Roadha Mihaaru

މިފަހަރު ވެސް އިޒްރޭލުގެ ތިން މީހަކާއި ފަލަސްތީނުން އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފި

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން ކުރިން ވެސް އެއްބަސްވި ގޮތަށް މިއަދު ތިން މީހަކު މިނިވަންކޮށް އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފި އެވެ.

އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކޮށްފި

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން ކުރިން ވެސް އެއްބަސްވި ގޮތަށް މިއަދު ތިން މީހަކު މިނިވަންކޮށް އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފި އެވެ.

އޭއެފްޕީގެ ނޫސްވެރިން ބުނީ އިޒްރޭލުގެ ރަހީނުން މިނިވަންކުރީ ޣައްޒާގެ ޚާން ޔޫނިސްގައި ކަމަށާއި މިނިވަންކޮށް ރެޑް ކްރެސެންޓާ ހަވާލުކުރުމުގެ ކުރިން އެ މީހުން އާންމުންނާ ވާހަކަ ދައްކަން އެންގި ކަމަށެވެ. މީގެ ކުރިން ވެސް ރަހީނުން މިނިވަންކުރި އިރު އެ މީހުންގެ އަތުން ފެނުނު ހަދިޔާ ކޮތަޅުތަކާއި ބަންދުން ދޫކޮށްލި ކަމުގެ ލިޔުން ހިފައިގެން ތިބެ ރަހީނުން ވަނީ ބާކީ ތިބި ރަހީނުން މިނިވަންކުރުމުގެ ކަންކަން ވެސް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން އިޒްރޭލުގެ ޖަލަކުން ފަލަސްތީނުގެ ގައިދީންނާ އެކު ހުޅަނގު އައްސޭރިއަށް ދަތުރު ފެށި އެވެ. އަދި ފަހުން ވަނީ އިތުރު ބަސްތަކުގައި ގިނަ އަދަދެއްގެ މީހުން އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށް ބަސްތަކުގައި ގެންގޮސްފަ އެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ ރަހީނުން މިނިވަންކުރަން ގެނެސް އާންމުންގެ ކުރިމަތީ ބައިތިއްބާފައި. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ ރަހީނުން މިނިވަންކުރަން ގެނެސް އާންމުންގެ ކުރިމަތީ ބައިތިއްބާފައި. -- ފޮޓޯ: އޭއެފްޕީ

މިއަދު މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވީ އެއްބަސްވުމުގެ ދަށުން ގައިދީން ބަދަލުކުރި ހަ ވަނަ ފަހަރެވެ.

ހަމާސް އިން މިއަދު ރަހީނުން މިނިވަންކުރީ އިޒްރޭލުން އެއްބަސްވުމާ ހިލާފްވެފައިވާ ކަމަށް ބުނެ ރަހީނުން މިނިވަންކުރުން ހުއްޓާލި ކަމަށް ބުނުމަށް ފަހުގަ އެވެ.

ފަލަސްތީން ޕްރިޒަނާސް ކްލަބުން ބުނީ މިއަދު އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 369 މީހަކު މިނިވަންކުރަން އޮތީ އެއްބަސްވެފައި ކަމަށާއި މީގެ ތެރެއިން 24 މީހަކީ ޑީޕޯޓްކުރަންޖެހޭ މީހުން ކަމަށެވެ. އެއީ މީހުން މެރުން ފަދަ ބޮޑެތި ކަންކަމާ ގުޅިގެން ޖަލަށް ލާފައިވާ މީހުން މިނިވަންކުރާ ނަމަ ގައުމުން ބޭރުކުރަން ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި އިޒްރޭލުގެ 33 ރަހީނުންގެ ތެރެއިން މީގެ ކުރިން ވަނީ، ދިރިހުރި، 16 މީހަކު ވަނީ މިނިވަންކޮށްފަ އެވެ. އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ. އިޒްރޭލުން ވަނީ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ.

ފުރަތަމަ މަރުހަލާގައި ދޫކޮށްލަން ހަމަޖެހިފައިވާ އިޒްރޭލުގެ އިތުރު 17 މީހުންނަކީ ދެ ކުޑަކުދިންނާއި އަންހެނަކާއި 50 އަހަރުން މަތީގެ ފަސް ފިރިހެނުންނާއި 50 އަހަރުން ދަށުގެ ނުވަ ފިރިހެނުންނެވެ. ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އެ މީހުން ހަވާލު ކުރަން ޖެހެ އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.

ހަމަލާތައް ހުއްޓާލައިގެން ތިބުމުގެ އެއްބަސްވުމުގައި ކަނޑައެޅި ދެވަނަ މަރުހަލާގެ މަޝްވަރާތައް އަދި ނުފަށައެވެ. އެއީ ބާކީ ތިބި 43 މީހުން ދޫކޮށްލުމާއި، އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ ވާހަކަތަކެވެ.

ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 251 މީހަކު ރަހީނުކުރި އެވެ. އޭގެ ތެރެއިން 105 މީހަކު 2023 ވަނަ އަހަރު ދެ ފަރާތުން ގައިދީން ބަދަލުކުރުމަށް ވީ އެއްބަސްވުމެއްގެ ދަށުން ވަނީ މިނިވަންކޮށްފަ އެވެ.