Roadha Mihaaru

"ފުލުހުންގެ ހިދުމަތަށް އިތުބާރު އޮތް ނަމަ އަތްމައްޗަށް ނަގާ"

އިސްކަންދަރު ކޮށީގެ ދެ ވަނަ ފަންގިފިލާގެ މެއިން ހޯލަށް ފުލުހުންގެ ހުރިހާ ކޮމާންޑަރުން ތިބީ ހާޒިރު ކޮށްފަ އެވެ. މާލޭގައި ތިބި އަދި އަތޮޅުތެރޭގެ އެކި ރަށްރަށަށް ފޮނުވާފައި ތިބި އެކި ރޭންކުތަކުގެ ވެރިން އޮންލައިންކޮށް ވެސް ބައިވެރިވި، ފުލުހުންގެ މުއައްސަސާގެ ތާރީހުގައި ވެސް އެއީ ހާއްސަ ބައްދަލުވުމެކެވެ.

"ފުލުހުންނަށް އިތުބާރު އޮތް ނަމަ އަތްމައްޗަށް ނަގާ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 ނޮވެމްބަރ 2025

އިސްކަންދަރު ކޮށީގެ ދެ ވަނަ ފަންގިފިލާގެ މެއިން ހޯލަށް ފުލުހުންގެ ހުރިހާ ކޮމާންޑަރުން ތިބީ ހާޒިރު ކޮށްފަ އެވެ. މާލޭގައި ތިބި އަދި އަތޮޅުތެރޭގެ އެކި ރަށްރަށަށް ފޮނުވާފައި ތިބި އެކި ރޭންކުތަކުގެ ވެރިން އޮންލައިންކޮށް ވެސް ބައިވެރިވި، ފުލުހުންގެ މުއައްސަސާގެ ތާރީހުގައި ވެސް އެއީ ހާއްސަ ބައްދަލުވުމެކެވެ.

ފުލުހުންގެ ކަންކަމަށް ޒިންމާވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މި ބައްދަލުވުން ފެއްޓެވީ މިއަދު ކޮންމެ އާންމު ރައްޔިތަކު ވެސް ފުލުހުންނާ ކުރަން ބޭނުންވާނެ ސުވާލަކާ ގުޅުވަ އެވެ.

"ދިވެހި ރައްޔިތުންނަށް ހައްގު މިންވަރަށް ހިދުމަތް ދެވޭ ކަމަށް ގަބޫލުކުރެވޭ އޮފިސަރުން އަތްމައްޗަށް ނަގާ!،"

ބައްދަލުވުން ކުރިއަށް ދިޔަ ގޮތް "މިހާރު" އާ ހިއްސާކުރި އެކި ފުލުހުންގެ ފަރާތުން އެނގުނު ގޮތުގައި މިނިސްޓަރު މިހެން ވިދާޅުވުމުން އަތް ހިއްލައިލަން ކެރުނު އެއްވެސް ފުލުހަކު ނެތެވެ. މުޅި ތަން ހިމޭންވެ، އެންމެން އިސްދަށަށް ޖަހާލަން ޖެހުނެވެ. ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ކުރިމަތިވާ ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން އަންނަ އެ ސުވާލު އަމާޒުވީ ފުލުހުންގެ ހިތަށެވެ.

ފުލުހުންގެ މުއައްސަސާ އަލުންބަލުން އެކުލަވާލައި "ޓޯޓަލް ރިސެޓް" އަކަށް ދާން ޖެހިފައި އޮތްކަމުގެ ހިތި ހަގީގަތް މިނިސްޓަރު އެ ހިސާބުން ވަރަށް ފާޅުގައި ހާމަކުރެއްވި އެވެ.

