Roadha Mihaaru

އަފްގާނިސްތާނުން ޗެމްޕިއަންސް ޓްރޮފީން އިންގްލެންޑް ކަޓުވާލައިފި

ޗެމްޕިއަންސް ޓްރޮފީގައި އިއްޔެ އަފްގާނިސްތާން އަތުން 8 ލަނޑުން ބަލުވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންގްލެންޑް ކަޓައިފި އެވެ.

އަފްގާނިސްތާނުން ޗެމްޕިއަންސް ޓްރޮފީން އިންގްލެންޑް ކަޓުވާލައިފި

ޗެމްޕިއަންސް ޓްރޮފީގައި އިއްޔެ އަފްގާނިސްތާން އަތުން 8 ލަނޑުން ބަލުވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންގްލެންޑް ކަޓައިފި އެވެ.

ބާކީ އެއް މެޗު އޮއްވާ އިންގްލެންޑް ކެޓީ ކުޅުނު ދެ މެޗުން ވެސް ބަލިވެގެންނެވެ. ފުރަތަމަ މެޗުން ބަލިވީ އޮސްޓްރޭލިއާ އަތުން ފަސް ވިކެޓުންނެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތް ސައުތު އެފްރިކާ އާއި ދެ ވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ލިބިފައިވަނީ، ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ. އަފްގާނިސްތާން އަތުގައި އޮތީ ދެ ޕޮއިންޓެވެ. ސެމީ ފައިނަލުން ފުރުސަތު ހޯދުމުގެ ދޮރު ތިން ޓީމަށް ވެސް ވަނީ ހުޅުވިފަ އެވެ.

ޕާކިސްތާނުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ލާހޫރުގައި ގައްޒާފީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އަފްގާނިސްތާން ގަސްދުކުރީ ކުޅެން އަރާށެވެ. އެ ޓީމުން 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 325 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 146 ބޯޅައިން 177 ލަނޑު ހެދި އިބްރާހީމް ޒަރްދާން އެވެ.

ޖަވާބުގައި ކުޅެން އަރައި އިންގްލެންޑަށް 49.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 317 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 111 ބޯޅައިން 120 ލަނޑު ހެދި ޖޯ ރޫޓެވެ.

ހަނގުރާމައިގެ ތެރޭގައި އޮވެ މިހާރު ހަމަޔަކަށް އެޅެމުން އަންނަ އަފްގާނިސްތާނުގައި ލިމިޓެޑް އޯވާ ކްރިކެޓް ވަރަށް މަގުބޫލެވެ. އޭގެ އަސަރު ޓީމުގެ ނަތީޖާ އިން ފެނެ އެވެ. އަފްގާނިސްތާން ވަނީ 2023 ގެ ވޯލްޑް ކަޕުގައި ވެސް އިނގިރޭސިން ބަލިކޮށްފަ އެވެ.

މުބާރާތުގެ އަނެއް ގްރޫޕުން ނިއުޒީލެންޑާއި، އިންޑިއާ ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޕާކިސްތާނުގައި މުބާރާތް ބޭއްވިޔަސް، އިންޑިއާގެ ހުރިހާ މެޗެއް އޮންނާނީ ދުބާއީގަ އެވެ. އަދި ފައިނަލަށް އިންޑިއާ ހޮވިއްޖެ ނަމަ އެ މެޗު ވެސް އޮންނާނީ ދުބާއީގަ އެވެ. އެއީ ސަލާމަތީ ސަބަބުތަކާ ހެދި އިންޑިއާ އިން ޕާކިސްތާނަށް ދަތުރުކުރަން ދެކޮޅު ހަދާތީވެ އެވެ.