަރެއް ނެތުމުން، މުހިބުއްދީން ސްކޫލާ ހަވާލުވާން އެޑިއުކޭޝަން މިނިސްޓްރީން އެންގީ ވެސް އޭރު އައްޑޫގައި ހުއްޓަ އެވެ.

ފާއިޒް ވަނީ އެ ދެ ސްކޫލުގައި ކްރިކެޓާއި، ފުޓްބޯޅަ، ވޮލީބޯޅަ، އަދި އެތުލެޓިކްސް ހިމެނޭހެން ވަރަށް ގިނަ ގިނަ ކުޅިވަރުތަކުން ދަރިވަރުންނަށް ތަމްރީން ދީފަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން ވަނީ ގައުމީ ފެންވަރުގައި ކުޅެފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ 2022 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނާސިފް (އާދަޅޭ) އެވެ. އެއީ މުހިއްޔުއްދީން ސްކޫލުގެ ތެރެއިން އޭނާ ފާހަގަކުރި ކުޅުންތެރިއެކެވެ.

ފާއިޒް ސަމަދު މުހިއްޔުއްދީން ސްކޫލުގެ އަހަރީ ޖަލްސާގައި.

ފާއިޒް ސަމަދު މުހިއްޔުއްދީން ސްކޫލުގެ އަހަރީ ޖަލްސާގައި.

ފާއިޒް ބުނީ އެތައް ޒަމާނެއް ވަންދެން އޭނާގެ ދެ ވަނަ ގޭގެ ގޮތުގައި ބަލަމުން އައި މުހިއްޔުއްދީން ސްކޫލުން ނުކުންނައިރު ހިތުގައި އޮތީ އުފާވެރި ހަނދާންތަކާއި، ޝުކުރުވެރި އިހުސާސްތައް ކަމަށެވެ.

"މި ސްކޫލާ ވަކިވިޔަސް މިތަނުގެ ރޫހު ވަތްތަކެއް ނުވާނެ،"

އެ ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ އަލި މަނިކު ވިދާޅުވީ އެ ސްކޫލުގެ އެންމެ ސީނިއާ މުވައްޒަފު ފާއިޒާ މެދު އެންމެންގެ ހިތުގައި އޮތީ ހެޔޮއެދުންތަކާއި، ޝުކުރު ކަމަށާއި، އޭނާ ވަކިވެގެން އެދަނީ މުހިއްމު އެތައް ހިދުމަތެއް ކޮށްދީފައި ކަމަށެވެ.

"ހާއްސަކޮށް ފާހަގަކުރެވޭ ފާއިޒަކީ ސްޓްރެސްފުލް ވަގުތުތަކުގައި، އޭނާގެ އުފާވެރި، ސަކަ މިޒާޖުން އެންމެންނަށް ހިތްހަމަޖެހުން ގެނެސްދޭ މީހެއްކަން،" ނާޒިމާ ވިދާޅުވި އެވެ.

"މި ސްކޫލުގައި ނޫޅޭނެ ފާއިޒާ މެދު ހިތްމަނުޖެހޭ އެކަކު ވެސް. އެންމެން ވެސް ވަރަށް ލޯބިވާ މީހެއް ފާއިޒަކީ."

ކްރިކެޓް ލެޖެންޑެއް

ފާއިޒް 1976 އެންމެ ފުރަތަމަ ރާއްޖެ އައީ އޭނާއާ އެކު ލަންކާގެ ޓްރިނިޓީ ކޮލެޖުގައި ކިޔަވަން އުޅުނު ބައެއް ދިވެހި އެކުވެރިންނާ އެކު ޗުއްޓީއަކަށެވެ. އެކަމަކު ރާއްޖެ އަށް ހިތްދެވި މިތަނުގައި ވަޒަންވެރިވީ އެވެ. އޭނާގެ އެކުވެރި އޭރުގެ ކްރިކެޓް ކުޅުންތެރިޔާ ކެނެރީ އަބްދުއްސައްތާރުގެ ސަފާރީ ޓުއާޒްގައި ވަޒީފާއަދާކުރަމުން، އޭނާ ގައުމީ ފެންވަރުގައި ކްރިކެޓާއި، ހޮކީ ކުޅެން ފެށި އެވެ.

ކްރިކެޓް މެޗެއްގެ ކުރިން ޝަރަފްވެރި މެހެމާން (ކ) ފާއިޒް ސަމަދުއާ ސަލާމްކުރަނީ.

ކްރިކެޓް މެޗެއްގެ ކުރިން ޝަރަފްވެރި މެހެމާން (ކ) ފާއިޒް ސަމަދުއާ ސަލާމްކުރަނީ.

އެގޮތުން އޭނާ އަކީ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކްރިކެޓުގައި ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. ހާއްސަކޮށް އެ ކްލަބުން ކްރިކެޓް ތަށި މިލްކުކުރިއިރު އޭނާ މޮޅަށް ކުޅުނެވެ. ފާއިޒް ދުވަސްކޮޅަކު ވިކްޓްރީގެ ފުޓްބޯޅަ ޓީމަށް ވެސް ކުޅުނެވެ.

ފާއިޒް ކައިވެނިކުރީ ވެސް ދިވެއްސަކާ އެވެ. އެ ކައިވެނިން އޭނާ އަށް ލިބުނު އަފްޒަލް ފާއިޒަކީ ވެސް އެހާމެ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. އަފްޒަލް ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަންކޮށް، އަދި ގައުމީ ޓީމާ އެކު ބައިނަލްއަގްވާމީ ކާމިޔާބު ވެސް ހޯދައިފަ އެވެ.

އަދި ގައުމީ ކްރިކެޓް ޓީމަށް ވެސް ކުޅުއްވި އެވެ. އޭނާގެ ދަރިފުޅު އަފްޒަލް ފާއިޒަކީ ވެސް ހުނަރުވެރި ކްރިކެޓް ކުޅުންތެރިއެކެވެ. އަފްޒަލް ވަނީ ގައުމީ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ފާއިޒް ދިވެހި ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް "ހަވީރު ސްޕޯޓްސް އެވޯޑްސް" ގައި 2015 ވަނަ އަހަރު ވަނީ ލައިފްޓައިމް އެޗީވްމަންޓް އިނާމު ދީފަ އެވެ. އަދި ސަރުކާރުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވެސް އޭނާގެ އަގުވަޒަންކުރި އެވެ.