ސިސްޓަމް ފެއިލްވެފައި، އިތުބާރެއް ނެތް

ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމާ ބެހޭ ގޮތުން، އަންނަ އަންގާރަ ދުވަހު ފަށާ "ލޯކަލް ޕޮލިސިން ކޮންފަރެންސް 2025" އަށް ތައްޔާރުވުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ އެއް ބައިވެރިޔަކު ބުނި ގޮތުގައި މިނިސްޓަރުގެ ހުރިހާ ވާހަކައެއް، ކަން އޮތް ގޮތަށް ވަރަށް ސީދަލަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

"މުޅި ސިސްޓަމް ފެއިލްވެފައިވާ ކަމަށް ވިދާޅުވި. ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށް ވިދާޅުވި،" އޭނާ ބުންޏެވެ.

ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފުލުހުން

ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފުލުހުން

ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތް މުއައްސަސާ އަކީ ފުލުހުން ކަމަށް ވަރަށް ތިލަކޮށް ސާފުކޮށް ވިދާޅުވި އެވެ.

"މިނިސްޓަރު އެ ވާހަކަ ދެއްކެވީ ވަރަށް އަސަރާ އެކު. ބައްދަލުވުމުގައި ތިބި ފުލުހުންގެ މޫނުމަތިން ވެސް ފެނުނީ ލަދުވެތިކަން،" މިނިސްޓަރުގެ ވާހަކަ ފުލުހުން ވެސް ގަބޫލުކުރާ ކަމަށް ދޭހަވާ ކަމަށް ސިފަކޮށް ވާހަކަ ދެއްކި ފުލުހަކު ކިޔައިދިނެވެ.

ސަރުކާރުގެ ދެ އަހަރު ފާއިތުވެ ދިޔައިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާ އަދާނުކުރެވުނު ކަމަށާއި މި ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް މިނިސްޓަރު އިހުސާން އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. ފުލުހުންނާ މެދު ރައްޔިތުންގެ ޝުއޫރު ހުރި ގޮތަކީ މިއީ ކަމަށާއި ފުލުހުންނަށް ހައްގު މިންވަރަކީ މިހާރު ހާލަތު އޮތް ގޮތުން، އެ ބަދު ބަސްކަން ސިފަކޮށްދެއްވީ އެހާ ތިލަކޮށެވެ.

ޑްރަގާ ދެކޮޅަށް މަސައްކަތް ކުރުމާއި ގޭންގު މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން މައްސަލަ އާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ފުލުހުންނަށް ސަރުކާރުން ދީފައިވާ މައިގަނޑު ހަތަރު ޓާސްކެވެ. މީގެ ތެރެއިން މިނިސްޓަރު ހިތްހަމަ ޖެހޭ މިންވަރަށް ނަތީޖާ ނެރެވުނީ ގޭންގުތަކާ ދެކޮޅަށް އޮޕަރޭޝަނަލް ލެވެލްގައި ފުލުހުން ކުރަމުން އަންނަ ޕްރެވިންޓިވް މަސައްކަތުން އެކަނި ކަމަށް ވިދާޅުވި އެވެ.

ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.---- ފޮޓޯ: ފުލުހުން

ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.---- ފޮޓޯ: ފުލުހުން

މި ހަގީގަތްތައް ކިޔައިދިން މުހިންމު ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ނެތުމަކީ ވެސް ވަރުގަދަ މެސެޖެކެވެ.

ފުލުހުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައި އެކުލަވާލި ރިޕޯޓެއްގައި، ނަވީން ހިމެނޭހެން އިސް އެހެން ބައެއް ވެރިންނަށް ފިޔަވަޅު އެޅުމަށް ލަފާދޭން މަޖިލީހަށް ހުށަހެޅިތާ 24 ގަޑިއިރު އިރު ނުވަނީސް ބައްދަލުވުން ކުރިއަށް ގެންދިޔައިރު ނަވީން ހުންނެވީ ރަސްމީ ދަތުރެއްގައި ގައުމުން ބޭރުގަ އެވެ. އޭނާ އޮންލައިންކޮށް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.

"ލީޑަޝިޕް އޮތީ ފެއިލްވެފައި ކަމަށް އަސަރާ އެކު [މިނިސްޓަރު އިހުސާން] ވިދާޅުވި."

