Roadha Mihaaru
އަލަތު ކައިވެނި މަދުވެ، ދޮށީ އުމުރުގެ ވަރި ގިނަވަނީ

އަލަށް ކުރާ ކައިވެނި މަދުވެ، ދޮށީ އުމުރުގެ ވަރި ގިނަވަނީ

16 މެއި 2017

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ ގައުމުގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. އެކަމަކު ވަރި އާއި ކައިވެންޏާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާބަށް ބެލުމުން އަދި މިއަށް ވުރެ ބޮޑު މަންޒަރެއް ފެނެ އެވެ. ކާމިޔާބު ކައިވެނި މަދުވަމުން އަންނަކަށް ފާހަގެވަ އެވެ. ޖުމުލަކޮށް ބަލާއިރު ކައިވެނި މަދުވެ، ދޮށީ އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ވަރީގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ ގައުމުގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. އެކަމަކު ވަރި އާއި ކައިވެންޏާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާބަށް ބެލުމުން އަދި މިއަށް ވުރެ ބޮޑު މަންޒަރެއް ފެނެ އެވެ. ކާމިޔާބު ކައިވެނި މަދުވަމުން އަންނަކަށް ފާހަގެވަ އެވެ. ޖުމުލަކޮށް ބަލާއިރު ކައިވެނި މަދުވެ، ދޮށީ އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ވަރީގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން ދޮށީ މީހުންގެ ކައިވެނިތައް މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު ކައިވެނިކުރާ މީހުންގެ އަދަދު އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި ވެސް ގިނަ އެވެ.

މިއީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ވަރި އާއި ކައިވެންޏާ ބެހޭ ތަފާސްހިސާބުން ދައްކާ ޝައުގުވެރި ބައެއް ކަންކަމެވެ.

ދެ އަންބަށް ކައިވެނިކުރުން

ދެ އަންބަށް ކައިވެނިކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް ވަރަށް ގިނައިން ބުނާތީ އިވެ އެވެ. އެކަމަކު ތަފާސްހިސާބުން ފެންނަ މަންޒަރު ތަފާތެވެ. އެގޮތުން 2015 ވަނަ އަހަރާ އަޅާބަލާއިރު 2016 ގައި ވަނީ ދެ އަންބަށް ކުރި ކައިވެނީގެ އަދަދު ފަސް ޕަސެންޓް ދަށްވެފަ އެވެ. ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު ދެ އަންބަށް 165 ކައިވެނި ކުރި އިރު 2016 ގެ އަދަދަކީ 157 އެވެ.

ކައިވެނީގެ ބާވަތާއި ކައިވެނީގެ ޖުމުލަ އަދަދު (މައުލޫމާތު:ޑީޖޭއޭ)

ކައިވެނީގެ ބާވަތާއި ކައިވެނީގެ ޖުމުލަ އަދަދު (މައުލޫމާތު:ޑީޖޭއޭ)

ބިދޭސީންނާއި ދިވެހިންގެ ކައިވެނި

ދިވެހިންނާއި ބިދޭސީން ކުރާ ކައިވެންޏަށް ބަލާއިރު ދިވެހި ފިރިހެނުން ބިދޭސީ އަންހެނުންނާ ކުރާ ކައިވެނި ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން، 2015 އަދި 2016 ގައި ވެސް ކޮށްފައި ވަނީ 34 ކައިވެންޏެވެ. ދިވެހި އަންހެނުން ބިދޭސީ ފިރިހެނުންނާ 2015 ގައި 23 ކައިވެނިކުރި އިރު މިދިއަ އަހަރުގެ ނިސްބަތަކީ 24 އެވެ.

އަންހެނުން ގިނައިން ކައިވެނިކުރަނީ ކޮން އުމުރެއްގައި؟

މުޅި ރާއްޖޭގައި 2016 ގައި 5،488 ކައިވެނިކުރި އެވެ. މިއީ ރަށްރަށުގައި ކުރި 3،184 ކައިވެންޏާއި މާލޭގައި ކުރި 2،304 ކައިވެންޏެވެ. މި ހުރިހާ ކައިވެންޏަކަށް ބަލާއިރު އަންހެނުން އެންމެ ގިނައިން ކައިވެނިކޮށްފައި ވަނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގަ އެވެ. އެއީ 2،793 އަންހެނުންނެވެ. އޭގެ ކުރީ އަހަރު މި އުމުރު ފުރައިގެ 3،100 އަންހެނުން ކައިވެނިކުރި އެވެ.

