Roadha Mihaaru
ރައުދާ މަރާލީތޯ ބަލަންޖެހޭ: ބަންގާޅުގެ ކުރީގެ ރައީސް

ރައުދާގެ މަރުގެ ހަގީގަތް ހޯދަންޖެހޭނެ: ބަންގްލާދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލް 2017

ބަންގްލާދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ހަގީގަތް ހޯދަން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ހުސައިން މުހައްމަދު އިރުޝާދު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބަންގްލާދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ހަގީގަތް ހޯދަން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ހުސައިން މުހައްމަދު އިރުޝާދު ވިދާޅުވެއްޖެ އެވެ.

ބަންގްލާދޭޝްގެ ކުރީގެ އަސްކަރީ ވެރިޔާ އަދި ޖަތިތާ ޕާޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އިރުޝާދު ވިދާޅުވީ ތަހުގީގު ހިންގަން ޖެހެނީ ރައުދާ އަމިއްލައަށް މަރުވީތޯ، ބަޔަކު އޭނާ ރޭޕްކޮށް ނުވަތަ އަނިޔާކޮށް މަރާލީތޯ ބަލަން ކަމަށެވެ.

"މީހުން ގެއްލުވާލުމާއި ގޭގައި އުޅެނިކޮށް އަތުލައިގަނެގެން ގެންދިއުން ފަދަ ހާދިސާތައް އެބަ ހިނގާ. މި ވާހަކަތައް ނޫސްތަކުން ދުވަސްކޮޅަކަށް ގެނެސްދިނަސް ފަހުން ހަނދާންނެތިގެން ދަނީ. އެކަމަކު ދަރިއަކު ގެއްލުމަކީ މަޔަކަށް ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ކަމެއް ނޫން،" ޕާޓީގެ އެއްވުމެއްގައި، ބަންގްލަދޭޝްގެ ހާލަތު ސިފަކުރައްވަމުން އިރުޝާދު ވިދާޅުވި އެވެ.

ރައުދާ ކޮލެޖުގެ ހޮސްޓެލްގައި މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓްގައި ބުނި ނަމަވެސް އެ އޮޓޮޕްސީ ހެދި ޓީމުގެ މިިނިވަންކަމާ މެދު ރައުދާގެ އާއިލާއިން ކުރިން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. ބަންގްލާދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖް (އާރްއެމްސީ) ގެ ފިޒިޝަނަކު ވެސް ޑެއިލީ ސްޓާ އަށް ވިދާޅުވެފައިވާ ގޮތުގައި ތިން މެންބަރުންގެ މައްޗަށް އެކުލަވާލި ޓީމުގައި ރައުދާ އުޅުނު ކޮލެޖްގެ މުވައްޒަފަކު ހިމެނެ އެވެ. އަދި އެއީ ސުވާލު އުފެދޭނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފަ އެވެ.

ރައުދާ، 21، މަރުވީ ދަންޖެހިގެން ކަމަށް ނިންމި އޮޓޮޕްސީ ހެދި ޓީމުގައި އިސްކޮށް ހުންނެވީ ބަރިންދް މެޑިކަލް ކޮލެޖްގެ ކުރީގެ ޓީޗަރެއް ކަމަށްވާ ޕްރޮފެސަރު މަންސޫރު ރަހްމާން އެވެ. ދެން ހިމެނެނީ އާރްއެމްސީގެ ކުރީގެ ޓީޗަރެއް ކަމަށްވާ އިމްދާދުއްރަހްމާން އެވެ. އޭނާ އަކީ މިހާރުވެސް އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ މުވައްޒަފެކެވެ. އަނެއް މެންބަރަކީ އާރްއެމްސީގެ ލެކްޗަރާއެއް ކަމަށްވާ އިނާމުލް ހައްގެވެ.

ޑެއިލީ ސްޓާއިން މިކަމާ ބެހޭ ގޮތުން އާރްއެމްސީގެ ޕްރިންސިޕަލް އަންވަރު ހަބީބާ ސުވާލުކުރުމުން ވިދާޅުވެފައި ވަނީ އޮޓޮޕްސީ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން ފިޔަވައި ރާޖްޝާހީ ސިޓީގައި ފޮރެންސިކް ތަޖުރިބާކާރުން ނެތް ކަމަށެވެ.

ރައުދާ އާތިފް، އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް

ރައުދާ އާތިފް، އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް

"މި ތިން ޑޮކްޓަރުން ފިޔަވައި، މި ސިޓީގައި ފޮރެންސިކް ތަޖުރިބާކާރުންނެއް ނެތް. އެ ބޭފުޅުން ހޮވާފައި އެ ވަނީ ރައުދާ މަރުވި ގޮތް ދެނެގަތުމަށް އެކަނި،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެ ޓީމުން އެއްވެސް ކަމެއް ގޯސްކޮށް ކުރުމަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ރައުދާ ކިޔެވި ކޮލެޖުގައި ބުރާސްފަތި ދުވަހު ވަނީ އޭނާގެ މަރާ ގުޅިގެން ހިތާމަ ފާޅުކުރަން ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ސިފަކުރި ގޮތުގައި ރައުދާ "އަމިއްލައަށް މަރުވީ" އެވެ. އަދި އެއީ ޑިޕްރެޝަންގެ ސަބަބުން ނިންމުނު ގޯސް ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރައުދާއަކީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މޮޑެލް އަކަށް ވެފައި އޭނާގެ އެ މަސައްކަތާ މެދު ނުރުހޭ މީހުން ކޮލެޖްގައި ގިނަކަން، ރައުދާގެ ބައެއް އެކުވެރިން ފާހަގަކުރެ އެވެ. އެހެންވެ ރައުދާގެ މަރަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައި ނިންމާލައިގެން ނުވާނެ ކަމަށް އާއިލާއިން ވެސް ދަނީ ބުނަމުންނެވެ.

ޑެއިލީ ސްޓާއިން ފުލުހުންނާއި ދަރިވަރުންނާ ހަވާލާދީ ބުނެފައި ވަނީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި 500 ދަރިވަރަކު އުޅޭއިރު، އޭގެ ތެރޭގައި ދީނީ ހަރުކަށި ޖަމާއަތެއްގެ ގޮތުގައި ސިފަކުރާ، ޖަމާއަތު އިސްލާމީ އާއި އިސްލާމީ ޗަތުރާ ޝިބީރްގެ ސަޕޯޓަރުން ގިނަ އެވެ. ކޮލެޖްގައި ބިދޭސީ 45 ދަރިވަރަކު އުޅޭއިރު އަންހެނުންގެ އަދަދަކީ އެންމެ 15 އެވެ. އޭގެ ތެރޭގައި ދިވެހި ހަތަރު ދަރިވަރަކު ހިމެނެ އެވެ.

ދީނީ ކަންކަމާ ގުޅުން ހުރި މަރުތައް ބަންގްލާދޭޝްގައި އިތުރުވެފައި ވާތީ، ރައުދާގެ މަރުގެ ހަގީގަތް ދެނެގަންނަން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އެއް ބަޔަކު ބުނެ އެވެ.

އޮޓޮޕްސީއަށް ފަހު ހޮނިހިރު ދުވަހު މެންދުރު ފަހު ރައުދާގެ ޖަނާޒާ ވަނީ ބާއްވައިފަ އެވެ. އެކަމަކު މިނިވަން އޮޓޮޕްސީއެއް ހެދުމަށް ފުރުސަތު ލިބިފައި ނުވުމާއި ކޮލެޖުން ވެސް ރައުދާގެ މައުލޫމާތު ދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅޭ ކަމަށް ބެލެވޭތީ އާއިލާއިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އިތުރު އޮޓޮޕްސީއަކާ މެދު އާއިލާއިން ވިސްނަމުން އަންނަ ކަމަށް ޑެއިލީ ސްޓާއިން އާއިލާއާ ހަވާލާދީ ބުންޏެވެ.

ކިޔެވުމުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ރައުދާ އަކީ ޑިޕްރެޝަންގެ މައްސަލައެއް ހުރި މީހެއް ނޫން ކަމަށާއި އަމިއްލައަށް މަރުވާން ޖެހޭ ފަދަ އެއްވެސް ކަމެއް މެދުވެރިވެފައި ނުވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.