"ނޮން-ނެގޯޝިއަބަލް ހާޑް ރިސެޓް"

މައްސަލަތަކުގެ ހައްލަކަށް މިނިސްޓަރުގެ އިންސްޓްރަކްޝަނަކީ ވަގުތުން ވަގުތަށް "ނޮން-ނެގޯޝިއަބަލް ހާޑް ރިސެޓް" އަކަށް ދިއުމެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ބަރު ހެލި އެޑްމިނިސްޓްރޭޓިވް ނިޒާމް ދޫކޮށް، މުވައްޒަފުން އޮޕަރޭޝަނަލް ރޯލްތަކަށް އެލޮކޭޓްކޮށް، މުއައްސަސާ ރީ-ސްޓްރަކްޗާ ކުރުން ކަމަށް ވިދާޅުވި އެވެ. ސުޕަވިޝަން އާއި މެނޭޖްމަންޓް ހަރުދަނާ ކުރުމެވެ. ކޮމާންޑް އަދި ލީޑަޝިޕް ރޯލްތަކުގައި ތިއްބެވި ބޭފުޅުން އޮފިސަރުންނާ އެކު ގާތުން ހިދުމަތުގައި ބައިވެރިވުމެވެ.

މިނިސްޓަރު އެ ވާހަކަ ދެއްކެވީ ވަރަށް އަސަރާ އެކު. ބައްދަލުވުމުގައި ތިބި ފުލުހުންގެ މޫނުމަތިން ވެސް ފެނުނީ ލަދުވެތިކަން،"--- ފުލުހެއް

ސުޕަވިޝަން އާއި މެނޭޖްމެންޓް ހަރުދަނާކޮށް ކޮމާންޑް އަދި ލީޑަޝިޕް ރޯލްތަކުގައި ތިއްބެވި ބޭފުޅުން އޮފިސަރުންނާ އެކު ގާތުން ހިދުމަތުގައި ބައިވެރިވުމެވެ. ފުލުހުންގެ ބޭސިކް މަސައްކަތަށް ފޯކަސް އިތުރުކޮށް ޑިސިޕްލިން އާއި އެތިކްސް ހިފެހެއްޓުމުގައި ޒީރޯ ޓޮލަރެންސަށް ދިއުމެވެ.

"މިހާރު" އާ ވާހަކަ ދެއްކި ފުލުހުން ބުނި ގޮތުގައި މިނިސްޓަރު ދެއްވީ އިންޒާރެކެވެ.

"ނަތީޖާ ނުނެރެވޭ އަދި މަސައްކަތަށް ފަރުވާ ނުބަހައްޓާ ވެރިންނަށް ދެއްވީ އިންޒާރެއް. ވަކި މިންވަރަކަށް މޮނީޓަ ކުރުމަށް ފަހު، ނަތީޖާ ނުނެރެވޭ މީހުން މަގާމުތަކުން ދުރުކުރެވޭނެ ކަމަށް ވިދާޅުވި،" ފުލުހަކު ކިޔައިދިނެވެ.

"ވިދާޅުވީ އެކަށީގެންވާ ވަރަށް ޕާފޯމް ނުކުރެވޭ ނަމަ މުއައްސަސާ ދޫކޮށް ދާންޖެހޭނެ ކަމަށް. ރެޕިއުޓޭޝަން ރައްކާތެރިކޮށް ދެމެހެއްޓޭނީ ސޯޝަލް މީޑީއާ ނުވަތަ ފޭސްބުކް ޕޭޖަކުން ނޫނޭ ވިދާޅުވި. ވިދާޅުވީ ރެޕިއުޓޭޝަން ރަނގަޅު ކުރެވޭނީ މަސައްކަތުން ނެރޭ ނަތީޖާއިން ކަމަށް."

