ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފި އެވެ.
11 ޑިސެމްބަރ 2025
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފި އެވެ.
އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައިފަ އެވެ. ފުލުހުން ދޯނިތަކަށް އެެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ އެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފަ އެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އެކަމާ ދެކޮޅަށް އަޑުއުފުލުމުން ފުލުހުން ވަނީ މައުރޫފް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. މައުރޫފްގެ އިތުރުން އެހެން ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ގެންދިޔުމުގެ ސަބަބުން އިހުތިޖާޖު މިހާރު ވަނީ ހުއްޓިފަ އެވެ. މި އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުމަށް ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މަސްވެރިން ފެލިވަރު ބޭރުގައި މުޒާހަރާ ކުރަނީ
އިހުތިޖާޖުރޫޅާލައި މީހުން ހައްޔަރުކުރުމުން އައިއެލްއޯއަށް
ހައްލެއް ލިބެންދެން މަސްވެރިންގެ އިހުތިޖާޖު ކުރިއަށް
މެމްބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް
މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
އިހްތިޖާޖުގައި އެހެން އުޅަނދުތަކަށް ހުރަސްއެޅި: ޕޮލިސް
އިހުތިޖާޖްގެ ތެރެއިން މެންބަރު މައުރޫފް ހައްޔަރުކޮށްފި
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި