Roadha Mihaaru
ކައުންސިލުން އެންގިގޮތަށް މަގު ހުހެއް ނުކުރެވޭނެ: ޝާހް

ކައުންސިލުން އެންގި ގޮތަށް މަގު ހުހެއް ނުކުރެވޭނެ: ޝާހު

11 އޯގަސްޓް 2021

މާލެ ސިޓީ ކައުންސިލުން އެންގި ގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި މަގު ހުސްނުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެ ސިޓީ ކައުންސިލުން އެންގި ގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި މަގު ހުސްނުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހު "މިހާރު" އަށް ވިދާޅުވީ ކައުންސިލުން ހުޅުވަން ބުނެފައިވާ މަގަކީ އެ ކުންފުނިން ތެޔޮ ރައްކާކުރާ ސަރަހައްދު ކަމަށެވެ. އަދި އެއީ އެމްއެންޑީއެފްގެ މަޝްވަރާއާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހަދާފައިވާ ތަނަކަށްވުމުން އެތަން ނަގަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ރައްކާކުރާ ތެލަކީ އެމްޑަބްލިއުއެސްސީން ފެން އުފެއްދުމުގައި ބޭނުންކުރާ ތެލެވެ. އެހެންވެ އެތަން ނަގައިފި ނަމަ ފެން އުފެއްދުން ހުއްޓާލަން ޖެހޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލުން ބުންޏަސް ކިހިނެއްތޯ އެތަން ހުސްކުރާނީ. އެމްއެންޑީއެފްގެ އެޑްވައިޒާ އެކު އެތާނުގައި ތެޔޮ ރައްކާކުރާތަނެއް ހެދީ. ތެޔޮ ހުރެގެން ފެން އުފެއްދޭނީ. އަދި ސިޓީއެއް ފޮނުވިޔަސް މިފަދަ ކަންކަމަކީ އެހާ ފަސޭހައިން ވާނެ ކަންކަމެއް ނޫން،" ޝާހު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އެމްޑަބްލިއުއެސްސީއަށް ފޮނުވި ސިޓީގައި، އެ ކުންފުނީގެ ކޮއްޓާއި އާސަހަރާ ކޮއްޓާ ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީ މަގު އެއް މަސް ދުވަހުގެ ތެރޭގައި ހުޅުވަން އަންގާފައިވެ އެވެ. މި މަގު ބަންދުކޮށް ބޭނުންކުރުމަށް އެ ކުންފުންޏަށް ހުއްދަ ދީފައިވަނީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީންނެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މޭޔަރު މުއިއްޒެވެ.

މި މަގު ހުޅުވަން އެއް މަސްދުވަހުގެ މުއްދަތު ދިނަސް އިތުރު މަޝްވަރާތައް ކުރަންޖެހޭ ކަމަށް ޝާހު ވިދާޅުވި އެވެ. އެގޮތުން، މަގު ހުޅުވަން ތަން ހުސްކޮށްފި ނަމަ އިތުރު ބިމެއް ހޯދައިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ބިމުގެ ދަތިކަން ދިމާވޭ. އެތަން ނަގާ ނަމަ އޭގެ ބަދަލުގައި ތަނެއް ދައްކަން ޖެހޭނެ ނޫންތޯ. މިކަމާ ގުޅޭގޮތުން މަޝްވަރާކުރަން ސިޓީ ކައުންސިލުގައި އެދޭނަން އަޅުގަނޑުމެން،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ އިތުރުން ސްޓެލްކޯއިން ނަގާފައިވާ މަގުތަކެއް ހުޅުވުމަށް ވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ. ނަމަވެސް އެ މަގުތަކަކީ ޖަނަރޭޓަރު ބަހައްޓާފައި ހުރި މަގުތަކަކަށްވުމުން ހުސް ނުކުރާނެ ކަމަށް ވަނީ އެނގިފަ އެވެ.

ސްޓެލްކޯއަށް އަންގާފައިވަނީ ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭގައި އޮންނަ ކަށިމާ ހިނގުމާއި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން ހުޅުވާށެވެ.