އެކަމަކު ކާކުގެ ޒިންމާއެއް؟

މި ސަރުކާރުގައި ފުލުހުންނަށް ދެ ކޮމިޝަނަރުން އައްޔަން ކޮށްފި އެވެ. މިދިޔަ ދެ އަހަރުގެ ފުލުހުންގެ ފެއިލިއާގެ ހިއްސާއެއް ފުލުހުންގެ ލީޑަޝިޕުން ނަގަން ނުޖެހޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ. މިނިސްޓަރު ވެސް އިސްތިސްނާ ނުކޮށެވެ.

މިހާރު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމަށް އައްުޔަން ކުރެއްވިތާ ހަތް މަސްވީއިރު އަދި މީޑިއާ ކުރިމައްޗަށް ހުއްޓިވަޑައެއް ނުގަންނަވަ އެވެ. ފުލުހުންގެ ކުރިއެރުމާއި ތަރައްގީގެ ލަނޑުދަނޑިތަކެއް އެކަށައަޅައި ހާއްސަ މަސައްކަތްތަކެއް ކުރެއްވި ކަމެއް ނޭނގެ އެވެ. ފުލުހުންނަށް ފަހަކަށް އައިސް ބޮޑެތި ތުހުމަތުތައްކޮށް އަދި ބައެއް ފުލުހުންގެ ނަޒާހަތްތެރިކަން ގެއްލޭ ވަރަށް ކަންކަން "ފަޅާއެރިއިރު" ވެސް ސީޕީ ނަވީން ފެންނަނީ "ހަނު" ހުންނަވާ ތަނެވެ. ލީޑަރެއްގެ އެއްވެސް ރޯލެއް ނުފެނެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކި ފުލުހުން ބުނި ގޮތުގައި ބައްދަލުވުމަށް ފަހު ފުލުހުން ނުކުމެގެން ދިޔައިރު އެކަކު އަނެކަކާ ބުނަމުން ދިޔައީ "އަސްލު ވެސް، އަލުން ހިފާލަން ޖެހޭ" ކަމަށެވެ. މިނިސްޓަރުގެ ވާހަކަ އެތަނުގައި ތިބި ފުލުހުން، ހިތުގެ އަޑީން ގަބޫލުކޮށްގެން ތިބި ކަމަށް ބުންޏެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން އިމާރާތް.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ހެންވޭރު ޕޮލިސް ސްޓޭޝަން އިމާރާތް.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު، އަބަދުވެސް ފެންނަ ހަގީގަތަކީ، ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަގަޅުވެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދަން، ފުލުހުންނަށް މިނިވަންކަމާއި ހަމަހަމަކަމާ އެކު ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމުގެ ޖާގަ އާއި މަސައްކަތުގެ މާހައުލެއް ނުލިބޭ ކަމެވެ.

"މިހާރު" އާ ވާހަކަ ދެއްކި ބައެއް އޮފިސަރުން ވިދާޅުވީ، ސިޔާސީ ގޮތުން އެއްބާރުލުން ދޭ ނުވަތަ ލޯޔަލް ކަމަށް ބެލެވޭ މީހުންނަށް އިސްކަން ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. މިއީ ކޮންމެ ސަރުކާރަކުން ވެސް ފަހަކަށް އައިސް ފުލުހުންގެ "ކޮންޓްރޯލް" ނަގަން ގެންގުޅޭ އުކުޅަކުން އުފަން ވެފައިވާ ކަމެއްގެ ގޮތުގައި އެ އޮފިސަރުން ގަބޫލުކުރައްވަ އެވެ.

އިދިކޮޅުގައި ތިބޭ އިރު ވަކިވަކި އޮފިސަރުންނާއި ގްރޫޕްތަކާ ގުޅުން ބާއްވައިގެން، ވެރިކަމަށް އައިސް އެ މީހުން އިސްކުރެވޭ ގޮތް ވަނީ އެވެ. ނަމަވެސް ގިނަ ފަހަރަށް، އެއީ މުއައްސަސާ ހިންގަން އެންމެ ގާބިލު މީހުންނަކަށް ނުވެ އެވެ.