ފިރިހެނުންގެ ތެރޭގައި ގިނައީ އުމުރުން 26 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ކޮށްފައިވާ ކައިވެންޏެވެ. މި އުމުރުފުރާގެ 2،797 މީހަކު 2016 ގައި ކައިވެނިކުރި އެވެ. އޭގެ ކުރީ އަހަރު ކޮށްފައި ވަނީ 2،798 ކައިވެންޏެވެ.

ކައިވެނިކުރާ އުމުރުފުރާ އަދި ކައިވެނީގެ ވަނަ. (މައުލޫމާތު:ޑީޖޭއޭ)

ކައިވެނިކުރާ އުމުރުފުރާ އަދި ކައިވެނީގެ ވަނަ. (މައުލޫމާތު:ޑީޖޭއޭ)

އުމުރުން 40 އަހަރުން މަތީގެ އަންހެނުން ކައިވެނިކުރި އަދަދު އިތުރުވެ މި އުމުރުގެ ފިރިހެނުން ކައިވެނިކުރި އަދަދު ވަނީ 2015 ވަނަ އަހަރާ އަޅާބަލާއިރު 2016 ވަނަ އަހަރު ދަށްވެފަ އެވެ. އުމުރުން 40 އިން މައްޗަށް ދިޔަ ފަހުން 2016 ގައި ކައިވެނިކުރި އަންހެނުންގެ ނިސްބަތް ހަތް ޕަސެންޓް މައްޗެވެ. އެއީ 536 އިން 571 އަށް އިތުރުވުމެވެ. އެކަމަކު މި އުމުރުގެ ފިރިހެނުން ކުރި ކައިވެނި 836 އިން 831 އަށް ވަނީ މަދުވެފަ އެވެ.

އުމުރުން 18 ނުވާ އަންހެންކުދިން ކައިވެނިކުރުން މަދު

އުމުރުން 18 އަހަރު ނުވާ ފަސް އަންހެން ކުއްޖަކު 2016 ގައި ކައިވެނިކުރި އެވެ. އެކަމަކު އޭގެ ކުރީ އަހަރު މި އުމުރުގެ 15 އަންހެން ކުއްޖަކު ކައިވެނިކޮށްފައިވެ އެވެ. މިއާ ޚިލާފަށް، 18 އަހަރު ވުމުގެ ކުރިން ކައިވެނިކުރި ފިރިހެން ކުދިންގެ އަދަދު ވެފައި ވަނީ އިތުރެވެ. އެއީ 2015 ވަނަ އަހަރު އެއް ކައިވެނި އަދި 2016 ގައި ފަސް ކައިވެންޏެވެ.

އަލަތު ކައިވެނި މަދުވަނީ

އަންހެނުންނާއި ފިރިހެނުންނަށް ބަލާއިރު ވެސް އަލަށް ކައިވެނިކުރާ މީހުންގެ ނިސްބަތް 2015 އަށް ވުރެ 2016 ގައި ވަނީ ދަށްވެފަ އެވެ. މި ބައިގެ ތަފާސްހިސާބު ވަރަށް ޝައުގުވެރި އެވެ.

"ކައިވެނީގެ ވަނަ" އަށް ބަލާއިރު 2015 ގައި އަލަށް ކައިވެނިކުރި ފިރިހެނުންގެ ނިސްބަތް 52 ޕަސެންޓުގައި ހުރުމަށް ފަހު މިދިއަ އަހަރު 50.5 ޕަސެންޓަށް ދަށަށް ދިޔަ އެވެ. އެއީ 3،026 އިން 2،777 އަށެވެ. އަދި ދެ ވަނަ ފަހަރަށް، ތިން ވަނަ ފަހަރަށް އަދި ހަތަރު ވަނަ ފަހަރަށް ނުވަތަ އެއަށް ވުރެ ގިނަ ފަހަރަށް ކައިވެނިކުރި މީހުންގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ.

