Roadha Mihaaru
ގާސިމް ގެންނަން އުޅެނީ ބަޣާވާތެއް: ޕީޕީއެމް

މެމްބަރުން ގެންދިޔައީ ދަޅަ ދައްކައިގެން، ގާސިމް ގެންނަން އުޅެނީ ބަޣާވާތެއް: ޕީޕީއެމް

11 ޖުލައި 2017

ޕީޕީއެމުން މެމްބަރުން ވަކިވެވަޑައިގެންނެވީ ފައިސާގެ ދަޅަ ދައްކައިގެން ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަޣާވާތެއް ގެންނަން އުޅުއްވާކަމުގެ ތުހުމަތު ވެރިކަން ކުރާ ޕީޕީއެމުން އޭނާގެ އިސްތަށިފުޅުގައި މިރޭ އަޅުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމުން މެމްބަރުން ވަކިވެވަޑައިގެންނެވީ ފައިސާގެ ދަޅަ ދައްކައިގެން ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަޣާވާތެއް ގެންނަން އުޅުއްވާކަމުގެ ތުހުމަތު ވެރިކަން ކުރާ ޕީޕީއެމުން އޭނާގެ އިސްތަށިފުޅުގައި މިރޭ އަޅުވައިފި އެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބުނީ ރައީސް އަބްދުﷲ ޔާމީނުގެ ފަހަތްޕުޅުގައި ތިބެން ދެ ޕާޓީގެ މެމްބަރުން ވެސް ނިންމެވި ކަމަށެވެ. ރައީސާ އެކު އޮތް ދެ ގަޑިއިރުގެ ބައްދަލުވުމަށް ފަހު އެ ކޯލިޝަނުން ބުނި ގޮތުގައި އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށް ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ އެވެ.

ބައްދަލުވުމުގައި ބައިވެރިވީ މަޖިލިހުގެ ކިތައް މެމްބަރުން ކަމެއް ނުބުނެ އެވެ.

މިރޭގެ ބައްދަލުވުމަށް ފަހު ރައީސް ޔާމީން ޕީޕީއެމް އޮފީހުން ނިކުމެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މިރޭގެ ބައްދަލުވުމަށް ފަހު ރައީސް ޔާމީން ޕީޕީއެމް އޮފީހުން ނިކުމެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ނުދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ބުނީ ގާސިމަށް ވިޔަފާރިތަކުން ލިބިވަޑައިގަންނަވާ ފައިސާ އިން ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާވަމުން ދަނީ ބަޣާވާތެއް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

"ބަޔަކު ކުރަން މި ރޭވި ބަޣާވާތް ފަސޭހަކަމާ އެކު ނާކާމިޔާބުކޮށްލާނަން،" ނިހާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް އޮތީ ވަރަށް ބަދަހިކަމާ އެކު ރައީސް ޔާމީނާ އެކުގައި ކަމަށެވެ. ޕީޕީއެމުން މެމްބަރުން ވަކިވެވަޑައިގަތުމަކުން ގައުމާއި ދީނުގެ ހައްގުގައި ކުރާ އެ މަސައްކަތްތަކަށް ހީނަރުކަން ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާން މިއަދު އޮތް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަަ ދައްކަވަނީ ފޮޓޯ/ހުސެއިން ވަހީދު/ މިހާރު

ނިހާން މިއަދު އޮތް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަަ ދައްކަވަނީ ފޮޓޯ/ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން މިތިބީ ކޮންމެ ހާލަތެއްގައި ވެސް ގައުމު އިސްކުރުމުގެ ނިޔަތުގައި. ރައްޔިތުންގެ ހައްގުގައި، ގައުމާއި ދީނުގެ ހައްގުގައި ކުރަން ޖެހުނު އެއްވެސް މަސައްކަތެއް ކުރުމަށް ފަހެއް ނުޖެހޭނަން، އަޅުގަނޑުމެންގެ ތެރެއިން ވަކި މީހަކު ގޮސްގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުން އެކަމާ ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލައި، ބަޣާވާތެއް ގެންނަން ކުރާ މަސައްކަތް ވެސް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަށީގައި ހުރެގެން ގައުމު އަނދަވަޅަކަށް ވައްޓާލައި ލާދިނީ ކަންކަން ގެނައުމަށާއި ގައުމުގެ މިނިވަންކަން ނަގާލައި ސިޔާދަތު ވިއްކާލަން ފުރުސަތެއް ނުދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދުއެދުމާ ގުޅިގެން ޕީޕީއެމާއި އެމްޑީއޭ އިން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

ފަލާހް (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ގާސިމް ބަޣާވާތެއް ގެންނަވަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ފަލާހް (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ގާސިމް ބަޣާވާތެއް ގެންނަވަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަކީ ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މަޖިލިހަށް ޕާޓީގެ ޓިކެޓުގައި މެމްބަރުން ހޮވިވަޑައިގަންނަވާއިރު، އަމިއްލަ މަންފާއަށް ޕާޓީ ބަދަލުކުރުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ރައީސް ޔާމީނާ ބައްދަލުކުރެއްވީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ކުރަން އިދިކޮޅު ފަރާތްތަކުން އުޅެނީ ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"(ގާސިމް) އަމިއްލަ ވިޔަފާރީގެ މަސްލަހަތު ވަރަށް ބޮޑަށް އިސްކޮށް، ވިޔަފާރީގެ ފައިސާއިން ހިންގަމުންދާ ވަރަށް ބޮޑު ޖަރީމާއެއް މިއީ، މިއީ ބޮޑު ބަޣާވާތެއް،" މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ނުވާނެ ކަން ފާހަގަކުރައްވާ ފަލާހް ވިދާޅުވި އެވެ.