"ޓޯޓަލް ރިސެޓް" އަކަށް ދެވޭނެތަ؟

ފުލުހުންނަށް ގެއްލިފައިވާ އިތުބާރު ހޯދަން ސުމަކުން ފެށި ނަމަވެސް ސިޔާސީ ނުފޫޒާއި މަސްލަހަތުން ފުލުހުން އެއްކިބާ ނުކޮށްފި ނަމަ އެ ޓޯޓަލް ރިސެޓް އަނެއްކާވެސް ރިސެޓް ކުރަން ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް އޮފިސަރުން ބުންޏެވެ.

"ފާއިތުވެ ދިޔަ ތަނުގައި ފެނުނީ މި ކަންކަމުގެ މޯހިރުގައި އެއްބަޔަކު އަނެއްބަޔަކު ކަތިލަން އުޅޭތަން. އެ ކަންކަން ހަމަ މަގަށް އެޅުވޭނީ އެންމެ މަތިން ފެށިގެން ޕްރޮފެޝަނަލް ވެގެން،" އޮފިސަރަކު ބުންޏެވެ.

ހުޅުމާލޭގައި ކުރިއަށް ދިޔަ ފުލުހުންގެ ރަސްމިއްޔާތެއްގައި އޮފިސަރުން ބައިވެރިވަނީ-- ފޮޓޯ: މިހާރު

ހުޅުމާލޭގައި ކުރިއަށް ދިޔަ ފުލުހުންގެ ރަސްމިއްޔާތެއްގައި އޮފިސަރުން ބައިވެރިވަނީ-- ފޮޓޯ: މިހާރު

ކޮންމެ ވެރިކަމެއް ބަދަލުވާއިރު، ފުލުހުންގެ އެކި އޮފިސަރުން މަސްއޫލިއްޔަތުން ދުރުކޮށް ސަބަބެއް ވެސް ނޭނގޭ ހާލަތުގައި އެބަ ތިބެ އެވެ. ޓްރެއިނިން އާއި ތަޖުރިބާއާ ނުގުޅޭ ތަންތަނަށް މުވައްޒަފުން ބަދަލުކޮށް ސިޔާސީ ގޮތުން ރުހުން އޮންނަ އޮފިސަރުން އިސްކުރުމުގެ ނަތީޖާ ގޯހުން ގޯހަށް ދަމުން ގޮސް މުޅި މުއައްސަސާގެ އެތެރޭގައި ނަފްރަތާއި ހަސަދައިގެ ހުޅު ފަޅައިގެން ގޮސް އެންމެ ފަހުން މި ވަނީ ބޭރަށް ނުކުމެފަ އެވެ. އެންމެ ފަހުން ވެސް ސޯޝަލް މީޑިއާގައި ނޭނގޭ އެކައުންޓުތަކުން ފުލުހުންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ފަލީހަތް ކުރަމުން ދިޔައީ އެ ކޯޅުމުގެ ތެރޭގަ އެވެ.

ދިވެހިން އުންމީދުކުރާ ފެންވަރު ރަގަޅު، ނަތީޖާ ނެރޭ، ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ބޭނުން ނަމަ ސިޔާސީ އަވާގައި ނުޖެހި މިނިވަންކަމާ އެކު ތިބުމުގެ ފުރުސަތު ފުލުހުންނަށް ދޭންޖެހެ އެވެ.

މިނިސްޓަރު އިހުސާންގެ ސުވާލަށް ފުލުހުންނަށް އަތް ނަގަން ނުކެރި އިސްޖަހާލަން ޖެހުނު ސަބަބު ސާފުކޮށް އޮތީ ފެންނާށެވެ. ހަމަ އެ ސުވާލު ދެން އޮތީ އާންމުންނަށެވެ. ފުލުހުންގެ ހިދުމަތާ މެދު އިތުބާރު އޮތް ނަމަ އަތްމައްޗަށް ނަގާށެވެ!