މާލެ އާއި އަތޮޅުތެރޭގައި ވަރީގެ ނިސްބަތް ހުރި ގޮތް (މައުލޫމާތު:ޑީޖޭއޭ)

މާލެ އާއި އަތޮޅުތެރޭގައި ވަރީގެ ނިސްބަތް ހުރި ގޮތް (މައުލޫމާތު:ޑީޖޭއޭ)

އަންހެނުންނަށް ބަލާއިރު 2015 ގައި އަލަށް ކައިވެނިކުރީ 52 ޕަސެންޓް މީހުންނެވެ. ޖެހިގެން އައި އަހަރު 49.5 ޕަސެންޓަށް މި ނިސްބަތް ދަށަށް ގޮސްފައިވެ އެވެ. އެއީ 2،999 އިން 2،716 އަށް މަދުވެގެންނެވެ. އަންހެނުން ވެސް، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކުރި ކައިވެނީގެ ނިސްބަތާއި އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

މީގެ މާނަ އަކީ ކައިވެނި ރޫޅުމަށް ފަހު އަލުން ކައިވެނިކުރާ މީހުންގެ ނިސްބަތް، އަލަތު ކައިވެންޏަށް ވުރެ ނިސްބަތުން އިތުރުވުމެވެ.

ވަރި އެންމެ ގިނައީ 26-39 އަހަރާ ދެމެދުގައި

މުޅި ރާއްޖޭގައި 2016 ވަނަ އަހަރު 3،417 ވަރި ރަޖިސްޓްރީކޮށްފައިވެ އެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ 59 ވަރި މަދު އަދަދެކެވެ. ފެމިލީ ކޯޓުގައި 2016 ގައި ރަޖިސްޓްރީކޮށްފައި ވަނީ 1،341 ވަރި އެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި 2،076 ވަރި ރަޖިސްޓްރީކޮށްފައިވެ އެވެ. އެންމެ ގިނައިން ވަރިވެފައި ވަނީ އުމުރުން 26 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ.

ވަރީގެ އުމުރުފުރާ (މައުލޫމާތު:ޑީޖޭއޭ)

ވަރީގެ އުމުރުފުރާ (މައުލޫމާތު:ޑީޖޭއޭ)

މި އުމުރުފުރާގެ މީހުންގެ މެދުގައި ކުރި ވަރި އިތުރުވެފައި ވާއިރު އުމުރުން 40 އަހަރުން މަތީގެ މީހުންގެ މެދުގައި ކޮށްފައިވާ ވަރި ވެސް ވަނީ މައްޗަށް ގޮސްފަ އެވެ.

ހުރިހާ ވަރިއަކަށް ބަލާއިރު 2016 ގައ، ކޯޓަށް ހުށަހަޅައިގެން ގާނޫނާ އެއްގޮތަށް ކޮށްފައި ވަނީ 1،460 ވަރި އެވެ. ގާނޫނާ ޚިލާފަށް 1،850 ވަރިކޮށްފައިވެ އެވެ.

ކައިވެނިކޮށްގެން އުޅޭ ދެ މީހުންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން، އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، އެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ދެމިއޮތްކަން ކޯޓަށް ކަށަވަރުވެ، ކައިވެނީގެ ގުޅުން ޝަރުއީ ގޮތުން ރޫޅާލި ނިސްބަތް 2016 ގައި 12 ޕަސެންޓު އިތުރެވެ. އެއީ 90 އިން 101 އަށް އިތުރުވެގެންނެވެ.

ނަންބަރުތަކަށް ބެލުމުން ފެންނަނީ އާއިލީ ހީނަރު ގުޅުމެވެ. ނާކާމިޔާބު ކައިވެނިތަކަށް ފަހު ދިރިއުޅުން އަލުން އާރާސްތުކުރެވޭތޯ އަނެއްކާވެސް ކައިވެނިކުރާ މީހުންގެ އަދަދެވެ. މި ކައިވެނިތަކާއި ވަރިތަކާ އެކު އާއިލީ އެކި މައްސަލަތައް އުފަންވާނެ އެވެ. އިޖުތިމާއީ މި ބޮޑު މައްސަލައަށް އަމާޒުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ގިނަ އެވެ.