Roadha Mihaaru
ސިޓީތައް ރައްދުކުރީ އުސޫލެއް ނެތި: މައުމޫން ހަމީދު

ޔާމީން ރަޝީދާ ގުޅޭ ސިޓީތައް ރަައްދުކުރީ އެއްވެސް އުސޫލެއް ނެތި: މައުމޫން ހަމީދު

03 މެއި 2017

ފުލުހުންނަށް ސިޓީއެއް ހުށަހަޅާ ނަމަ، މިހާރު އަމަލު ކުރަން ފެށި "އުސޫލާ" އެކު، މިނިސްޓަރުން ވެސް ސިޓީ ހިއްޕަވައިގެން އެތަނަށް ވަޑައިގަންނަވަން ޖެހޭނެތޯ ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންނަށް ސިޓީއެއް ހުށަހަޅާ ނަމަ، މިހާރު އަމަލު ކުރަން ފެށި "އުސޫލާ" އެކު، މިނިސްޓަރުން ވެސް ސިޓީ ހިއްޕަވައިގެން އެތަނަށް ވަޑައިގަންނަވަން ޖެހޭނެތޯ ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

އޭނާ މިގޮތަށް ސުވާލު އުފެއްދެވީ، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ތަހުގީގު މިނިވަންކަމާއި އަވަސްކަމާ އެކު ކުރިއަށް ގެންގޮސްދޭން އެދި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އިއްޔެ ހުށަހެޅި ސިޓީތައް ބަލައިނުގަންނަން ފުލުހުން ދެއްކި "އުޒުރާ" ގުޅިގެންނެވެ.

މައުމޫން ވިދާޅުވީ ފުލުހުން އެގޮތަށް ކަންތައް ކުރީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.

ޔާމީނަށް އިންސާފު ހޯދައިދޭން އެދި ހުށަހެޅި ސިޓީތައް ބަލައިނުގަތީ، ފުލުހުން ބުނެފައިވާ ގޮތުގައި، ސިޓީ ހުށަހަޅަން އޮންނަ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް އަމަލު ނުކުރުމުންނެވެ. އެ ސިޓީ ހުށަހަޅަން ޖެހޭނީ ސޮއިކުރި މީހާ އަމިއްލަ އަށް ކަމަށް ފުލުހުން ވަނީ ޔާމީންގެ ބައްޕަ ހުސެއިން ރަޝީދަށް އަންގައިފަ އެވެ.

މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މައުމޫން ހަމީދު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް ސިޓީ ހުށަހަޅާއިރު އަމަލުކުރަން ޖެހޭނީ އެގޮތަށް ކަމަށް އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއްގައި ވެސް ލިއެފައި ނެތް ކަމަށެވެ. ފުލުހުންގެ އާއްމު އުސޫލްގައި، އެ މުއައްސަސާ އަށް ސިޓީ ފަދަ ތަކެތި ހުށަހެޅުމާ ގުޅޭ ގޮތުން ވެސް ފުލުހުން މިހާރު އެ ބުނާ "އުސޫލެއް" ކަނޑައަޅާފައި ނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގާނޫނީ ބާރެއް ނެތި ގަވާއިދެއް އަދި އުސޫލެއް ވެސް ނުހެދޭނެ. ސޮއިކުރި މީހާ ސިޓީ ހުށަހަޅަން ޖެހޭ ކަމަށް ފުލުހުން އެ ދައްކަނީ ބުއްދި ގަބޫލުކުރެވޭ ވާހަކައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސޫލެއް ކަނޑައަޅާފައިވާ ނަމަ، އެ އުސޫލަކަށް ގާނޫނީ ބާރު ލިބިދޭން ޖެހޭނެ ކަމަށާއި އެހެން ނޫނީ އެއީ އަމަލު ކުރަންޖެހޭ އެއްޗަކަށް ނުވާނެ ކަމަށެވެ.

"ފުލުހުންނަށް ޝަކުވާ ހުށަހެޅުން ރެސްޓްރިކްޓް ކުރެވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ކުރެވޭނެ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

ޔާމީންގެ އާއިލާ އިން ހުށަހެޅި ސިޓީތައް ބަލައިނުގަތުމުން މައުމޫން ކުރެއްވި ޓުވީޓެއް.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވެފައި ވަނީ ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި އުދާސްތަކެއް ފުލުހުން ބަލައިނުގަތީ ނޫން ކަމަށާއި އެ އޮންނަ އުސޫލުން ސިޓީތައް ހުށަހަޅަން އެދިފައިވާނެ ކަމަށެވެ. "އެއްވެސް ހާލެއްގައި ޔާމީންގެ އާއިލާ އާއި ރައްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތަކެއް ރިޖެކްޓްކުރީކީއެއް ނޫން. ރަސްމީ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ހުށަހަޅަން އެދިފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނާ ސިޓީތައް ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ބުނެފައި ވަނީ އާއިލާ އިން ބޭނުންވަނީ ޔާމީންގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އިންސާފު ގާއިމްވާން ކަމަށެވެ. ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމުގެ އިތުރުން އެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ބޭރުގެ އިންވެސްޓިގޭޓަރުން ބައިވެރިކުރަން އެދިފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާމީނަށް މަރުގެ އިންޒާރުތައް ދިނުމަށް ފަހު، މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެވިއްޖެ ކަމަށް ފުލުހުން އާއްމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ ވަނީ އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާ ތަހުގީގަށް 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.

.